ރާއްޖެ އާއި ލަންކާ ގުޅިގެން ސާފް ޗެމްޕިއަންޝިޕް ބާއްވަން ބިޑުކުރަނީ
ރާއްޖެ އާއި ލަންކާ ގުޅިގެން ސާފް ޗެމްޕިއަންޝިޕް ބާއްވަން ބިޑުކުރަނީ

މި އަހަރު ބާއްވަން މަސައްކަތް ކުރާ 13 ވަނަ ސާފް ޗެމްޕިއަންޝިޕް ރާއްޖެ އާއި ލަންކާ ގުޅިގެން ބޭއްވުމަށް ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

ސާފް ޗެމްޕިއަންޝިޕް ދެ ގައުމެއްގައި އެއް ފަހަރާ މިހާތަނަށް ބޭއްވި ހަމައެކަނި ދެ ގައުމަކީ ވެސް ރާއްޖެ އާއި ލަންކާ އެވެ. ސާފް ޗެމްޕިއަންޝިޕް 2008 ގައި ބޭއްވީ ލަންކާ އަދި ރާއްޖޭގަ އެވެ. ކޮލަމްބޯގެ ސުގަތަދާތަ ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗު ރާއްޖެ އިން ކާމިޔާބު ކުރީ އިންޑިއާ ބަލި ކުރުމަށް ފަހު އެވެ.

ސާފް ޗެމްޕިއަންޝިޕްގެ 13 ވަނަ އެޑިޝަން ބާއްވަން މިހާރު ހަމަޖައްސާފައިވާ، ބަންގްލަދޭޝްގައި އެކަން ކުރެވޭނެ ކަމުގެ ޔަގީން ކަމެއް ނެތެވެ. އެ ގައުމުގައި ކޮވިޑްގެ ހާލަތު އޮތް ގޮތުން މުބާރާތެއް ބޭއްވޭނެ ކަމުގެ ޔަގީން ކަމެއް ސަރުކާރުން ނުދެ އެވެ. އެހެންވެ ސާފް ޗެމްޕިއަންޝިޕް ބާއްވަން އާ ބިޑަށް ހުޅުވާލާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒު "މިހާރު" އަށް ވިދާޅުވީ ރާއްޖެ އާއި ލަންކާ ގުޅިގެން މުބާރާތް ބޭއްވުމަށް ޝައުގުވެރިކަން އެބަހުރި ކަމަށެވެ. އެފްއޭގެ ރައީސް ބައްސާމް އަދީލް ޖަލީލް ރާއްޖެ އެމްވީ އަށް ވިދާޅުވެފައި ވަނީ ސަރުކާރުގެ އެއްބާރުލުން ލިބޭނަމަ ރާއްޖެ އާއި ލަންކާ ގުޅިގެން ސާފް ޗެމްޕިއަންޝިޕް ބާއްވަން ބިޑު ކުރާނެ ކަމަށެވެ.

ނޭޕާލުން ވެސް ވަނީ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ޝައުގުވެރިކަން ފާޅު ކޮށްފަ އެވެ. މިދިޔަ ހަފުތާއާ ހަމައަށް ނޭޕާލްގެ ބޮޑުވަޒީރު ކަމުގައި ހުންނެވި ކޭޕީ ޝަރުމާ އޯލީ ވިދާޅުވީ މުބާރާތް ނޭޕާލްގައި ބޭއްވުމަށް ވާން ޖެހޭ ތައްޔާރީތައް ވުމަށް އޯލް ނޭޕާލް ފުޓްބޯލް ފެޑްރޭޝަނަށާއި އެ ގައުމުގެ ސްޕޯޓްސް ކައުންސިލަށް ގޮވާލައްވާ ކަމަށެވެ.

"ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް އަހަރެން ގޮވާލަން މުބާރާތް ކާމިޔާބު ކުރަން ބުރަކޮށް މަސައްކަތް ކުރާށޭ،" ބޮޑުވަޒީރުގެ މަގާމުން ވަކިވެވަޑައިގަތުމުގެ ކުރިން އޯލީ ވިދާޅުވެފައި ވެއެވެ. "ސާފް ޗެމްޕިއަންޝިޕް ބޭއްވުމުގެ ގާބިލުކަން ނޭޕާލްގައި އެބަހުރި."

ބަންގުލަދޭޝްގައި މުބާރާތް ނުބޭއްވޭނަމަ، ދެން އަމަލު ކުރަން ޖެހޭ ގޮތެއް މި މަސްތެރޭގައި ނިންމަން ޖެހޭނެ ކަމަށް، ސާފް ސެކްރެޓަރީ ޖެނަރަލް ބަންގްލަދޭޝްގެ އަންވާރުލް ހައްގު ވިދާޅުވި އެވެ.

މިހާރު އޮތް ގޮތުން ސާފް ޗެމްޕިއަންޝިޕުގައި ކުޅޭނީ ސާފްގެ ހަތް ގައުމުގެ ތެރެއިން ފަސް ގައުމެވެ. ކޮވިޑްގެ ހާލަތު އޮތް ގޮތުން ބޫޓާންގެ ފުޓްބޯޅަ ޓީމު ގައުމުން ބޭރަށް ފުރައިގެންދާން ހުުއްދަ ނެތުމުން އެ ގައުމުން ވަނީ މުބާރާތުގައި ބައިވެރި ނުވާން ނިންމައިފަ އެވެ. ޕާކިސްތާން އޮތީ ފީފާގެ ސަސްޕެންޝަނެއްގަ އެވެ.

އަންވާރުލް ހައްގު ހިލާލް، ބަންގްލަދޭޝްގެ ޖަގޯ ނިއުސް އަށް ކުރިން ވިދާޅުވި ގޮތުގައި ފަސް ޓީމު ވާދަކުރާ ނަމަ މުބާރާތުގެ ގުރޫޕް ސްޓޭޖް ކުރިއަށް ގެންދާނީ ލީގު އުސޫލުންނެވެ. ލީގު އުސޫލުން ކުޅުމަށް ފަހު ފައިނަލަށް ދާނީ އެންމެ ގަދަ ދެ ޓީމެވެ.

މުބާރާތް އެންމެ ފަހުން ވެސް ބޭއްވީ ބަންގްލަދޭޝްގަ އެވެ. ސެޕްޓެމްބަރު 2018 ގައި ޑާކާގައި ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެ އިން ހޯދީ އިންޑިއާ ބަލި ކުރުމަށް ފަހު އެވެ.

ބަންގްލަދޭޝް ނޫން އެހެން ގައުމަކަށް މުބާރާތް ބަދަލު ކުރާނަމަ އެކަން ވެގެންދާނީ 13 ވަނަ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ބިޑު އެވޯޑް ކުރާ ތިން ވަނަ ގައުމަށެވެ. އެންމެ ފުރަތަމަ ޕާކިސްތާންގައި ބާއްވަން އިއުލާން ކުރި މުބާރާތް ބަންގްލަދޭޝްގައި ބޭއްވުމަށް ފުރުސަތު ދިނީ އެ ގައުމުން އެދުމުން ހާއްސަ ހުއްދައެއްގެ ދަށުންނެވެ. އެއީ އެ ގައުމުގެ ބާނީ ޝައިހް މުޖީބުއް ރަހްމާން (ބަންގުބަންދު) އުފަންވެ ވަޑައިގަތްތާ 100 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެންނެވެ.

މިދިޔަ އަހަރު ސެޕްޓެމްބަރުގައި ބާއްވަން އޮތް މުބާރާތް މި އަހަރަށް ފަސް ކުރީ ކޮވިޑާ ގުޅިގެންނެވެ.