އޮލިމްޕިކްސްގައި ކަކޫ މައްޗަށް ތިރިވާ ފޮޓޯ ދެއްކުން މަނާ
އޮލިމްޕިކްސްގައި ކަކޫ މައްޗަށް ތިރިވާ ފޮޓޯ ދެއްކުން މަނާ

ޓޯކިޔޯ (ޖުލައި 22) - ނަސްލީ އިމްތިޔާޒާ ދެކޮޅު ހެދުމުގެ ގޮތުން އެތުލީޓުން ކަކޫ މައްޗަށް ތިރިވާ، ފޮޓޯ ދެއްކުން އޮލިމްޕިކްސްގެ ސޯޝަލް މީޑިއާ ޓީމަށް މަނާ ކޮށްފި އެވެ.

އިންޓަނޭޝަނަލް އޮލިމްޕިކް ކައުންސިލް އާއި ޓޯކިޔޯ އޮލިމްޕިކްސްގެ އޮގަނައިޒިން ޓީމުން ވަނީ، އެގޮތަށް އެއްބަސްވެ އެކަން ސޯޝަލް މީޑިއާ ޓީމަށް އަންގައިފަ އެވެ.

އޮލިމްޕިކްސްއާ ގުޅޭ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ އޮފިޝަލަކު ވަނީ އެގޮތަށް އަންގާފައިވާކަން، ދި ގާޑިއަން އަށް ކަށަވަރު ކޮށްދީފަ އެވެ.

ނަސްލީ ތަފާތު ކުރުމާއި އޮންލައިންކޮށް އުފައްދާ ނަފުރަތާ ދެކޮޅަށް ޝުއޫރުފާޅު ކުރުމުގެ ގޮތުން އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓުގައި ގްރޭޓް ބްރިޓަންގެ އަންހެން ޓީމުން ވަނީ ޗިލީއާ ދެކޮޅަށް ކުޅުނު މެޗުގައި ކަކޫ މައްޗަށް ތިރި ވެފަ އެވެ. ބްރިޓަންގެ ޓީމު ތިރިވުމުން ޗިލީގެ ޓީމުން ވެސް އެގޮތަށް އަމަލު ކުރި އެވެ. އަދި އޭގެ ފަހުން ކުޅުނު މެޗުތަކުގައި އެމެރިކާގެ ޓީމާއި ސްވިޑެން އަދި ނިއުޒިލޭންޑްގެ ކުޅުންތެރިން ވެސް ވަނީ އެގޮތަށް ކަންތައް ކޮށްފަ އެވެ.

މެޗުގެ ޓީވީ ލައިވް އިން ވެސް އެ މަންޒަރު ދެއްކި އެވެ. ނަމަވެސް ޓޯކިޔޯ އޮލިމްޕިކްސްގެ އޮފިޝަލް ލައިވް ބްލޮގުން ވެސް އަދި ޓޯކިޔޯ އޮލިމްޕިކްސްގެ ސޯޝަލް މީޑިއާގެ އެއްވެސް އެކައުންޓަކުން އެ މަންޒަރު ދައްކާފައެއް ނުވެ އެވެ. އައިއޯސީގެ އެއްވެސް ޕްލެޓްފޯމަކުން ވެސް އެ މަންޒަރު ދައްކައިފައެއް ނުވެ އެވެ.