22 ޖުލައި 2021 - 10:36

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ހިންގާ ހާއްސަ އޮޕަރޭޝާންތަކުގައި ބައިވެރިވާ މީހުންގެ ފްރޮންޓްލައިން އެލަވަންސްގެ ގޮތުގައި 166 މިލިއަންް ރުފިޔާ ހޭދަކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން މިދިޔަ ހަފުތާގައި އާންމު ކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުން ފްރޮންޓްލައިންގައި މަސައްކަތް ކުރާ 12،400 މީހަކަށް އެލަވަންސް ވަނީ ދީފަ އެވެ.
މާޗް 7، 2020 އިން ފެށިގެން ފްރޮންޓްލައިން އެލަވަންސް ދެމުން އަންނައިރު، އެ ދޫކުރަނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. "ހައި ރިސްކް" ކެޓަގަރީ އެލަވަންސްގެ ގޮތުގައި ދުވާލަކަށް 500ރ. ދޭ އިރު މީޑިއަމް ރިސްކް ކެޓަގަރީގައި މަސައްކަތް ކުރާ މީހުންނަށް މަހަކު ދެނީ 250ރ. ގެ އެލަވަންސެކެވެ. އަދި ލޯ ރިސްކްގެ ގޮތުގައި މަސަައްކަތް ކުރާ މީހުންނަށް ދުވާލަކަށް 200ރ. ލިބޭނެ އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ މުއްދަތެއް ނެތް ގޮތަށް ފްރޮންޓްލައިން އެލަވަންސް އަބަދަކު ނުދެވޭނެ ކަމަށެވެ. އަދި މި އެލަވަންސް ދިނުމުގައި އަމަލުކުރާނެ ގޮތަކާ މެދު މަޝްވަރާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ.
ކޮވިޑާ ގުޅިގެން ސަރުކާރުން އަންނަނީ ބޮޑު ހޭދައެއް ކުރަމުންނެވެ. މިހާތަނަށް ބަޖެޓުން 3.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.