21 ޖުލައި 2021 - 12:28

މާލެއާއި ހުޅުމާލެ ކަރަންޓުގެ އެއްވިއުގައަކުން ގުޅުވާލުމަށް ކުރިއަށްގެންދާ ގްރިޑް ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށްދާތީ މުޅި މާލެއިން ކަރަންޓު ކެނޑިއްޖެ އެވެ.
ސްޓެލްކޯއިން ވަނީ މީގެ ކުރިން ވެސް ގްރޭޓާމާލެ ގްރިޑް އެނަޖައިޒް ކުރުމުގެ މަސައްކަތް ހަތަރު ދުވަހަކަށް ތާވަލުކުރެވިފައިވާ ކަމަށާއި އެ ދުވަސްތަކުގައި ބައެއް ގަޑިތަކުގައި މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮތް ކަމަށް ބުނެފަ އެވެ. މީގެ ތެރޭގައި މިއަދާ މާދަމާ ވެސް ހިމެނެ އެވެ.
މިއަދު ކުރަމުން އަންނަނީ ގްރިޑް ޕްރޮޖެކްޓުގެ ދެވަނަ ސާކިޓް އެނަޖައިޒް ކުރުމުގެ މަސައްކަތެވެ. ފުރަތަމަ ސާކިޓު އެނަޖައިޒް ކުރުމުގެ މަސައްކަތް މިދިޔަ ހޮނިހިރު ދުވަހު ވަނީ ކާމިޔާބު ކަމާއެކު ނިންމާލައިފަ އެވެ.
ސްޓެލްކޯއިން ބުނީ އެނަޖައިޒް ކުރުމުގެ މަސައްކަތް ނިމުނުހާ އަވަހަކަށް އަލުން ކަރަންޓު ލިބޭނެ ކަމަށެވެ. އަދި ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވާ ދަތިތަކަށް އެ ކުންފުނިން ވަނީ މައާފަށް އެދިފަ އެވެ.