ވަށިގާޑިޔާ
ވަށިގާޑިޔާ

އާދިއްތަ ދުވަހާ ގުޅޭ

އެންމެ މީހެއް ފިޔަވައެވެ. އެއީ ނާޒިޔާއެވެ. ރައްޔާއާ ބެހޭ ޚަބަރުތައް ބަލައިފައިވާ ފަދައިން ނާޒިޔާއާ ބެހޭ ހުރިހާ ޚަބަރަކަށް އުސައިދު ފާރަލީ ކީއްވެގެން ހެއްޔެވެ؟ ނާޒިޔާއާއި އުސައިދުއާ އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ ތޮލާލު ހުޅުވަންޖެހުނީ އެތައް މަހެއް ވަންދެން ލެއްޕިފައިވާ ފައިލެކެވެ. ކުރި މަރުވެފައިވާ ވޭދަނައެކެވެ.

ނާޒިޔާއަކީ، ނަވާރަ މަސް ކުރިން ގެއްލިފައިވާ ޒުވާން އަންހެންކުއްޖެކެވެ. ގެއްލުނު އިރު ނާޒިޔާގެ އުމުރަކީ އަށާރަ އަހަރެވެ. ގެއްލުނު ދުވަހުން ފެށިގެން މަސް ދުވަސް ވަންދެން، މެދުނުކެނޑި ނާޒިޔާ ހޯދަން މަސައްކަތްކުރިއެވެ. ފުލުހުންނާއި، ސިފައިންނާއި، ހިލޭސާބަހަށް މަސައްކަތްކުރި ރައްޔިތުން ގުޅިގެންނެވެ. ޝައްކުވާ ގޭގެއާއި، މާލޭގެ ފަޅުތެރެއާއި، ފަޅުގައި އަޅައިފައި ހުރި އުޅަނދުތަކާއި، ވިލިނގިއްޔާއި، ހުޅުމާލެ ވެސް އަތްފުނާއެޅިއެވެ. ނާޒިޔާ ވީ ތަނެއް ހޯދަން އެހީވެދީފާނެ މައުލޫމާތެއް ގެނެސްދިން މީހަކަށް އެއް ލައްކަ ރުފިޔާގެ އިނާމެއް ވެސް އާއިލާއިން ހުށައެޅިއެވެ. މީސްމީޑިޔާއިން އެހީއަށް އެދި، އެކި ތަންތަނުގައި ނާޒިޔާގެ ފޮޓޯ ތަތްކުރިއެވެ. ނޫހާއި ޓީވީ މެދުވެރިކޮށް ނާޒިޔާގެ ފޮޓޯ އާންމުކުރިއެވެ. ތަހުގީގު މެދުކަނޑައިލަން ޖެހުނީ، އެއްވެސް ކުރިއެރުމެއް ނުލިބިގެންނެވެ.

އިންސްޓަގްރާމާއި އެފްބީއަށް ނާޒިޔާ ލައިފައި ހުރި ނާޒިޔާގެ ހުރިހާ ފޮޓޯއެއް އުސައިދުގެ ލެޕްޓޮޕުން ފެނުނެވެ. ރީތި އަންހެންކުދިންގެ ފޮޓޯ ރައްކާކުރުމަކީ، ޒުވާން ފިރިހެންކުދިން ވަރަށް ޝައުގުވެރިވާ ކަމެކެވެ. އެއީ މައްސަލައެއް ނޫނެވެ. އެކަމަކު، ފޮޓޯތައް ރައްކާކޮށްފައިވާ ފައިލު ފޮރުވައިފައިހުރީ ކީއްވެގެން ހެއްޔެވެ؟ ނާޒިޔާގެ ބައެއް ޚަބަރުގެ އިސްކިރީނު ޝޮޓު ރައްކާކުރަން އުސައިދު ބޭނުންވީ ކީއްވެގެން ހެއްޔެވެ؟ މުޅި ދުނިޔެއިން ވެސް ހަމަ އެކަނި ރައްޔާއާއި ނާޒިޔާއަށް އުސައިދުގެ ސަމާލުކަން ހުއްޓުނު އިރު، އެ ދެ އަންހެންކުދިން ވެސް ގެއްލުނީއެވެ. ކަން ދިމާކުރި ގޮތުން އެކަކު ފެނުނީއެވެ. މަރުވެފައި އޮއްވައެވެ. ވީ އިރު އަނެކަކު ވެސް މަރުވީ ހެއްޔެވެ؟ މަރައިލީ ހެއްޔެވެ؟ ނާޒިޔާގެ އާއިލާ ތިބީ ނާޒިޔާއަށް ފާތިހާ ކިޔަންވީތޯ ނުވަތަ ނޫންތޯ ވެސް ނިންމަން ނޭނގިފައެވެ. އެ ކަމަށް ގޮތެއް ނިންމިއްޖެއްޔާ ޔަގީނުން ވެސް އާއިލާއަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބޭނެއެވެ.

