ވަޒަނާއެކު އެއާޕޯޓުން ހައްޔަރު ކުރި މީހާ ޑީޕޯޓު ކުރަނީ
ވަޒަނާއެކު އެއާޕޯޓުން ހައްޔަރު ކުރި މީހާ ޑީޕޯޓު ކުރަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރަން ގޮސް ހުއްޓައި ވަޒަންތަކެއް ފެނިގެން ހައްޔަރުކުރި މީހާ ބަންދުން ދޫކޮށްލައި އޭނާ ޑިޕޯޓު ކުރަން ނިންމައިފި އެވެ.

ނަމިބިއާއަށް ނިސްބަތްވާ އުމުރުން 60 އަހަރުގެ ފަތުރުވެރިއެއްގެ އަތުން ވަޒަންތަކެއް ފެނުނީ މި މަހުގެ 10 ވަނަ ދުވަހު ފުރަން ވީއައިއޭއަށް ގޮސް ހުއްޓައި ފުރުމުގެ ކުރިން ޗެކް ކުރުމުގެ ތެރޭގައި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަށެވެ.

އޭނާ ފުލުހުންނާ ހަވާލުކޮށް ފުލުހުން އޭނާގެ ބަންދު ޖަހަން ކޯޓަށް ގެންދިޔުމުން ބަންދަށް ކޯޓުން ތިން ދުވަސް ޖެހި އެވެ.

ފުލުހުންގެ އޮފިޝަލަކު "މިހާރު"އަށް ވިދާޅުވީ، އެ މީހާގެ ބަންދަށް އެންމެ ފަހުން ޖެހި ތިން ދުވަހުގެ މުއްދަތު މި މަހުގެ 14 ވަނަ ދުވަހު ހަމަވުމުން، އޭނާ ބަންދު އިތުރު ކުރަން ކޯޓަށް ނުގެންގޮސް އޭނާ ދޫކޮށްލީ ކަމަށެވެ.

އޮފިޝަލު ވިދާޅުވި ގޮތުގައި އެ މީހާގެ މައްޗަށް ދައުވާ ކުރަން ފޮނުވުމުގެ ބަދަލުގައި އޭނާ ޑިޕޯޓު ކުރަން ވަނީ ނިންމައިފަ އެވެ. މިހާރު އެ މީހާ ހުރީ ޑިޕޯޓު ކުރަން އިމިގްރޭޝަން ހަވާލުކޮށްފައިވާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

އޭނާއަށް ދައުވާ ކުރުމުގެ ބަދަލުގައި ޑިޕޯޓު ކުރަން ނިންމި ސަބަބެއް ފުލުހުން ބުނެފައެއް ނުވެ އެވެ.

އެއީ އެ މީހާ ރާއްޖެ އައި އިރު އަމިއްލައަށް ރާއްޖެއަށް އެތެރެކުރި ވަޒަންތަކެއް ކަމެއް ނުވަތަ ރާއްޖެއިން ހޯދި ވަޒަންތަކެއް ކަމެއް ސާފެއް ނުވެ އެވެ. އަދި އޭނާ އަތުން ފެނުނީ ކޮން ބާވަތެއްގެ ކިހާ އަދަދެއްގެ ވަޒަންތަކެއް ކަމެއް ވެސް ރަސްމީ ފަރާތަކުން ހާމަކޮށްފައި ނުވެ އެވެ.

ވަޒަނަކީ ރާއްޖޭގައި ގެންގުޅުން ވެސް ރާއްޖެއަށް އެތެރެ ކުރުން ވެސް މަނާ އެއްޗެކެވެ. މީގެ ކުރިން ވެސް މީހުންގެ އަތުން ވަޒަންތަކެއް ފެނުނު މައްސަލަތަކުގައި ދައުވާކޮށްފައިވެ އެވެ.