ހައްޖުވެރިން ހިލަ އުކުމުގައި، އެހެން މުސްލިމުން އީދު ފާހަގަކުރުމުގައި
ހައްޖުވެރިން ހިލަ އުކުމުގައި، އެހެން މުސްލިމުން އީދު ފާހަގަކުރުމުގައި

މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވާ ހައްޖުވެރިން، އިއްޔެ އަރަފާތުގައި ތިބުމަށް ފަހު، ރޭ މުޒްދަލިފާގައި ރޭކޮށް، މިހާރު ތިބީ މިނާގެ ފޭލިގެތަކުގަ އެވެ. ހައްޖުވެރިން މިއަދު މިނާއަށް އައުމަށް ފަހު، އެންމެ ފުރަތަމަ ކަމަކަށް އޮތީ ބޮޑު ޖަމްރާ އަށް ހިލަ އުކުމެވެ.

ހައްޖުވެރިން ހިލަ އުކުމުގައި، އެހެން މުސްލިމުން އީދު ފާހަގަކުރުމުގައި
ހައްޖުވެރިން ހިލަ އުކުމުގައި، އެހެން މުސްލިމުން އީދު ފާހަގަކުރުމުގައި

ހައްޖުވެރިން މިނާގައި ހައްޖުގެ އަޅުކަމުގައި މަޝްޣޫލުވެގެން ތިބި އިރު، ދުނިޔޭގެ އެހެން ކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހައި މުސްލިމުން މިއަދު ފާހަގަކުރަމުން އަންނަނީ މިއަހަރުގެ އަލުހާ އީދު ދުވަހެވެ. އިސްލާމީ ހުރިހާ ގައުމެއްގައި އީދުގެ އުފާފާޅުކުރުންތައް ފެށީ، މިއަދުގެ ހެނދުނު ވަގުތުގައި ކުރި އީދު ނަމާދުންނެވެ.

އެއަށް ފަހު އުލުހިޔާ ކަތިލައި ސަދަގާތް ކުރުން އޮތެވެ. އަދި އެކި ގައުމުތަކުގައި އެ ގައުމެއްގެ ސަގާފީ އާދަކާދައިގެ މަތިން އީދު ކުޅިވަރުތައް ކުޅެމުންދެ އެވެ. އީދުގެ އުފާ ފާހަގަކުރުމުގައި ކުޑަކުދިންނާއި މުސްކުޅިންނާއި ބޮޑެތި މީހުން ބައިވެރިވެ އަންނަނީ އުފާ ފާޅުކުރަމުންނެވެ.

މިއަހަރަކީ، ނިސްބަތުން މަދު އަދަދެއްގެ ބަޔަކު ބައިވެރިގެން ހައްޖުގެ އަޅުކަން ފުރިހަމަކުރާ ދެ ވަނަ އަހަރެވެ. ޑިސެމްބަރު 2019 ގައި ޗައިނާ އިން ފެނި، މިހާރު މުޅި ދުނިޔެ އަށް ފެތުރިފައިވާ ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން، މިދިޔަ އަހަރުން ފެށިގެން، ހައްޖުގައި ބައިވެރިވުމަށް އެއްވެސް ގައުމަކަށް ހުއްދައެއް ނުދެ އެވެ.

ކޮންމެ އަހަރަކު ވެސް ގާތްގަނޑަކަށް ހަތަރު މިލިޔަން މީހުން ބައިވެރިވާ ހައްޖުގެ އަޅުކަމުގައި، މިދިޔަ އަހަރުން ފެށިގެން ބައިވެރި ކުރަމުން އަންނަނީ 60 ހާސް މީހުންނެވެ. އެއީ ސައުދީ އަރަބިއްޔާގައި އެކި ކަންކަމަށް ގޮސް ތިބި އެކި ގައުމުތަކުގެ މީހުންނާއި، ސައޫދީގެ ރައްޔިތުން ވެސް ހިމެނޭ ގޮތުންނެވެ.

އާންމު ގޮތެއްގައި އަރަފާތުން ނިމިގެން މިނާއަށް އަންނަ މަގުމަތީގައި މުޒްދަލިފާގައި ރޭކުރާ އިރު، ގިނަ ހައްޖުވެރިން އަންނާނީ، ޖަމްރާތަކަށް އުކުމަށްޓަކައި މުޒްދަލިފާ އިން ހިލަ ހޮވައިގެންނެވެ. ނަމަވެސް، ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން، ގައިދުރުކަން ދެމެހެއްޓުމުގެ ގޮތުން، މުޒްދަލިފާ އިން ހިލަ ހޮވުން މަނާކޮށް، އޭގެ ބަދަލުގައި ސައޫދީ ސަރުކާރުން ވަނީ، ބޭނުންވާ އަދަދަށް ހިލަކޮޅުތަކެއް އަޅާފައިވާ ކޮތަޅެއް، ކޮންމެ ހައްޖުވެރިއަކަށް ދީފަ އެވެ.

ހުރިހާ ހައްޖުވެރިން ވެސް މިއަދުން ފެށިގެން ހައްޖު މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ތިބޭނީ މިނާގަ އެވެ. އަދި ކޮންމެ ދުވަހަކު ވެސް ތިން ޖަމްރާ އަށް ހިލަ އުކާނެ އެވެ. ދަތުރު އަވަސްކޮށްލާފައި ފުރަން ބޭނުންވާ ހައްޖުވެރިން، 12 ވަނަ ދުވަހު ހިލަ އުކުމަށް ފަހު، އެނބުރި މައްކާ އަށް ގޮސް، ވަދާއުގެ ތަވާފް ކުރުމަށް ފަހު މައްކާ އިން ބޭރުވާނެ އެވެ.