ކާސްޓާއި ކްރޫ ކޮވިޑް ވެކްސިން ނުޖަހާތީ ޝޯން "ގޭސްލިޓް" ގެ ސެޓާ ނުދާން ނިންމައިފި
ކާސްޓާއި ކްރޫ ކޮވިޑް ވެކްސިން ނުޖަހާތީ ޝޯން "ގޭސްލިޓް" ގެ ސެޓާ ނުދާން ނިންމައިފި

ޝޫޓިން ފަށާފައި އޮތް އެންބީސީ ޔުނިވާސަލްގެ ސީރީޒް "ގޭސްލިޓް" ގެ ކާސްޓާއި ކްރޫގައި ހިމެނޭ އެންމެން ކޮވިޑްގެ ވެކްސިން ނުޖަހާ ނަމަ އޭގެ ޝޫޓިންގައި ބައިވެރި ނުވާން، މަޝްހޫރު އެކްޓަރު ޝޯން ޕެން ނިންމައިފި އެވެ.

މިކަން ކަށަވަރުކޮށްދެމުން އޭނާގެ ތަރުޖަމާނު ހުކުރު ދުވަހު ސީއެންއެން އަށް ބުނީ ކާސްޓާއި ކްރޫގައި ހިމެނޭ ބައެއް މީހުން ކޮވިޑުން ރައްކާތެރިކަން ހޯދަން ސަމާލުކަން ނުދޭ ކަމަށާއި އެންސީބީ ޔުނިވާސް އިން ވެސް އެކަން އެހާ ސީރިއަސްކޮށް ނުނަގާ ކަމަށެވެ. އަދި އެކަމާ ހެދި އަމިއްލަ ސިއްހަތު ނުރައްކަލުގެ ތެރެއަށް ހުށަހަޅަން 60 އަހަރުގެ އެކްޓަރު ބޭނުން ނުވާތީ "ގޭސްލިޓް" ގެ ކާސްޓާއި ކްރޫގައި ހިމެނޭ އެންމެން މަދުވެގެން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމުން ނޫނީ ސެޓަށް އަލުން ނުދާނެ ކަމަށެވެ.

ސްޓާޒް އިން މި އަހަރުގެ ފަހުކޮޅު ދައްކަން ހަމަޖެހިފައިވާ "ގޭސްލިޓް" އަކީ އެމެރިކާގެ ކުރީގެ ރައީސް ރިޗަޑް ނިކްސަންގެ ދައުރުފގެ ވޯޓަގޭޓް ހާޖާނުގަނޑަށް މި ޒަމާނުގެ ނަޒަރިއްޔާތަކުން ގެނެސްދޭ ޕޮލިޓިކަލް ޑްރާމާއެކެވެ. މިގައި ޝޯން ކުޅެނީ އެޓާނީ ޖެނެރަލް ޖޯން މިޝެލްގެ ރޯލެވެ. އޭނާގެ އަންހެނުން މާތާގެ ރޯލު ކުޅެނީ މަޝްހޫރު ބަތަލާ ޖޫލިއާ ރޮބަޓްސް އެވެ. އޭނާ މެއި މަހުގެ ތެރޭގައި ވެކްސިން ޖަހާފައިވެ އެވެ.

ކޮވިޑް ވެކްސިނަށް އިސްކަން ނުދޭ މައްސަލާގައި ޝޯން "ގޭސްލިޓް" ގެ މަސައްކަތާ ދުރުވި އިރު، ކާސްޓާއި ކްރޫ އަށް ވެކްސިން ދޭން އެންސީބީ ޔުނިވާސަލް އިން ހަމަޖައްސާފައި ހުރި އިންތިޒާމުތަކާ ދޭތެރޭ ވެސް ކާމިޔާބު ފިލްމުތަކެއް ކުޅެފައިޗާ ތަޖުރިބާކާރު އެކްޓަރު ހުރީ ހިތްހަމަނުޖެހިފައި ކަމަށް ޑެޑްލައިނުން ބުންޏެވެ.

މިކަމާ ގުޅިގެން އެ ކުންފުނިން ބުނެފައި ވަނީ "ގޭސްލިޓް" ގައި ގިނަ ބަޔަކު އެއްތަންވެގެން ކުރަން ޖެހޭ މަސައްކަތްތަކުގައި ނުވަތަ "ޒޯން އޭ" ގައި ޝާމިލުވާ އެންމެން ވެކްސިން ޖެހުން މަޖުބޫރުވާނެ ކަމަށެވެ.

ޑެޑްލައިނުން ބުނި ގޮތުގައި ކޮވިޑްގެ ވެކްސިނަށް ވަަރަށް ބޮޑު އިސްކަމެއްދޭ ޝޯން އަންނަނީ ކެލިފޯނިއާގައި އޭނާގެ ޖަމިއްޔާ ކޯ (ކޮމިއުނިޓީ އޯގަނައިޒްޑް ރިލީފް އެފަޓް) ގެ ދަށުން ހިލޭ އާންމުންނަށް ކޮވިޑަށް ޓެސްޓްކޮށް، ވެކްސިން ޖެހުމުގެ ހިދުމަތް ވެސް ދެމުންނެވެ.