ޖޯޑަން ޕީލްގެ އާ ފިލްމަކީ "ނޯޕް"
ޖޯޑަން ޕީލްގެ އާ ފިލްމަކީ "ނޯޕް"

ބިރުވެރި ފިލްމުތައް ހަދަން ކުޅަދާނަ ހޮލީވުޑްގެ ޑައިރެކްޓަރު ޖޯޑަން ޕީލްގެ އާ ފިލްމު އިއުލާންކޮށްފި އެވެ.

ފަސްޓްލުކް ޕޯސްޓަރު ވެސް މިހާރު ދައްކާލައިފައިވާ ފިލްމުގެ ނަމަކީ "ނޯޕް" އެވެ. މީގެ ކާސްޓްގައި ހިމެނެނީ 2017 ގައި ޕީލް ގެނެސްދީގެން އޮސްކާ އެވޯޑެއް ވެސް ހާސިލުކުރި ބިރުވެރި ފިލްމު "ގެޓް އައުޓް" ގެ ބަތަލު ޑެނިއަލް ކަލޫޔާގެ އިތުރުން ކީކް ޕަލްމާ އަދި ސްޓީވެން ޔިއުން އެވެ.

"ނޯޕް" އަކީ ވެސް ބިރުވެރި ވާހަކައެއް ކިޔައިދޭނެ ފިލްމެކެވެ. އެކަމަކު ފިލްމުގެ ޕްލޮޓާ ބެހޭ އެއްވެސް ވާހަކައެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. "ނޯޕް" ބެލުންތެރިންނަށް ގެނެސްދޭން ތާވަލުކޮށްފައި އޮތީ އަންނަ އަހަރުގެ ޖުލައި 22 ގަ އެވެ.

ހޮލީވުޑް ރިޕޯޓާ އިން ބުނި ގޮތުގައި މި ފިލްމަކީ 2019 ގައި ޔުނިވާސަލް ޕިކްޗާޒްއާ އެކު ޕީލް ހެދި ފަސް އަހަރުގެ އެއްބަސްވުމުގެ ދަށުން ހަދާ ތިން ފިލްމެވެ. އޭނާ އެންމެ ފަހުން ގެނެސްދިން ފިލްމަކީ އެ އަހަރުގެ ބިރުވެރި ފިލްމު "އަޒް" އެވެ.

ކަލޫޔާގެ ކުރިއަށް އޮތް ފިލްމު އަންނަ މަހުގެ 27 ގައި ރިލީޒްކުރާ ސުޕަނެޗްރަލް ފިލްމު "ކޭންޑީމޭން" އަކީ ވެސް ޕީލް އާއި ޔުނިވާސަލް ގުޅިގެން ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ. ނެޓްފްލިކްސް އިން ގެނެސްދޭން ހަމަޖެހިފައިވާ ބިރުވެރި ފިލްމު "ވެންޑެލް އެންޑް ވައިލްޑް" އަކީ ވެސް ޕީލް ޕްރޮޑިއުސްކޮށްފައިވާ ބިރުވެރި ފިލްމެކެވެ.

ބިރުވެރި ޖޯންރާ އަށް ބޮޑު ޝައުގުވެރިކަމެއް ދޭ ޕީލް، 42، ގެ "ގެޓް އައުޓް" އަކީ އޮސްކާގައި އޭނާ އަށް އެންމެ މޮޅު އޮރިޖިނަލް ސްކްރީންޕްލޭގެ އެވޯޑް ވެސް ލިބުނު ފިލްމެކެވެ. އަދި އެ ފިލްމު އެންމެ މޮޅު ފިލްމާއި އެންމެ މޮޅު ޑައިރެކްޓަރާއި އެންމެ މޮޅު އެކްޓަރު (ކަލޫޔާ) ގެ ނޮމިނޭޝަން ވެސް ލިބުނެވެ.

އެންމެ 4.5 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "ގެޓް އައުޓް" އަކީ ބޮކްސް އޮފީހުގައި 255.4 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ފިލްމެކެވެ.

ވިހި މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "އަޒް" އަކީ 255.2 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. އެކަމަކު އެ އެ ފިލްމަކީ ހާއްސަ އެވޯޑްތަކެއް ލިބުނު ފިލްމެއް ނޫނެވެ.

"ނޯޕް" އަކީ ޕީލް ޑައިރެކްޓްކުރާ ތިން ވަނަ ފިލްމެވެ.