20 ޖުލައި 2021 - 11:00

އިސްލާމްދީނަށް ފުރައްސާރަކުރާ މީހުން އިތުރުވަމުންދާ ކަމަށާއި މިއަދު ބޭނުންވެފައި ވަނީ ދީނަށްޓަކައި ގުރުބާންވާން ކެރޭ، ދީނުގެ ބުރުސޫރަ ހުތުރުކުރުވާ މީހުންނަށް ނޫނެކޭ ބުނަން ކެރޭ މުސްލިމުން ކަމަށް މިއަދުގެ އީދު ހުތުބާގައި ބުނެފި އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުން ރައްކާތެރިވުމުގެ ގޮތުން ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުމުގެ ބަދަލުގައި މި ފަހަރު މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި އީދު ނަމާދު ކުރިއިރު، އީދު ހުތުބާގައި ބުނީ އިސްލާމްދީނާއި ކީރިތި ގުރުއާނަށް ފާޅުގައި އިހާނެތިކޮށް ހިތާ މަންޒަރު ފެންނަމުންދާ ކަމަށެވެ

މިއަދުގެ ހާލަތު ސިފަކޮށްދެމުން ހުތުބާގައި ބުނީ ނަބިއްޔާ އަށް ފުރައްސާރަކުރުމާއި މުސްލިމުންގެ މުގައްދަސް ތަންތަނަށް އަރައި އެ ތަންތަން ފޭރި ގަތުމާއި މުސްލިމުވެރިންގެ އަބުރާއި ފުރާނަ އަށް ވެސް އަރައިގަންނަމުންދާ ކަމަށެވެ. އަދި އިސްލާމީ ގައުމުތަކުގެ ހުރުމަތް ކަނޑައި މުސްލިމު އިލްމުވެރިންގެ ގަދަރު ވެސް ވައްޓާލަމުންދާ ކަމަށް ހުތުބާގައި ބުންޏެވެ.

އިސްލާމްދީން، އެ ދީނުގެ ވަތަނުގައި ބީރައްޓެހިކޮށް، 100 ޕަސެންޓް އިސްލާމީ ގައުމެއް އޮވެގެން ނުވާނެ ކަމަށް ބުނެ އަޑު އުފުލަމުންދާ ކަމަށް ވެސް ހުތުބާގައި ބުންޏެވެ.

ހުތުބާގައި ފާހަގަކުރި ގޮތުގައި، މުސްލިމުންގެ ހައްގުތަކަށް ފާޅުގައި އަރައިގަންނަމުންދާއިރު މިއަދު ބޭނުންވަނީ އެ މީހެއްގެ ވަގުތުންނާއި މުދަލުންނާއި އީޖާދުތަކުން އިސްލާމްދީނަށް ގުރުބާންވާން ކެރޭ ބައެކެވެ.

"އިސްލާމްދީނުގެ ބުރުސޫރަ ހުތުރުކުރާ މީހުންނަށް ނޫނެކޭ ބުނަން ކެރެވޭވަރުގެ މުސްލިމު ދަރިންނަށް މިއަދު ވަނީ ބޭނުންވެފައި،" ހުތުބާގައި ވެ އެވެ.

މި އަހަރުގެ އަޟްހާ އީދު ބައްދަލުކޮށްފައިވާއިރު، އީދު ވާން ޖެހޭނީ ހަސަދަވެރިކަމުންނާއި ރުޅިވެރިކަމުން ހިތްތައް ތާހިރުކޮށްދޭ އީދަކަށް ކަމަށާއި ދެބައުޑުވުމާއި ނެތިމޮށުމުގެ ނުބައި އަމަލުން ވެސް ދުރުވާ އީދަކަށް ކަމަށް ހުތުބާގައި ބުންޏެވެ. އަދި އީދުގައި އުފާކުރަން ވާނީ މާތްﷲ ގެ އަމުރުފުޅާ އެއްގޮތަށް ކަމަށާއި މުންކަރާތްތަކަށް އަރައި ނުގަނެ މާތްﷲ ހުއްދަ ކުރައްވާފައިވާ އިންތަކުގެ ތެރޭގައި ތިބެ އީދުގެ އުފާފާޅުކުރުމަކީ މަނާކަމެއް ނޫން ކަމަށް ވެސް ހުތުބާގައި ވެ އެވެ.
ހަލުވިކަމާ އެކު ފެތުރެން ފެށުމުގެ ސަބަބުން މިދިޔަ އަހަރު މާލޭގައި އަޟްހާ އީދު ނަމާދުކޮށްފައެއް ނުވެ އެވެ. އެކަމަކު ކޮވިޑްގެ ކޭސްތައް މަދުވެފައިވާތީ މި ފަހަރު އީދު ނަމާދުކުރި އެވެ. އެކަމަކު ކުރިން ބޮޑު ޖަމާއަތުގައި ނަމާދުކުރިޔަސް މިފަހަރު އީދު ނަމާދުގެ ޖަމާއަތް ކުރިއަށް ގެންދިޔައީ މާލޭ ސަރަހައްދުގެ 39 މިސްކިތެއްގަ އެވެ. އަދި ކޮވިޑާ ގުޅިގެން މޮނިޓަރިންގައި އޮތް ރަށްރަށުގައި ވެސް އީދު ނަމާދުކުރީ މިސްކިތުގަ އެވެ. އެކަމަކު މޮނިޓަރިންގައި ނެތް ރަށްރަށުގައި ވަނީ ބޮޑު ޖަމާއަތުގައި ބޮޑު އީދު ނަމާދު ކުރިއަށް ގެންގޮސްފަ އެވެ.