ދެވަނަ ކުއާޓާގައި އެމްޓީސީސީ އަށް 63 މިލިއަން ރުފިޔާގެ ފައިދާ
ދެވަނަ ކުއާޓާގައި އެމްޓީސީސީ އަށް 63 މިލިއަން ރުފިޔާގެ ފައިދާ

މި އަހަރުގެ ދެވަނަ ކުއާޓާގައި އެމްޓީސީސީ އަށް ސާފު ފައިދާގެ ގޮތުގައި 63 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މިއީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާ ބަލާއިރު ހަތަރު ގުނަ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓާގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނީ 15 މިލިއަން ރުފިޔާ އެވެ.

އެމްޓީސީސީގެ ދެވަނަ ކުއާޓާގެ މާލީ ރިޕޯޓު ދައްކާގޮތުގައި އެ ކުންފުންޏަށް 423 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ކުންފުންޏަށް ލިބުނީ 248 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ.

މި އަހަރުގެ ފުރަތަަމަ ކުއާޓަގައި ވެސް އެ ކުންފުންޏަށް ލިބުނީ 423 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ. ނަމަވެސް ސާފު ފައިދާގެ ގޮތުގައި ފުރަތަމަ ކުއާޓާގައި ލިބުނީ 62 މިލިއަން ރުފިޔާ އެވެ.

މިދިޔަ އަހަރުގެ ދެވަނަ ކުއާޓާގައި އެމްޓީސީސީގެ އާމްދަނީ އާއި ފައިދާ ދަށްވެފައި ވަނީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމުން އެ ކުންފުނީގެ ގިނަ ޕްރޮޖެކްޓުތަކެއްގެ މަސައްކަތް ހުއްޓުމާ ގުޅިގެންނެވެ. އެ ކުންފުނިން ވަނީ ގޮންޖެހުންތަކާ އެކު ވެސް މިދިޔަ އަހަރު ރެކޯޑު އަދަދެއްގެ ފައިދާ ހޯދައިފަ އެވެ.

މިދިޔަ އަހަރު އެމްޓީސީސީގެ ސާފު ފައިދާގެ ގޮތުގަައި 191 މިލިއަން ރުފިޔާ ލިބުނެވެ. އޭގެ ކުރީ އަހަރު ފައިދާގެ ގޮތުގައި ލިބުނީ 53 މިލިއަން ރުފިޔާ އެވެ. މިއީ 258 ޕަސެންޓުގެ ކުރިއެރުމެކެވެ.