ނާޒިޔާގެ މައިންބަފައިންނަށް ނާޒިޔާ އެންމެ ފަހުން ފެނިފައިވަނީ، ރެޔެއްގެ ދަންވަރު އެގާރަގަޑި ބައި އެހާކަންހާ އިރުއެވެ. އެއީ، ވަޒީފާ ނިންމައިފައި ނާޒިޔާ ގެއަށް އަންނަ ވަގުތެވެ. ނާޒިޔާ އަދާކުރީ ސޭޓެއްގެ ވަޒީފާއެވެ. ފިހާރަ ލެއްޕުމުން ހިސާބުތައް ހަމަޖައްސައިފައި، ބައެއް ރޭރޭ ނާޒިޔާއަށް ގެއަށް އާދެވެނީ އެގާރަގަޑި ސާޅީސް ފަހެއް ވެސް ހިނގާ ފަހުންނެވެ. ގެއްލުނު ރޭ، އެގާރަގަޑި ބައިގައި ނާޒިޔާ ގެއަށް އައެވެ. ނާޒިޔާ ދުއްވާ ކުޑަ ސައިކަލު ގޭތެރެއަށް ވެއްދި އަޑާއި، ސައިކަލު ނިއްވައިލި އަޑު ޒާހިރަށް އިވުނެވެ. ޒާހިރަކީ ނާޒިޔާގެ ބައްޕައެވެ. ގިނަ ރޭރޭ ޒާހިރު ނިދަނީ ދަރިފުޅު ގެއަށް އައީމައެވެ. ޒާހިރު ބުނެފައިވާ ގޮތުގައި ގެއަށް ވަން ގޮތަށް ނާޒިޔާ ވަނީ ނާޒިޔާގެ ކޮޓަރިއަށެވެ. ވަންނަމުން ޒާހިރަށް ގޮވައިލައި، ހާލު ވެސް އެހިއެވެ. އޭރު ޒާހިރު އުޅުނީ ރޯގާޖެހިގެންނެވެ. ޒާހިރުގެ ބަޔާނުގައިވާ ގޮތުން، ނާޒިޔާގެ އަޑާއި ރާގުގައި އެއްވެސް ހާސްކަމެއް ހުރިކަމަކަށް ފާހަގައެއް ނުކުރެވެއެވެ.

ޖެހިގެންއައި ދުވަހު ނާޒިޔާ ސައިބޯން ނުނިކުމެގެން ބެލި އިރު، ކޮޓަރިއަކު ނާޒިޔާއެއް ނެތެވެ. ކޮޓަރި ހުރީ ތަޅުނުލައެވެ. ނާޒިޔާގެ ދަބަސް އޮތީ ކޮޓަރީގައެވެ. އެ ދަބަހުގައި ފޯނު އޮތެވެ. ފައިސާ ދަބަހާއި، ސައިކަލު ތަޅުދަނޑިއާއި، ކޭޝްކާޑު ވެސް އޮތެވެ. އާންމުކޮށް ނާޒިޔާ ސައިކަލު ބަހައްޓާ ތަނުގައި ސައިކަލު ވެސް ހުއްޓެވެ.

