26 ނޮވެމްބަރ 2016 - 00:04

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމުން، ރައީސްކަމާ ހަވާލުވެ ހަވާލުވެވަޑައިގަތީ ގައުމު އެކަމަށް ބޭނުންވުމުން ކަމަށާއި މަގްސަދަކީ ގައުމު ދާހިލީ ހަމަނުޖެހުމަކަށް ވެއްޓުނަ ނުދީ، ހަމަހިމޭން ބަނދަރަކަށް ގެންގޮސް ދިނުން ކަމަށް ކުރީގެ ރައީސް މުހައްމަދު ވަހީދު މިރޭ ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނުގެ ހަޔާތްޕުޅާ ބެހޭ ގޮތުން ޓީވީއެމްގެ ނޫސްވެރިޔާ މުހައްމަދު ޖަމީލު ލިޔުއްވި ފޮތް، "އިންސާފު" ނެރެދެއްވުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ވަހީދު ވިދާޅުވީ ކިތަންމެ ނުރައްކާތެރި އަދި އުނދަގޫ ކަމަކަށް ވިޔަސް، ގައުމު އެކަމަކަށް ބޭނުން ޖެހުމުން އެ ކަމަކަށް އިޖާބަދޭން ޖެހޭނެ ކަމަށެވެ.

އެ މަނިކުފާނުގެ ހަޔާތްޕުޅުގައި ވެސް ގައުމު ދެ ކަމަކަށް ބޭނުން ޖެހިގެން ގޮވާލިކަން ފާހަގަކުރައްވައި ވަހީދު ވިދާޅުވީ އޭގެ ތެރޭން އެއްކަމަކީ "ޑިމޮކްރަޓިކް އިންތިހާބަކުން ކާމިޔާބު ހޯއްދެވި ރައީސް [މުހައްމަދު ނަޝީދު)] އަމިއްލަފުޅު އިހްތިޔާރުގައި ފެބުރުއަރީ ހަތްވަނަ ދުވަހު އިސްތިއުފާ ދެއްވުމުން، އެ ހޫނު ގޮނޑީގައި ރައީސް ވަހީދު އިށީނދެވަޑައިގެންނަވަން ޖެހުން" ކަމަށެވެ.

