26 ނޮވެމްބަރ 2016 - 07:21

ރާއްޖޭގައި ވެރިކަން ކުރެއްވި ފަސް ރައީސުންގެ ތެރެއިން މިހާތަނަށް އެންމެ ދަތި އުނދަގުލުގައި ވެރިކަން ކުރެއްވީ ރައީސް މުހައްމަދު ވަހީދު ކަމަށް، އެ މަނިކުފާނުގެ ނައިބު ރައީސެއްގެ ގޮތުގައި މަސައްކަތްޕުޅު ކުރެއްވި މުހައްމަދު ވަހީދުއްދީން (ޑީން) ރޭ ވިދާޅުވެއްޖެ އެވެ.

ވަހީދުގެ ހަޔާތްޕުޅާ ގުޅޭގޮތުން ނޫސްވެެރިޔާ މުހައްމަދު ޖަމީލު ލިޔުއްވި ފޮތް، "އިންސާފު" ނެރުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވަމުން ޑީން ވިދާޅުވީ، ރާއްޖޭގައި ވެރިކަން ކުރެއްވި ފަސް ރައީސުންގެ ތެރެއިން ވެރިކަމެއް ކުރުމަށް އެންމެ އުނދަގޫ ދަނޑިވަޅާ ކުރިމަތިލާން ޖެހިވަޑައިގަތީ ވަހީދަށް ކަމަށެވެ. އެކަމަކު އޭރު އެ މަނިކުފާނު އެ ދެއްކެވި ކެއްތެރިކަމާއި މަޑުމައިތިިރި ކަމަކީ ގައުމަށް ކުރެއްވި ޖިހާދެއް ކަމަށް ޑީން ސިފަ ކުރެއްވި އެވެ.
އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ވަހީދު، ރައީސް ކަމުގެ ހުވާކުރެއްވި ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ގަވައިދުން މުޒާހަރާތައް ކުރަމުން ދިޔަ އެވެ. އަދި ގައުމު ހިންގެވުމަށްޓަކައި ވަހީދު އެދިވަޑައިގަންނަވާ ބަޖެޓެއް ވެސް އެ ބޭނުންފުޅުވާ ގޮތަށް ލިބިވަޑައިނުގެންނެވި ކަމަށް ޑީން ވިދާޅުވި އެވެ. މީގެ އިތުރުން އދ. ވެސް ހިމެނޭ ގޮތަށް، ދުނިޔޭގެ އެންމެ ބޮޑެތި ގައުމުތަކުގެ ހުރިހާ ސަފީރުން، ރައީސް އޮފީހަށް ވަޑައިގެން އިސްތިއުފާ ދެއްވުމަށް އެދި ވަހީދަށް އެތައް އިންޒާރެއް ދެއްވައި އިލްތިމާސްކޮށް މަޖުބޫރުތައް ކުރިމަތި ކުރެއްވި ކަމަށް ޑީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ހުރިހާ ސަފީރުން ވެސް އެދިވަޑައިގަތީ ރައީސް ކަމުން ވަހީދު އިސްތިއުފާ ދެއްވައި، އެ މަގާމު އޭރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާ ހަވާލުކުރެއްވުމަށެވެ.
"އަޅުގަނޑު އޭރު ރައީސް އޮފީހުގައި އުޅޭ މީހަކަށް ވުމުން ބައެއް ބައްދަލުވުންތަކުގައި ބައިވެރިވަން. އެތައް ފަހަރު އަޅުގަނޑު [ރައީސް ވަހީދަށް] ދެންނެވިން ބައްދަލުވުމުގައި ބައިވެރިނުވާން. އެކަމަކު އެ މީހުން ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް ހަމަ ހިނިފުޅުވެޑުވިފައި، އެމީހުންނާ ވާހަކަ ދައްކާފައި ޖަވާބުު ދެއްވާނެ،" ބަނޑޮހުގެ ވެރިޔާ ޑީން ވިދާޅުވި އެވެ.
"އޭރު އަޅުގަނޑަށް ވިސްނުނީ މިއީ [ރައީސް ވަހީދު] ވަރަށް ވަރުގަދަ ޑިޕްލޮމެޓިކް ޝަހުސިއްޔަތެއްކަން. މިގޮތަށް އަޅުގަނޑުމެންނަށް ކެތްތެރިއެއް ނުވެވޭނެ،"
ޑީން ވިދާޅުވި ދުވާލަކު ދެތިން ފަހަރު ވެސް އެކި ގައުމުތަކުގެ ސަފީރުން ރައީސް އޮފީހަށް ވަޑައިގެން ވަހީދަށް އެކި ގޮތްގޮތުން މަޖުބޫރު ކުރައްވާ ކަމަށެވެ.
ޑީން ވިދާޅުވީ މިއަދު މި ވެރިކަން އަމާންއޮމާން ކަމާއެކު ކުރިއަށްދަނީ އެ ދުވަހު ވަހީދު ދެއްކެވި، ހަރުދަނާ އަދި ކެތްތެރިކަމުގެ ސަބަބުން ކަމަށެވެ. އަދި އެއީ ގަބޫލު ކުރަން ޖެހޭ ހަގީގަތެއްކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.