ފުލުހުން ފޯނު ގެންދިޔައެވެ. ޝައްކުވާ ކަހަލަ ނަންބަރަކުން ނާޒިޔާއަށް ގުޅައި ނުވަތަ ޗެޓުކޮށްފައެއް ވެސް ނެތެވެ. ނާޒިޔާގެ މައިންބަފައިން ބުނި ގޮތުގައި، ބޭރަށް ދަންޏާ ނާޒިޔާ ފޯނު ގެންދާނެއެވެ. ފޯނު ގެންދަން، ދުވަހަކު ވެސް ނާޒިޔާ ހަނދާންނެތިފައެއް ވެސް ނެތެވެ. އެހެންވިއްޔާ ނާޒިޔާ ގެއްލުނު ރޭ ފޯނު ނުގެންދިޔައީ ކީއްވެގެން ހެއްޔެވެ؟ ހަނދާންނެތުނު ފުރަތަމަ ފަހަރަކަށް އެ ފަހަރު ވީ ހެއްޔެވެ؟ ޒާހިރު ވަރަށް ޔަގީންކަމާ އެކުގައި ބުނެފައިވާ ގޮތުގައި، ނާޒިޔާ ކޮޓަރިއަށް ވަދެފައި ދޮރު ތަޅުލިއެވެ. އެއިން އެނގޭ އެއްޗަކީ ފަހުން ނާޒިޔާ ކޮޓަރިން ނުކުތްކަމެވެ. އެހެނަސް، އޭގެ ފަހުން ނާޒިޔާއެއް ނުފެނުނެވެ. ދިޔަ ތަނެއް، އޭނައަށް ވީ ގޮތެއް ވެސް ނޭނގެއެވެ.

ނާޒިޔާ ވަޒީފާއަދާކުރާ ފިހާރައިގެ މުވައްޒަފުންނާ ވެސް ފުލުހުން ސުވާލުކުރިއެވެ. ތަނުގެ މުވައްޒަފެއް ނުވަތަ ވިޔަފާރިކުރަން އައި މީހަކާއި ނާޒިޔާއާ ދެމެދު ޒުވާބެއް ހިނގައިފައެއް ނުވެއެވެ. ނާޒިޔާއާ ބެހޭ ގޮތުން އެންމެން ވެސް ބުނަނީ ދާދި އެއްކަހަލަ އެއްޗެކެވެ. ނާޒިޔާއަކީ މީހުންނާ ޒުވާބުކޮށް، ފުސްމޫނު ހަދާ ކުއްޖެއް ނޫނެވެ. ނާޒިޔާ ދެކެ ރުޅިއަންނަ މީހަކު ނުހުންނާނެއެވެ. އޭނައަކީ ވަރަށް އޯގާތެރި، ހިތްހެޔޮ ކުއްޖެކެވެ. ސުވާލު އުފެދެނީ އެ ހިސާބުންނެވެ. ނާޒިޔާގެ އޯގާތެރިކަމާއި ހިތްހެޔޮކަމުގެ ނާޖާއިޒު ފައިދާ މީހަކު ނެގީ ހެއްޔެވެ؟ ދުނިޔޭގެ ކެހިވެރިކަމާއި އަނިޔާވެރިކަން ތަޖުރިބާކުރެވިފައި ނުވާ މާސޫމު ކުއްޖަކަށް މީހަކު ކެހިދިނީ ހެއްޔެވެ؟ ނާޒިޔާގެ ވޭދަނައިގައި ކުރިޔަށް ދާނެ އެއްވެސް މަގެއް ފުލުހުންނަށް އޮތީ ނުފެނިފައެވެ.

