20 ޖުލައި 2021 - 14:53

އަޟްހާ އީދު ފާހަގަކުރުމުގެ ހަރަކާތްތައް މި ބަންދު ތެރޭގައި ކުރިއަށް ގެންދިޔަ ނަމަވެސް ކޮވިޑް-19 ގެ އިތުރު ރާޅެއް ނާންނަ ގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް އެޗްޕީއޭ އިން އަނެއްކާ ވެސް ހަނދާން ކޮށްދީފި އެވެ.
އެ އިދާރާ އިން ކުރި ޓްވީޓެއްގައި ބުނީ، މިއަދު ފާހަގަކުރާ އީދާ ގުޅިގެން ޗުއްޓީ ހޭދަކުރުމަށް ތަންތަނަށް ދަތުރުކުރުމާއި އީދުގެ ހަރަކާތްތައް ކުރިއަށް ގެންދަން ވާނީ ކޮވިޑުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ކަމަށެވެ.
- ދަތުރުމަތީގައި އެއްކޮށް ދިރިއުޅޭ މީހުން ފިޔަވައި އެހެން މީހުނާ ދެމެދު މަދުވެގެން ތިން ފޫޓުގެ ދުރުމިން ބެހެއްޓުން.
- ތިމާ ދިރިއުޅޭ އާއިލާގެ މީހުންނާއެކު އެކަނި އީދުގެ ކެއުން ބޭއްވުން.
- ގިނަ މީހުން ބައިވެރިވެގެން ބާއްވާ އީދު ކުޅިވަރުތަކާއި ރަށްރަރަށަށް ގޮސްގެން ބާއްވާ މުބާރާތްތައް ނުބޭއްވުން.
ސްކޫލު ބަންދާއި ބޮޑު އީދު އަދި މިނިވަން ދުވަހުގެ ބަންދު ދުވަސްތަކާ އެކު 16 ދުވަހުގެ ބޮޑު ޗުއްޓީއެއް ލިބުމުން މާލޭގައި އުޅޭ ގިނަ ބަޔަކު ވަނީ ރަށްރަށަށް ގޮސްފަ އެވެ. އަދި އެކި ރަށްރަށުން ވެސް މާލެ އަށް ގިނަ ބަޔަކު އައިސްފައިވާއިރު އެއްތަނަކަށް އެއްވަގުތެއްގައި ޖަމާވާ މީހުންގެ އަދަދު ވަރަށް ގިނަކަން ފާހަގަކުރެވެ އެވެ.
ކޮވިޑު ކޭސްތައް މަދުވުމާ އެކު ބޮޑު ލުޔެއް މި ފަހަރު ދިން ނަމަވެސް ކުއްލިއަކަށް ކޭސްތައް މައްޗަށް އަރައިގެން ހިނގައިދާނެތީ ރަށްރަށް ދިއުމުގެ ފުރުސަތެއް ވެސް ކުރިއަކުން ނުލިބެ އެވެ. އަނެއްކާ 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއްގައި ތިބެން ޖެހޭތީ ގިނަ މީހުން ތިބީ އާއިލާގެ ގާތަށް ނުގޮހެވެ.
އެކަމަކު ވެކްސިން ފުރިހަމަކުރިތާ 14 ދުވަސްވުމުން ކަރަންޓީނު ނުވެ ދަތުރުކުރަން ދިން ލުޔާ އެކު ގިނަ ބަޔަކު ވަނީ ރަށްރަށަަށް ދަތުރުކޮށްފަ އެވެ. އަދި މޮނިޓަރިންގައި ނެތް ރަށްރަށުގައި ކުލަގަދަކޮށް އީދު ފާހަގަކުރަމުން އަންނައިރު އެ ހަރަކާތްތަކުގައި ގިނަ ބަޔަކު ބައިވެރިވަމުން އެބަދެ އެވެ.
މިހެންވެ އީދު ފާހަގަކުރިޔަސް ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށް އެޗްޕީއޭ އިން ތަކުރާރުކޮށް އަންނަނީ އިލްތިމާސްކުރަމުންނެވެ.