ފޮޓޯ ޝޫޓަކަށް މަނީޝް މަލްހޯތުރާ އާއި ކެޓުރީނާ ކައިފް ރާއްޖޭގައި
ފޮޓޯ ޝޫޓަކަށް މަނީޝް މަލްހޯތުރާ އާއި ކެޓުރީނާ ކައިފް ރާއްޖޭގައި

ސުވިމްސޫޓް ފޮޓޯޝޫޓަކަށް ބޮލީވުޑް މަޝްހޫރު ބަތަލާ ކެޓުރީނާ ކައިފް ރާއްޖެ އަތުވެއްޖެ އެވެ. އޭނާއާއެކު އިންޑިއާގެ މަޝްހޫރު ފެޝަން ޑިޒައިނަރު މަނީޝް މަލްހޯތުރާ ވެސް ރާއްޖެ އައެވެ.

މި ފޮޓޯޝޫޓް އިއްޔެގެ ވަގުތެއްގައި ކުރިޔަށް ގެންގޮސްފައިވާއިރު އެތަނުން ފޮޓޮއެއް ކެޓުރީނާ ވެސް ވަނީ ސޯޝަލް މީޑިއާގައި އާއްމުކޮށްފަ އެވެ.

"ދިވެހިރާއްޖެ .... ހާޕާޒް ބާޒާރު ބްރައިޑް އިންޑިއާ ޝޫޓް. ތިން މަތިންދާބޯޓުގައި 12 ގަޑިއިރު ދަތުރުކުރުމަށްފަހު މަންޒިލަށް އާދެވިއްޖެ،" އެ ފޮޓޯގެ ކެޕްޝަނަށް ކެޓުރީނާ ލިޔެފައި ވެއެވެ.
ހާޕާޒް ބާޒާރަކީ އިންޑިއާގެ ވަރަށް މަޝްހޫރު ފެޝަން މަޖައްލާ އެކެވެ. އެ މަޖައްލާގައި ޖަހަން ތައްޔާރުވަމުންދާ ކެޓުރީނާގެ ފޮޓޯޝޫޓަށް ގިނަ ބަޔަކު ދަނީ އިންތިޒާރުކުރަމުންނެވެ.

ކެޓުރީނާ އާއެކު ރާއްޖޭގައި ނަގާފައިވާ ފޮޓޮއެއް މަނީޝް ވެސް ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައި ވެއެވެ. އޭނާ ބުނެފައިވާ ގޮތުގައި މިއީ އޭނާ ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަހަރެވެ.

މަނީޝް އަލަށް ރާއްޖެ އައި ނަމަވެސް ކެޓުރީނާ މީގެ ކުރިން ވެސް ރާއްޖެ އައިސްފައި ވެއެވެ. ކުރީގެ ލޯބިވެރިޔާ ރަންބީރު ކަޕޫރާއެކު އެއްފަހަރު ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާއިރު އޭގެ ކުރިން ސަލްމާން ޚާނާއެކު "މައިނޭ ޕިޔާރް ކިޔޫން ކިޔާ" ކުޅެން ކެޓުރީނާ ރާއްޖެ އައިސްފައި ވެއެވެ.

މަނީޝް މިއަދު ހެނދުނު އިންސްޓަގްރާމްކޮށްފައިވާ ވީޑިއޯއެއްގައި އޭނާ ހުރީ އަނަންތަރާ ކިހަވައް ގައި ކަމަށް ބުނެފައި ވެއެވެ.