ސަރުކާރަށް އެއްބާރުލުން ނުދިނުމަކީ ގައުމަށް ބޭވަފާތެރިވުން: މިނިސްޓަރު ސައީދު
ސަރުކާރަށް އެއްބާރުލުން ނުދިނުމަކީ ގައުމަށް ބޭވަފާތެރިވުން: މިނިސްޓަރު ސައީދު

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ތިން އަހަރު ފުރުނު އިރު، ކުރިން ނުދެކޭ ވަރުގެ ތަރައްގީ ރާއްޖެ އަށް އަންނަމުންދާ ކަމަށާއި އެހެންވެ ސަރުކާރަށް އެއްބާރުލުން ނުދިނުމަކީ ގައުމަށް ބޭވަފާތެރިވުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް އެއްބާރުލުން ނުދިނުމަކީ ގައުމަށް ބޭވަފާތެރިވުން: މިނިސްޓަރު ސައީދު
ސަރުކާރަށް އެއްބާރުލުން ނުދިނުމަކީ ގައުމަށް ބޭވަފާތެރިވުން: މިނިސްޓަރު ސައީދު

މާލޭ އުތުރު ބަނދަރުގައި ހެދި ކެފޭ ހުޅުވުމަށާއި ރައީސް ޔާމީންގެ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބޭއްވި ހަފްލާގައި މިނިސްޓަރު ސައީދު ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވި އިރު، ރާއްޖޭގެ އިޖުތިމާއީ ކަންކަމާއި އިގްތިސާދު ވެސް ބޮއްސުންލާފައިވާ ކަމަށެވެ. ނަމަވެސް، ރައީސް ޔާމީން ވަނީ އެކަން ބަދަލުކުރައްވައި ހުރިހާ ދިމާލަކުން ވެސް ރާއްޖެ ތަރައްގީގެ މަގަށް އަނބުރާލައްވާފައި ކަަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރަށް އެއްބާރުލުން ނުދިނުމަކީ ގައުމަށް ބޭވަފާތެރިވުން: މިނިސްޓަރު ސައީދު
ސަރުކާރަށް އެއްބާރުލުން ނުދިނުމަކީ ގައުމަށް ބޭވަފާތެރިވުން: މިނިސްޓަރު ސައީދު

ރާއްޖެ އަށް އަންނަމުންދާ ތަރައްގީ އެންމެ ރަނގަޅަށް އިހުސާސް ކުރެވޭނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، އެމްޕީއެލްގެ މުވައްޒަފުންނަށެވެ. ކަނޑާއި ވައިގެ މަގުން ރާއްޖެ އެތެރެވެވޭ އިރު، ކަނޑު މަގުން ރާއްޖެ ގެންނަ މުދަލުގެ އަދަދު އެތައް ގުނައެއް އިތުރުވެފައިވާ ކަމަށާއި އެކަމުން އެކަނި ވެސް ދައްކައިދެނީ ސަރުކާރުން ރާއްޖެ އަށް ގެންނަމުންދާ ތަރައްގީ ކަަމަށް އޭނާ ވިދާޅުވި އެވެ.

... އެއީ އަޖާއިބެއް ނޫން. އެ އަދަދު ބޮޑުވެގެން ދިޔައީ ވެރިއެއްގެ ވިސްނުމުގައި ގައުމުގެ ތަސައްވަރުގެ ޗާޓު، ތަރައްގީގެ ޗާޓު ކުރެހުމުގެ ވައްޓަފާޅި އާއި ކެރުންތެރިކަމާއި ވިޝަން އޮތް މިންވަރު، އެއްވެސް ބިރެއް ނެތި، އެއްވެސް ޖެހިލުމެއް ނެތި ތަންފީޒު ކުރަން ކެެރުނީމަ. މިކަމަށްޓަކާ ރާއްޖޭގެ އެއްވެސް ރައްޔިތަކު އާނ ބަސް ބުނަން ނުކުރިއްޖެ ނަމަ، އެއީ ގައުމަށް ބޭވަފާތެރިވުން،" ސައީދު ވިދާޅުވި އެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިންޑިއާގެ ޖީއެމްއާރު ކުންފުނިން އަތުލައި އެ ދާއިރާ އިން ވެސް ރައީސް ޔާމީން ރާއްޖެ އަށް ފުރިހަމަ މިނިވަންކަން ހޯއްދަވައިދެއްވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޖީއެމްއާރަށް އެއްފަހަރާ 275 މިލިއަން ޑޮލަރު ދެއްކީ ރާއްޖޭގެ މުސްތަގްބަލުގެ ޖީލުތަކުގެ ހައްގުގައި ކަމަށެވެ.

