24 ޖުލައި 2021 - 11:35

ގދ. ނަޑެއްލާގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު 100 އިން މައްޗަށް ގޮސް، ހާލަތު ގޯސް ވެއްޖެ އެވެ.
އެ ރަށުން އެންމެ ފުރަތަމަ ކޮވިޑް ޖެހިފައިވާ މީހަކު ފެނުނީ މި މަހުގެ 13 ވަނަ ދުވަހު، ހާލު ބޮޑުވެގެން ގދ. ތިނަދު އަށް ގެންދިޔަ އުމުރުން ދުވަސްވީ މީހެއްގެ ފަރާތުންނެވެ. އޭގެ ފަހުން ހަފުތާއެއްވީއިރު، ނަޑެއްލާގައި ކޮވިޑް ޖެހިގެން މިހާރު ފަރުވާ ހޯދާ މީހުންގެ އަދަދަކީ 114 އެވެ. މިހާތަނަށް 117 މީހަކަށް ބަލި ޖެހިފައި ވެ އެވެ.
ކައުންސިލްގެ ރައީސް މުހައްމަދު އަންޝައު "މިހާރު" އަށް ވިދާޅުވީ، ނަޑެއްލާގެ ހާލަތު ގޯސްވުމުން، ރަށް ބަންދުކޮށް، ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ކަމަށެވެ. އެ ފިޔަވަޅުތަކުގެ ތެރޭގައި ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ބޭރަށް ނުކުތުން މަނާކުރުމާއި ވިޔަފާރީ ކުރަން ވަކި ވަގުތެއް ކަނޑައެޅުމާއި އަދި މިސްކިތައް ބަންދުކުރުން ހިމެނެ އެވެ.
"ފުރަތަމަ ޕޮޒިޓީވްވީ 80 އަހަރުން މަތީގެ މީހެއް ތިނަދު އަށް ގެންދިޔަ ފަހުން. އެ ހިސާބުން އެނގުނީ ރަށު ތެރޭގައި ސްޕްރެޑެއް އެބަ އޮތް ކަން،" އަންޝައު ވިދާޅުވި އެވެ.
ނަޑެއްލާ އިން މިހާތަނަށް 364 މީހުން ވަނީ ކޮވިޑަށް ޓެސްޓު ކޮށްފަ އެވެ.
އެޗްޕީއޭ އިން ކޮންމެ ދުވަހަކު އާންމުކުރާ މައުލޫމާތުން އެނގޭ ގޮތުގައި އަތޮޅު ތެރޭގައި ކޮވިޑްގެ ކޭސްތައް ދަނީ އިތުރުވަމުންނެވެ.
ޖުމުލަކޮށް، ރާއްޖޭގައި ކޮވިޑްގެ ކޭސްތައް މަދުވާން ފެށުމުން މިދިޔަ އަޟްހާ އީދު ބަންދާ ދިމާކޮށް ސަރުކާރުން ވަނީ ބޮޑެތި ލުއިތަކެއް ދީފަ އެވެ. ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ކަރަންޓީނުވުމަކާ ނުލާ ދަތުރުކުރުމުގެ ހުއްދަ ވެސް ވަނީ ދީފަ އެވެ.