2،500 ޓަނުގެ މަސް ރައްކާ ކުރެވޭ ބޯޓެއް މިފްކޯ އިން ގެނެސްފި
2،500 ޓަނުގެ މަސް ރައްކާ ކުރެވޭ ބޯޓެއް މިފްކޯ އިން ގެނެސްފި

ދެހާސް ފައްސަތޭކަ ޓަނުގެ މަސް ރައްކާ ކުރެވޭ ބޯޓެއް މިފްކޯ އިން އިއްޔެ ރާއްޖެ ގެނެސްފި އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ "މިހާރު"އަށް ވިދާޅުވީ މި ބޯޓު ގެނައީ ތައިލެންޑުން ކަމަށެވެ. މި ބޯޓު ރާއްޖެ ގެނައުމަށް ގާތްގަނޑަކަށް 1.8 މިލިއަން ޑޮލަރު (27.75 މިލިއަން ރުފިޔާ) ހަރަދުވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިސްމާއިލް ވިދާޅުވީ މި ބޯޓު ބޭނުން ކުރާނީ ރާއްޖޭން ބޭރަށް މަސް އެކްސްޕޯޓު ކުރުމަށް ކަމަށެވެ. އަދި މަސްވެރިކަން ރަނގަޅު ދުވަސްވަރު މަސް ރައްކާ ކުރުމަށް ވެސް މި ބޯޓު ބޭނުން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިދިޔަ އަހަރު ފަހުކޮޅު ރާއްޖޭގެ އުތުރުގައި މަސްވެރިކަން އާދަޔާ ޚިލާފަށް ރަނގަޅުވި. މި އަހަރު ވެސް މަސްވެރިކަން ފުދޭ ވަރަކަށް ރަނގަޅު. މިގޮތަށް މަސްވެރިކަން ރަނގަޅު ދުވަސްވަރު މަސް ގަތުމަށް އަޅުގަނޑުމެންނަށް ދަތިވޭ. މި ބޯޓު ބޭނުން ކުރެވޭނެ މިފަދަ ދުވަސްވަރު މަސް ރައްކާކުރަން ވެސް،" އިސްމާއިލް ވިދާޅުވި އެވެ.

ތައިލެންޑުގެ ކުންފުންޏަކުން ބޭނުން ކުރަމުން އައި މި ބޯޓަކީ 98 މީޓަރުގެ ދިގު ބޯޓެކެވެ. މި ބޯޓަކީ ބައިނަލްއަގުވާމީ މިންގަނޑުތައް ކަމަށްވާ އީޔޫއާއި އައިއޯޓީސީ މިންގަނޑުތަކަށް ފެތޭ ބޯޓެއް ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

މިފްކޯގެ މަސް ރައްކާ ކުރުމުގެ ޖާގަ އިތުރުކުރުމަށް ސަރުކާރުން މިހާރު ވެސް އަންނަނީ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން، އިންޑިއާ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނާއި ސައުދީ ފަންޑުގެ ދަށުން 56.8 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 875.85 މިލިއަން ރުފިޔާ) ގެ ޕްރޮޖެކްޓުތައް އަންނަނީ ހިންގަމުންނެވެ.