ނާޒިޔާ އުޅުނީ ކުއްޖަކާ ރައްޓެހިވެގެންނެވެ. އެ ކުއްޖާގެ މިޒާޖު ކަމުނުދާތީ މައިންބަފައިންގެ ރުހުން އެ ކުއްޖާއަށް އޮތީ ނުލިބިފައެވެ. އެހެންވިޔަސް، އޭނަޔާ އެކުގައި ނާޒިޔާ ފިލައިގެން ނުދާނެކަމުގެ ޔަގީންކަން މައިންބަފައިންނަށް އޮތެވެ. ނާޒިޔާއަކީ ނުބުނެ ތަންތަނަށް ފުރައިގެންދާ ކުއްޖެއް ނޫނެވެ. ދުވަހަކު ވެސް އޭނަ އެ ގޮތަކަށް ކަންތަކެއް ނުކުރެއެވެ. ނާޒިޔާގެ މަންމަ ހުރީ، ކުއްލިއަކަށް ނާޒިޔާ ބޭރުން އައިސް ގެއަށް ވަދެފާނެކަމުގެ އުންމީދުގައެވެ.

ނާޒިޔާގެ ބޯކޮޅު އުސައިދު ބަލައިފައިވުމުން ފުލުހުންގެ ސަމާލުކަން އެ ދިމާއަށް އެނބުރުނެވެ. ރަހުމުކުޑަ ގޮތަކަށް ރައްޔާ މަރައިލައިފައި، ނާޒިޔާ ވެސް މަރައިލީ ހެއްޔެވެ؟ ނާޒިޔާގެ ހަށިގަނޑު ނައްތައިލީ، ރައްޔާގެ ހަށިގަނޑު ވެސް ނައްތައިލަން ބޭނުންކުރި އުކުޅު ބޭނުންކޮށްގެން ހެއްޔެވެ؟ އެ ފަހަރު އުސައިދަށް ކާމިޔާބުވީ ހެއްޔެވެ؟

ރައްޔާ މަރައިލިކަމުގެ ދައުވާ އުސައިދުގެ މައްޗަށް އުފުލިއެވެ. އޭނަ އެއްފަހަރު އެއްބަސްވިއްޔާ އަނެއް ފަހަރު އިންކާރުކުރެއެވެ. އެ ކަމާ ތޮލާލު ހާހެއް ނުވެއެވެ. ކުށް ސާބިތުކުރެވޭ ވަރަށް ހެކި ހުރީމައެވެ. ހަމަ އެއާއެކު، ނާޒިޔާގެ މަރުގެ ތަހުގީގު އަނެއްކާ ވެސް ފެށުނެވެ. ފުލުހުން އެ މައުލޫމާތު މީޑިޔާއަކަށް ނުދެއެވެ. ހަރުދަނާ ހެއްކެއް ނުފެންނަނީސް، މަޒުލޫމުގެ އާއިލާއަށް އިތުރު ހިތްދަތިކަމެއް ދޭކަށް ފުލުހުން ބޭނުމެއް ނޫނެވެ. ނަވާރަ މަސްދުވަސް ވެފައި ވުމުން މީހުން ތިބީ އެ މަރުގެ މަތިން ހަނދާންނެތިފައެވެ.

"އުސައިދަކީ ރާއްޖޭގެ ފުރަތަމަ ސީރިޔަލްކިލަރއަށް ވެދާނެ ބާ؟" ތޮލާލު ސުވާލު އުފެއްދިއެވެ.

"ތީ އަހަރެންގެ ފީލްޑެއް ނޫން،" ދެ ފޮޓޯއަށް ބަލަމުން އަނަސް ބުންޏެވެ. "އެކަމަކު ތިހެން އެހީތީ އެއްޗެއް ބުނެލާ ހިތްވޭ! ގައިމު ވެސް ދެ ކުދިންގެ ޓައިޕް ސޭމްއެއް ނޫން. ލުކްސް ހީވޭ އެއްގޮތްހެން. ރާއްޖޭގަ މިހާރު ކޮންމެ ކަމެއް ވެސް ވެދާނެ."

