23 ޖުލައި 2021 - 11:56

އެމެރިކާގެ މަޝްހޫރު ޓައިމް މެގަޒިންގެ މި އަހަރުގެ އެންމެ ވަރުގަދަ 100 މަންޒިލްގެ ތެރޭގައި ރާއްޖެ ހިމެނިއްޖެ އެވެ.
ޓައިމްގެ 100 ލިސްޓަކީ ކޮންމެ އަހަރަކު ވެސް ތަފާތު ދާއިރާތަކުން ފާހަގަ ކުރެވޭ ތަންތަނާއި މީހުން ފާހަގަކޮށް ހޮވާ ލިސްޓެކެވެ. މިގޮތުން "ވޯލްޑް ގްރޭޓެސްޓް ޕްލޭސަސް"ގެ މި އަހަރުގެ ލިސްޓުގައި ގައުމުތަކުގެ އިތުރުން ސިޓީތަކާއި ގައުމުތަކުގެ އަވަށްތައް ވެސް ވަނީ ހިމަނައިފަ އެވެ.
މި ލިސްޓުގައި ރާއްޖެ އޮތީ 53 ވަނައިގަ އެވެ.
ޓައިމް އިން ބުނެފައިވާ ގޮތުގައި މި ލިސްޓުގައި ހިމަނާފައިވާ ހުރިހާ ތަނަކީ ވެސް ކޮވިޑް-19އާ ގުޅިގެން ދުނިޔެ އަށް ދިމާވެފައިވާ ދަތި ހާލުގައި ވެސް ތަފާތު ޚިދުމަތްތައް ފޯރުކޮށްދޭ ހިތްގައިމު މަންޒިލްތައް ކަމަށެވެ. މި ލިސްޓަށް ސަރަހައްދުތައް ހޮވަނީ އެ މެގަޒިންގެ ކޮރެސްޕޮންޑެންޓުންނާއި ކޮންޓްރިބިއުޓަރުންގެ ބައިނަލްއަގްވާމީ ނެޓްވޯކުން ނޮމިނޭޓްކުރާ މަންޒިލުތަކުގެ ތެރެއިންނެވެ.
މި ލިސްޓުގައި ރާއްޖެ ހިމަނާފައިވަނީ ކޮވިޑް-19އާ ގުޅިގެން ޓޫރިޒަމް ހުއްޓުނަ ނުދިނުމަށް ކޮށްފައިވާ މަސައްކަތްތަކުގެ ސަބަބުންނެވެ. އެގޮތުން، ރާއްޖެއަކީ ކޮވިޑަށް ފަހު ދުނިޔޭގެ އެންމެ ފުރަތަމަ ހުޅުވާލި މަންޒިލްތަކުގެ ތެރެއިން އެއް މަންޒިލަށްވާ އިރު ރާއްޖެއަކީ ޓޫރިސްޓުންގެ ކަރަންޓީން އުވާލި ފުރަތަމަ ގައުމެވެ.
ޓޫރިޒަމް މިނިސްޓްރީން އިއުލާން ކުރި ވެކްސިން ޓޫރިޒަމަކީ ވެސް ރާއްޖެ އަށް ބޮޑު ތަރުހީބެއް ލިބުނު ސަބަބެކެވެ. މި ޕްރޮގްރާމް މި އަހަރުގެ ފަހު ކޮޅު ފަށާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އެ މެގަޒިންގައި ރާއްޖޭގައި ފާހަގަކޮށްލެވޭ ތަންތަނުގެ ތެރޭގައި މިއަހަރު އަލަށް ހުޅުވި ފަރި އައިލެންޑްސް އާއި ވެލާ ޕްރައިވެޓް އައިލެންޑް ވަނީ ހިމަނައިފަ އެވެ.
މި ލިސްޓުގައި ރާއްޖޭގެ އިތުރުން ބެންކޮކާއި ކޮސްޓަރީކާ، ދުބާއީ، މެޑްރިޑް ނިއުޔޯކް ސިޓީ، ޕެރިސް، ސިންގަޕޫރު ޒިއުރިކް އަދި އެތެންސް ފަދަ މަޝްހޫރު މަންޒިލްތައް ހިމެނެ އެވެ.