އެކަމަކު، އެ ދުވަހު އަމަލު ކުރެއްވީ ގާނޫނުއަސާސީއާ އެއްގޮތަކަށް ކަމަށާއި އެ މަނިކުފާނުގެ އެންމެ އިސް ވާޖިބަކަށްވީ، ގައުމު ދާހިލީ ހަމަނުޖެހުމަކަށް ވެއްޓުނަ ނުދީ، ހަމަހިމޭން ބަނދަރަކަށް ގެންގޮސް ދިނުން ކަމަށް ވަހީދު ވިދާޅުވި އެވެ.
"މިފަދަ ނާޒުކު ދެވަނަ ހާލަތަކީ އަޅުގަނޑުގެ ވެރިކަމުގެ މަދު ދައުރުގެ އެންމެ ފަހު ދުވަސް. އެކަމަކު އެ ދުވަހު ވެސް އަޅުގަނޑު އަމަލު ކުރީ، ގާނޫނުއަސާސީގެ ދަށުން ސުޕްރީމު ކޯޓުން އެންގެވި ގޮތަށް،" ވަހީދުގެ ސަރުކާރުގެ އިސް މަގާމުތައް ފުރުއްވި ގިނަ ބޭފުޅުންތަކެއް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި އެ މަނިކުފާނު ވިދާޅުވި އެވެ.
ވަހީދު ވިދާޅުވީ 2008 ވަނަ އަހަރު އަމަލު ކުރަން ފެށި އާ ގާނޫނުއަސާސީން ބޮޑެތި ހައްގުތަކެއް ލިބި، ބުނެވޭ އެއްޗަކުން ހައްޔަރު ނުކުރާނެ ކަމުގެ ޔަގީންކަން ލިބުނު ކަމަށާއި އޭރު އައި ޑިމޮކްރެޓިކް ބަދަލުގެ އެންމެ ބޮޑު ފައިދާ އަކީ ހިތުގައި އޮތް ބިރުވެރިކަން ފިލައިގެން ދިއުން ކަމަށެވެ.
އެކަމަކު، ކުއްލިއަކަށް ލިބުނު އެ އުފާވެރިކަމަށް ފަހު، އާ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނުކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ. އޭގެ ސަބަބަކީ، ވަހީދު ވިދާޅުވި ގޮތުގައި، ލިބުނު މިނިވަންކަން އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރަން ނޭނގުން ނުވަތަ ޒުވާން ޖޯޝުގެ ތެރޭން ގައުމަށް ނުކަތާ ވަރުގެ ބޮޑެތި ބަދަލުތައް ގެންނަން ބޭނުންވުން ކަމަށް ވެދާނެ އެވެ.
"އޭރު ލިބުނު ޔަގީންކަމެއްގެ ތެރޭން އަނެއްކާ ވެސް ބައި އަޅައި އެއް ބަޔަކު އަނެއް ބަޔަކު ވަކިވަކިވާ ގޮތަށް ކަންތައްތައް ކުރަން ފެށީ،" ވަހީދު ވިދާޅުވި އެވެ.
ވެރިކަން ހިންގެވީ ވަަރަށް ތަފާތު، ގިނަ ބަޔަކާ އެކުކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ އެއީ އެ ވަގުތުގެ ގޮތުން ކުރަން މަޖުބޫރުވެވަޑައިގެން ކަމަކަށް ވެސް ވެދާނެ ކަމަށެވެ. އެކަމަކު އެއީ ރަނގަޅަކަށް ހިނގި ކަމެއް ކަމަށާއި ދައުލަތް ހިންގަން ޖެހޭނީ ޒުވާނުންނާއި ދުވަސްވީ މީހުންގެ ވެސް ތަޖުރިބާ ބޭނުންކޮށްގެން ކަމަށް ވިދާޅުވި އެވެ.
"ދެން އަޅުގަނޑާ ބެހޭ ގޮތުން، އަޅުގަނޑުގެ ހަޔާތް ނުވަތަ ވެރިކަން ކުރި ގޮތާ ގުޅޭ ގޮތުން އިތުރަށް މި ފޮތުން ސާފުވާނެ،" ވާހަކަފުޅު ނިންމަވާލައްވަމުން ވަހީދު ވިދާޅުވި އެވެ.
ރާއްޖޭގެ ރައީސެއްގެ ހަޔާތްޕުޅާ ބެހޭ ގޮތުން ދިވެހި ބަހުން ފުރަތަމަ ފަހަރަށް ނެރުނު މި ފޮތް ނެރެދެއްވީ، ވަހީދުގެ ނައިބު ރައީސްގެ ގޮތުގައި ހުންނެވި މުހައްމަދު ވަހީދުއްދީން (ޑީން) އާއި ވަހީދުގެ ދެ ބޭފުޅުން ކަމަށްވާ ޖެފްރީ އާއި ވިދާދެވެ.
މިފޮތާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން، ލިޔުންތެރިޔާ ޖަމީލު ވިދާޅުވީ ފޮތަށް "އިންސާފު"ގެ ނަން ދިނީ ވަހީދު އދ.ގެ މަޖިލީހެއްގައި ރާއްޖެއާ ބެހޭ ގޮތުން ދެއްވި ތަގުރީރަކާ ގުޅުވައިގެންނެވެ. އެ ތަގުރީރުގެ ނަމަކީ "ކުދި ގައުމުތަކަށް ކުދި އިންސާފު" އެވެ.
ވަހީދުގެ އިތުރުން މި ފޮތަށް އޭރުގެ ސަރުކާރުގެ އިސް ބޭފުޅުންނާއި ވާދަވެރިން މައުލޫމާތު ދެއްވި ކަމަށް ޖަމީލު ވިދާޅުވި އެވެ. އެ ގޮތުން، މިހާރު ޖަލުގައި ހުންނެވި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމާް ކަލޭފާނާ ވެސް އެކި ފަހަރު މަތިން ޖަލުން ބައްދަލުކޮށް މައުލޫމާތު ހޯދި ކަމަށާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހާއި ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ވެސް މައުލޫމާތު ދެއްވި ކަމަށް ޖަމީލު ވިދާޅުވި އެވެ.
"މިފޮތުގެ އެއް މަގްސަދަކީ ރަށްފުށުގެ ކިތަންމެ ނިކަމެތި އާއިލާއެއްގެ މީހަކަށް ވެސް ކާމިޔާބީއާ ހަމަ އަށް އާދެވިދާނެކަން ދައްކައިދިނުން. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މިއީ ކިޔަވާ ކުދިންނާއި ސިޔާސީ ދާއިރާ އަށް ވަންނަ ޒުވާނުންނަށް ބޭނުންތެރި ފޮތަކަށް ވެގެންދާނެ،" ޖަމީލު ވިދާޅުވި އެވެ.