ސީރިޔަލްކިލަރ ކިޔަނީ، އެކަކަށް ވުރެ ގިނަ މީހުން މަރާ ގާތިލުންނަށެވެ. މަގުބޫލު އުޒުރެއް ނުވަތަ ސަބަބެއް ނެތިއެވެ. އެކަމަކު މަރާލަން ބޭނުންކުރާ އުކުޅުތަކުގައި، އެއްކަހަލަ ގޮތްތަކެއް ހުރެދާނެއެވެ. މަރާލާ މީހުންގެ ސިފަ ނުވަތަ މިޒާޖުގައި ވެސް ވައްތަރުކަމެއް ހުރެދާނެއެވެ. އެ ފަދަ މީހުންގެ ތެރޭގައި، ނުކިޔަވާ ތިބޭ ޖާހިލުންނާއި، ކިޔަވައިގެން ތިބި މޮޅެތި ޑަކުޓަރުން ފަދަ މީހުން ވެސް ހިމެނެއެވެ. އުސައިދު ނުހިމެނެންވީ ސަބަބެއް ނެތެވެ.

ކޮޓަރިއަށް ވަނުމަށް ފަހު ނާޒިޔާ ބޭރަށް ނުކުންނާނީ މީހަކު ގަޑިކިޔައިފައި އޮތީމައެވެ. ނުވަތަ ދޮރުމައްޗަށް އައިސް ނާޒިޔާއަށް ގުޅީމައެވެ. ކުރިން ކޮށްފައިވާ ތަހުގީގުން އެނގޭ ގޮތުގައި، ނާޒިޔާގެ ފޯނަށް އެ ގަޑިއަކު މީހަކު ގުޅައިފައެެއް ނެތެވެ. އެކަމަކު، އުސައިދުގެ ފޯނު ބެލުމުން ތޮލާލަށް ރަތް ފާހަގައެއް ލޮލުގައި އަޅައިގަތެވެ. ނާޒިޔާ ގެއްލުނު ރޭ، ދަންގަޑިއެއްގައި، އުސައިދުގެ ފޯނުން ނަންބަރަކަށް ގުޅައިފައި އޮތެވެ. އެއީ މޯބައިލު ނަންބަރެއް ނޫނެވެ. ނަރުފޯނު ނަންބަރެކެވެ. އެއީ ކޮން ނަންބަރެއް ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބު ވެގެންދިޔައީ، އަދުލުއިންސާފަށް ލިބުނު އަލިގަދަ ދަންމަރަކަށެވެ.

ނާޒިޔާގެ ގޭގައި ނަރުފޯނެއް ހުރެއެވެ. މޯބައިލު ފޯނު އައި ފަހުން އެ ނަންބަރު މަތިން މީހުން ހަނދާންނެތުނީއެވެ. އެކަމަކު، ލޯމަތިން ގެއްލިފައި ހުންނަ ފޯނެއް، އެ ނަންބަރަށް ގުޅައިފައި ހުރެއެވެ. އެ ފޯނަކަށް މީހުން ނުގުޅައެވެ. ގޭގެ މީހުން ވެސް އެ ފޯނެއް ބޭނުމެއް ނުކުރެއެވެ. އެކަމަކު، އުސައިދަށް އެ ނަންބަރު އެނގުނީ ކިހިނެއް ހެއްޔެވެ؟ އެ ނަންބަރު ދިނީ ނާޒިޔާ ހެއްޔެވެ؟ އެ ދެ މީހުންގެ މެދުގައި އެކުވެރިކަން އުފެދިފައިވަނީ އެ ފޯނުން އެކަނި ހެއްޔެވެ؟ އެކުވެރިޔަކު ދޮރުމައްޗަށް އައިސް ގުޅައިލުމުން، ފޯނު ނުލައި މީހަކު ދޮރުމައްޗަށް ނުކުމެދާނެއެވެ. އެއީ ވެދާނެ ކަމެއްކަމަށް ލަފާކުރެވެއެވެ. ލަފާ ނުކުރެވެނީ ދެން ވީ ގޮތެކެވެ. ނާޒިޔާ އެރުވީ އުސައިދުގެ ސައިކަަލަށް ހެއްޔެވެ؟ އުސައިދު އައީ ކާރެއްގައި ހެއްޔެވެ؟ ނާޒިޔާ މަރައިލައިފައި ލީ ފޮށްޓަކަށް ހެއްޔެވެ؟ އެ ފޮށި ވާނީ ތިލަފުށީގައި ހެއްޔެވެ؟

ނުނިމޭ