22 ޖުލައި 2021 - 14:57

މެޑްރިޑް (ޖުލައި 22) - އެތުލެޓިކޯ މެޑްރިޑްގެ މިޑްފީލްޑާ ސައުލް ނިގެޒް، އެ ކްލަބު ދޫކޮށްލަން ބޭނުން ވަނީ ގާތް މީހުންގެ ނުފޫޒާ ހެދިކަން ހާމަވެއްޖެ އެވެ.
ސައުލް، ގެންދަން ބާސެލޯނާ، ލިވަޕޫލް އަދި މެންޗެސްޓާ ޔުނައިޓެޑުން އޮތީ ތައްޔާރަށެވެ. އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީގެ ގޭމް ސިސްޓަމުގައި ސައުލް އެކި މަގާމުތަކަށް ކުޅުވަ އެވެ.
ސްޕެއިންގެ ކުޅިވަރު ދެ ނޫސް، މާކާ އަދި އޭއެސް އަށް ދިން އިންޓަވިއުތަކުގައި ސިމިއޯނީ ވަނީ އެކަމާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ. އޭނާ ބުނީ އެކި މަގާމުތަކަށް ސައުލް ކުޅުވަނީ އޭނާ އަކީ ކޮންމެ މަގާމެއްގައި ވެސް މޮޅަށް ކުޅެވޭ ކުޅުންތެރިޔަކަށް ވުމުން ކަމަށެވެ.
މިދިޔަ ސީޒަންގައި ސައުލްގެ ޕާފޯމަންސް ފެނުނީ ދަށް ކޮށެވެ. އޭނާގެ ގާތްމީހުން ގަބޫލު ކުރަނީ އޭނާގެ ޕާފޯމަންސް ދަށް ވާން ދިމާވި ސަބަބަކީ ގިނަ މަގާމުތަކަށް ކުޅުވުމެވެ. އޭނާގެ ގާތް މީހުންގެ ފަރާތުން އެ ނުފޫޒު ސައުލް އަށް އެބައޮތެވެ.
"މިއަދު ސައުލް ގޮސް ހުރި ހިސާބަށް އޭނާ އަށް ދެވުނީ ގިނަ މަގާމުތަކުގައި މޮޅަށް ކުޅެގެން،" މާކާ އަށް ދިން އިންޓަވިއުގައި ސިމިއޯނީ ބުންޏެވެ. "އޭނާގެ ޕާފޯމަންސް ދަށް ވީމަ ބައެއް މީހުން ބުނަނީ އެއީ އޭނާގެ މައްސަލަ އަކުންނޭ. އެކަމަކު އެއީ ހަގީގަތެއް ނޫން."
އޭއެސް އަށް ދިން އިންޓަވިއުގައި ސިމިއޯނީ ބުނީ، ގިނަ މަގާމުތަކަށް ސައުލް ކުޅުވުން އެއީ އޭނާ ކްލަބު ދޫކޮށްލަން ބޭނުންވާ ސަބަބަކަށް ވެދާނެ ކަމަށެވެ.
"ސައުލް އެހިސާބަށް ގޮސް ހުރީ ގިނަ މަގާމުތަކުގައި މޮޅަށް ކުޅެގެން. ނަމަވެސް އޭނާގެ ގާތް މީހުންނަށް އެކަން ވިސްނިފައި އޮތީ ނެގެޓިވް ކަމެއްގެ ގޮތުގައި،" އޭއެސް އަށް ސިމިއޯނީ ބުންޏެވެ.
ސިމިއޯނީ ބުނީ އެތުލެޓިކޯ ދޫކޮށްލިޔަސް ސައުލް ދާނީ އޭނާގެ ރައްޓެއްސެއްގެ ގޮތުގައި ކަމަށެެވެ. އަދި އަބަދުވެސް އޭނާއަށް އެތުލެޓިކޯގެ ހެޔޮ އެދުންތައް އޮންނާނެ ކަމަށް ސިމިއޯނީ ބުންޏެވެ.
"ބާސެލޯނާ ނުވަތަ އެހެން ކްލަބަކަށް ދިޔަޔަސް އޭނާ މޮޅަށް ކުޅޭނެ."