އޭގެ އިތުރުން، ފަސް އަހަރުގެ ތެރޭގައި 50 އާ ރިސޯޓް ހުޅުވަން ސަރުކާރުން އަމާޒު ހިފާފައިވާ އިރު، އެއީ ރާއްޖެ އެތެރެވާ ގާތްގަނޑަކަށް ތިން ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ކަަމަށް ސައީދު ވިދާޅުވި އެވެ. އެއާ އެކު، އައިއެންއައިއޭ ތަރައްގީކުުރުމަށް ސަރުކާރުން ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރު ހަރަދުކުރަމުން އަންނަކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެއީ މިދިޔަ 30 ނުވަތަ 40 އަހަރުގެ ތެރޭގައި ވެސް ރާއްޖެ ނުދެކޭ ވަރުގެ ތަރައްގީއެއް ކަމަށެވެ.

"ތަރިއެއް މެދު އުޑުގައި ޖެހުނީމަ، ނޫނީއްޔާ ތަރިއެއްގެ އަސްލު ވިދުން ފެނުނީމަ އެ ތަރިއެއްގެ ތާޒާ ވިދުންތެރިކަމާ ބެހޭ ގޮތުން ފިކުރު ނުކުރާނެ އިންސާނެއް ދުނިޔެ އަކު ނުހުންނާނެ. އެހެންވީމަ، ރައީސް ޔާމީންގެ ކާމިޔާބީ އަޅުގަނޑުމެން ފާހަގަކުރަންޖެހެނީ،" ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް ކޭކެއް ވެސް ފެޅި ހަފްލާގައި ސައީދު ވިދާޅުވި އެވެ.

އޭނާ ވަނީ ސޯޝަލް މީޑިއާ އާއި އެ ނޫން ވެސް ގޮތް ގޮތުން ސަރުކާރާ ބެހޭ ގޮތުން ފަތުރަމުންދާ ވާހަކަތަކަށް ނުބަލައި ރާއްޖެ އަށް އަންނަމުންދާ ތަރައްގީ އަމިއްލަ އަށް ވަޒަންކުރުމަށް ގޮވާލައްވައިފަ އެވެ. އޭރުން ސަރުކާރާ ގުޅޭ ގޮތުން ތެދު މައުލޫމާތު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިތާ މި މަހުގެ 17 އަށް ތިން އަހަރު ފުރިފައިވާ އިރު، 10 ދުވަހުގެ މުއްދަތަކަށް ހަރަކާތްތަކެއް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ. އެ ގޮތުން، މި މަހުގެ 28 ގައި ބޮޑު ޖަލްސާއެއް ބާއްވަން ރާވާފައިވެ އެވެ. އަދި ސަރުކާރުގެ މިނިސްޓްރީތަކާއި އޮފީސްތަކުން ކޮށްފައިވާ ކަންކަން ހިއްސާކުރުމުގެ އިތުރަށް، ސަރުކާރުގެ ކުންފުނިތަކުން ވެސް ގެންދަނީ ތަފާތު ޕްރޮގްރާމްތައް ހިންގަމުންނެވެ.

މިނިސްޓަރު ސައީދު ވަނީ އަންނަ ހޯމަ ދުވަހުގެ ރޭ ބާއްވާ ޖަލްސާ އަށް ވީހާ ވެސް ގިނަ ރައްޔިތުން ދިއުމަށް މިރޭ ގޮވާލައްވައިފަ އެވެ. އޭނާ ވިދާޅުވީ ދިވެހިން ބޭނުންވަަނީ އިހުލާސްތެރި ވެރިއެއްް ކަމަށާއި އެ ބޭފުޅަކީ ރައީސް ޔާމީން ކަމަށެވެ.

"އެ ސަބަބަށްޓަކާ ހުރިހާ ރައްޔިތުން ވެސް ރައީސް ޔާމީން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާ ޖަލްސާއަކަށް ވަޑައިގަތުން އެއީ ހަމަ އެންމެ ރަނގަޅު ގޮތް،" ސައީދު ވިދާޅުވި އެވެ.