އަންނައުނު މާކެޓްކުރަން ކޮވިޑާ ގުޅުވުމުން 3.7 މިލިއަނުގެ ޖޫރިމަނާއެއް
އަންނައުނު މާކެޓްކުރަން ކޮވިޑާ ގުޅުވުމުން 3.7 މިލިއަނުގެ ޖޫރިމަނާއެއް

ކޮވިޑް-19 ޖެހުމުން ރައްކާތެރިކޮށްދޭ ކަމަށް ބުނެ އޮސްޓްރޭލިއާ ކުންފުންޏަކުން މިދިޔަ އަހަރު "އެލްޖޭ ޝީލްޑް" ގެ ނަމުގައި އެކްޓިވްވެއާގެ އައިޓްމަތަކެއް ވިއްކި މައްސަލައެއްގައި 3.7 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި އެވެ.

މީޑިއާތަކުން ބުނި ގޮތުގައި މީގެ އަހަރެއް ކުރިން އެ ތަކެތި މާކެޓްކޮށް ވިއްކީ އޮސްޓްރޭލިއާގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ލޯނާ ޖޭން (އެލްޖޭ) އިންނެވެ. އެ ތަކެތި އެ ކުންފުނިން ވިއްކީ ލައިގެން ހުންނަ އިރު ކޮވިޑް ޖެހުމަށް މަގުފަހިވެދާނެ ހުރިހާ ކަމަކުން ރައްކާތެރިކޮށްދޭނެ އުފެއްދުމެއް ގޮތުގަ އެވެ. އަދި އެ ކުންފުނިން "އެލްޖޭ ޝީލްޑް" އިޝްތިހާރު ކުރީ ވެސް ކޮވިޑަށް މަގުފަހިވެދާނެ ހުރިހާ ޕެތޮޖަންސްއަކުން ރައްކާތެެރިކޮށް އަދި އެކަމަށް ހާއްސަ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއްގެ ގޮތުގަ އެވެ.

މި މައްސަލާގައި އެލްޖޭ އަށް ދައުވާކުރީ އޮސްޓްރޭލިއަން ކޮމްޕެޓިޝަން އެންޑް ކޮންޒިއުމާ ކޮމިޝަން (އޭސީސީސީ) އިންނެވެ. އެތަނުގެ ޗެއާމަން ރޮޑް ސިމްސް ވިދާޅުވި ގޮތުގައި އެލްޖޭގެ އެ އަމަލަކީ ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި ވިޔަފާރީގެ ގޮތުން ބޮޑު ފައިދާއެއް ހޯދަން ހިންގި ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެކެވެ.

މި މައްސަލާގައި ހުކުރު ދުވަހު ކޯޓުން ކުރި ހުކުމުގައި ބުނީ "އެލްޖޭ ޝީލްޑް" ވިއްކީ ކަސްޓަމަރުންނަށް ނުބައި މައުލޫމާތު ދީ އޮޅުވާލައިގެން ކަމަށެވެ. އަދި އެކަމުގެ ސަބަބުން ނުރައްކާތެރި ކަމެއް ދިމާވުމުގެ ފުރުސަތު ވެސް އޮތް ކަމަށް ބުންޏެވެ. އެހެންވެ އެ ކުންފުނި ފަސް މިލިއަން އޮސްޓްރޭލިއާ ޑޮލަރު (3.7 އެމެރިކާ ޑޮލަރު) އިން ޖޫރިމަނާކުރާ ކަމަށް މައްސަލާގައި ހުކުމް އިއްވި ފަނޑިޔާރު ވިދާޅުވި އެވެ.

ކޯޓްގެ ހުކުމާ ގުޅިގެން އެލްޖޭގެ ޗީފް އެގްޒެކެޓިވް ބިލް ކްލާކްސަަން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ކޯޓްގެ ނިންމުން ބަލައިގަންނަ ކަަމަށެވެ. އެކަމަކު "އެލްޖޭ ޝީލްޑް" ކޮވިޑް އިން ރައްކާތެރިކޮށްދޭ އެކްޓިވް ވެއާގެ ގޮތުގައި މާކެޓްކޮށް، ވިއްކީ އެ ތަކެތި އުފައްދި ކުންފުނީގެ ސަޕްލަޔަރު ދިން މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ކަމަށް ވިދާޅުވި އެވެ.

"ސަަޕްލަޔަރު އެލްޖީ ޝީލްޑް އަހަރެމެންނާ ހަމައަށް ގެނެސްދިނީ އެންޓި-ބެކްޓީރިއަލް އަދި އެންޓި ވައިރަލް އުދެއްދުމެއްގެ ގޮތުގައި. އަދި އެކަމަށް ހާއްސަ ޓެކްނޮލޮޖީ ބޭނުންކޮށްފެން އުފައްދާފައިވާ އެއްޗެއް ކަމަށް ބުނެ." ބިލް ވިދާޅުވި އެވެ.

އެލްޖޭ އަކީ އިނގިރޭސިވިލާތަށް އުފަން އެކަމަކު ފަހުން އޮސްޓްރޭލިއާ އަށް ހިޖުރަކޮށް އެ ގައުމުގެ ރަށްވެހިކަން ހޯދާފައިވާ ވިޔަފާވެރިޔާ ލޯނާ ޖޭން ކްލާކްސަން، 56، ގެ ކުންފުންޏެކެވެ. ކުންފުނީގެ ސީއީއޯ އަކީ ވެސް އޭނަ އެވެ.