24 ޖުލައި 2021 - 01:45

ޓޯކިޔޯ (ޖުލައި 23) - ބާއްވަން ކަނޑައެޅި ތާރީހަށް ވުރެ އެއް އަހަރު ފަހުން އޮލިމްޕިކް ގޭމްސް ރަސްމީކޮށް މިރޭ ފަށައިފި އެވެ.

މިދިޔަ އަހަރު ބާއްވަން އޮތް ގޭމްސް މި އަހަރަށް ފަސް ކުރަން ޖެހުނީ މުޅި ދުނިޔެ ފިއްތާ ތާށިކޮށްލި ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި އެވެ. ޓޯކިޔޯގެ އޮލިމްޕިކް ސްޓޭޑިއަމްގައި ކުލަކުލައިން ހަވާ އަރުވައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔަ ނަމަވެސް މުޅި ސްޓޭޑިއަމް އޮތީ ފަޅުކޮށެވެ.
ކޮވިޑުގެ ސަބަބުން އެންމެ ބޮޑަށް އޭގެ އަސަރު ކުރީ އޭޝިއާއަށެވެ. ވަރުގަދަ ޓެކްނޮލޮޖީ އާއި ޒަމާނީ އާލާތްތަކާއެކު ވެސް ޖަޕާނަށް ވެސް އެކަމުން ސަލާމަތެއް ނުވެވުނެވެ. ނަމަވެސް އަވަށްޓެރި އެހެން ގައުމުތަކަށް ވުރެ ޖަޕާންގެ ވޭން ކުޑަ އެވެ.
ޖަޕާންގައި ބާއްވާ ގޭމްސްގައި އަސްލު ބަތަލުންނަށް ވީ، ކޮވިޑުގެ މި އާފާތުގެ ތެރޭގައި ވެސް ގޮންޖެހުމާއެކު އޮލިމްޕިކްސްގައި ވާދަ ކުރަން ދިޔަ ގައުމުތަކެވެ. އެންމެ ފަގީރު، އެންމެ މުއްސަނދި އެންމެ ކުޑަ އަދި އެންމެ ބޮޑު ގައުމެއް ތަފާތެއް ނެތި އެވެ.
ބޮޑެތި ގައުމުތަކަށް ވުރެ ރާއްޖެ ކަހަލަ ކުދި ގައުމުތަކުން އޮލިމްޕިކްސްގެ ދައްތުރަށް ތައްޔާރުވުމަށް ކުރި މަސައްކަތް ބޮޑެވެ. ޓޯކިޔޯ އަށް ދިޔަ ދިވެހި ކޮންޓިންޖެންޓުގެ ހުރިހާ މެންބަރުން ވެސް ތިބީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްގެންނެވެ. މުއްސަނދި އަދި ބޮޑެތި ގައުމުތަކުގެ ބައެއް އެތުލީޓުން ވެކްސިން ފުރިހަމަ ކޮށްފައެއް ނުވެ އެވެ.
ކޮވިޑުގެ ވަބާގައި މުޅި ދުނިޔެ ޖެހިފައި ވަނިކޮށް އެތުލީޓުން ގޭމްސްގައި ވާދަ ކުރަން ދިއުމަކީ އުންމީދެއްގެ ފެށުން ކަމަށް އިންޓަނޭޝަނަލް އޮލިމްޕިކް ކައުންސިލްގެ ރައީސް ތޯމަސް ބާކް، ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވިދާޅުވި އެވެ.
"އުނދަގުލާއި ގޮންޖެހުމުގައި ފަހަތަށް ޖެހުމެއް ނެތި ވެސް މި ބުރަ އުފުލައިފި. މިއަދު ތި އެތުލީޓުން ތި ހާސިލު ކުރަނީ ތި އެތުލީޓުންގެ އޮލިމްޕިކްގެ ހުވަފެން. ތިޔައީ ހަގީގީ އޮލިމްޕިކް އެތުލީޓުންގެ ސިފަޔަކީ،" ބާކް ވިދާޅުވި އެވެ.