ގްރީލިޝް ސިޓީ އަށް ބަދަލުވާނެ ކަމާމެދު ޝައްކު
ގްރީލިޝް ސިޓީ އަށް ބަދަލުވާނެ ކަމާމެދު ޝައްކު

ލަންޑަން (ޖުލައި 20) - އެސްޓަން ވިލާގެ މިޑްފީލާޑާ ޖެކް ގްރީލިޝް މެންޗެސްޓާ ސިޓީ އަށް ބަދަލުވާނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް މިހާރު އެ ޑީލް ކުރިއަށް ދިއުމާމެދު ސުވާލު އުފެދޭ ކަމަށް އިނގިރޭސި މީޑިއާތަކުން ބުނެފި އެވެ.

ޔޫރޯގެ ފައިނަލަށް އިންގްލެންޑްގެ ޓީމު ގެންގޮސް ދިނުމުގައި މުހިންމު ދައުރެއް އަދާކުރި ދެ ކުޅުންތެރިން ކަމަށްވާ، ކެޕްޓަން ހެރީ ކޭން އާއި ގްރީލިޝް ގެންދިއުމަށް މެންޗެސްޓާ ސިޓީން އޮތީ އެތައް މިލިއަން ޕައުންޑެއް ހޭދަ ކުރަން ތައްޔާރަށެވެ.

ސިޓީ އަށް ބަދަލުވުމާ މެދު ފަހު ބަސް ބުނާނީ އޭނާ އެވެ. "ޓޯކް ސްޕޯޓްސް" އިން ބުނީ ގްރީލިޝް ސިޓީ އަށް ބަދަލުވުމާ މެދު އޭނާގެ ގާތް މީހުންނަށް އެއީ އެންމެ ކަމުދާ ގޮތް ކަމަށް ނުވާ ކަމަށެވެ.

އޭނާގެ ވަށައިގެންވާ މީހުންނަށް އެ ޑީލް ކަމުނުދާ ސަބަބެއް ސާފެއް ނުވެ އެވެ. ސިޓީ އަށް ބަދަލުވާ ނަމަ މިހާރު އޭނާ އަށް ކުޅެން ލިބޭ ވަރަށް ފުރުސަތު ލިބިދާނެ ކަމާ މެދު ސުވާލު އުފެދުމަކީ ވެސް، ވަކި ގޮތަކަށް އޭނާ ނިންމަން ބޭނުން ނުވާ ސަބަބަކަށް ވެދާނެ އެވެ.