26 ނޮވެމްބަރ 2016 - 12:26

ޔަންގޫން (ނޮވެމްބަރު 26) - މިއަންމާގެ ރަކިނީ ސްޓޭޓުގެ މުސްލިމުންނާ ދެކޮޅަށް އެ ގަައުމުގެ ސިފައިން އަނިޔާވެރިކަން ހައްދުފަހަނަޅާފައިވާ އިރު ވެސް މިއަންމާގެ ލީޑަރު އަން ސަން ސޫކީ އެއްޗެކޭ ވިދާޅު ނުވެ ހިމޭނުން ހުންނަވާތީ އޭނާ އަށް ފާޑު ކިޔުންތައް އަމާޒުވާން ފަށައިފި އެވެ.

ނޯބެލް އިނާމު ވެސް ހާސިލް ކުރައްވާފައިވާ ސޫކީ އަށް އެންމެ ފަހުން ފާޑު ވިދާޅުވި ފަރާތްތަކުގެ ތެރޭގައި އދ.ގެ ރެފިއުޖީންނާ ބެހޭ އެޖެންސީގެ ވެރިޔާ ޖޯން މެކްކިސިކް ހިމެނިވަޑައިގަންނަވަ އެވެ. ވޭތުވެދިޔަ ހަ ހަފުތާތެރޭ މިއަންމާ ސިފައިން ރަކިނީ ސްޓޭޓުގެ މުސްލިމުން މަރާ، އަންހެނުންގެ ހިތްފަތްތެރިކަން ނަގާލާ އެ މީހުންގެ ގެދޮރާއި މިސްކިތްތަކުގައި އަލިފާން ޖަހަމުންދާ އިރު އެކަން ކުށްވެރި ކުރަން ނޫސްވެރިންގެ ބައްދަލުވުމެއް ހިސާބު ވެސް ސޫކީ ބާއްވަވައިފައެއް ނުވެ އެވެ. އެތައް ނޫސްވެރިންނެއް ޕްރެޝަރު ކުރުމުން އެކަމަނާ ވިދާޅުވިހާ ވެސް އެއްޗަކީ "ރަކިނީގައި ސިފައިން އަމަލު ކުރަމުންދަނީ ގާނޫނާ އެއްގޮތަށް" ކަމަށެވެ.

އެއް ބަޔަކު ބުނާ ގޮތުގައި މުސްލިމުން މަރާ މައްސަލާގައި ސޫކީ ފާޑު ވިދާޅު ނުވަނީ މިއަންމާ ސިފައިންނާއި މަދަނީ ސަރުކާރާ މެދު ގުޅުން ގޯސްވެދާނެތީ އެވެ. އެހެންވެއްޖެ ނަމަ އެކަމަނާގެ ޅަފަތުގައި އޮތް ސަރުކާރުގެ ތެރޭގައި ސިފައިން ހަމަނުޖެހުންގަނޑެއް ހިންގަވާނެ ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެ އެވެ.

ކިސިކް ވިދާޅުވީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކަށް މިއަންމާ ސަރުކާރުން އިހްތިރާމް ކުރަން ޖެހޭނެ ކަމަށެވެ. އެކަން އެގޮތަށް ނުކުރާތީ ދޭހަވަނީ ސިފައިންގެ މައްޗަށް މިއަންމާގެ ޑިމޮކްރެޓިކް ސަރުކާރަށް ކޮންޓްރޯލް ނެތްކަން ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަންމާ ސަރުކާރުގެ ތަރުޖަމާނަކު ބުނީ އދ.ގެ ރެފިއުޖީ އެޖެންސީގެ ވެރިޔާ ވެސް ވާހަކަ ދައްކަވަން ވާނީ ޕްރޮފެޝަނަލް ކަމާ އެކު އދ. ގެ އުސޫލުތަކުގެ ތެރޭން ކަަމަށެވެ. އަދި އޭނާ ދައްކަވާ ވާހަކަތަކަކީ ތުހުމަތެއް ކަމަށް ތަރުޖަމާން ބުންޏެވެ.
ރަކިނީގައި މިލިއަނެއްހާ މުސްލިމުން ދިރިއުޅެ އެވެ. އެކަމަކު ރަކިނީގެ އަޣުލަބިއްޔަތު އޮންނަ ބުޑިސްޓުން ބުނަނީ އެއީ ގަވާއިދާ ޚިލާފަށް އެތެރެވެފައިވާ ބައެއް ކަމަށެވެ. ރަކިނީގައި މުސްލިމުންނާ ދެކޮޅަށް ބުޑިސްޓުން 2012 ވަނަ އަހަރު ދިން ހަމަލާތަކުގައި 100،000 މުސްލިމުން ހާލުގައި ޖެހުނެވެ. ރޮހިންޔާ މުސްލިމުންނަކީ މިއަންމާގެ ރައްޔިތުންގެ ގޮތުގައި އެ ގައުމުގެ ސަރުކާރުން ވެސް ބަލައިގެންފައެއް ނުވެ އެވެ. އެކަމަކު އެ މީހުން މިއަންމާގެ ދިރިއުޅޭތާ އެތައް ޒަމާނެއް ވެއްޖެ އެވެ. ރޮހިންޔާ މުސްލިމުން ގަބޫލް ކުރަން ބަންގްލަދޭޝް އިން ވެސް ވަނީ ދެކޮޅު ހަދައިފަ އެވެ.
ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް މިއަންމާ ސިފައިން ބޮޑު އަސްކަރީ އޮޕަރޭޝަނެއް ފެށީ މިދިޔަ މަހު 9 ވަނަ ދުވަހު އެވެ. އެއީ ފުލުހުންގެ ނުވަ މީހަކު މަރާލީ ރޮހިންޔާ މުސްލިމުން ކަމަށް ތުހުމަތުކޮށްފަ އެވެ.
ރޮހިންޔާ މުސްލިމް އަވަށްތަކުގައި މިއަންމާ ސިފައިން އަލިފާން ޖަހާފައިވާ ސެޓެލައިޓް ފޮޓޯތަކެއް ހިއުމަން ރައިޓްސް ވޮޗުން މި ހަފުތާގައި ވަނީ އާއްމުކޮށްފަ އެވެ. މިއަންމާ ސަރުކާރުން ބުނަނީ މުސްލިމުންގެ ގެ ތަކުގައި އަލިފާން ޖަހަނީ އެ މީހުން އަމިއްލަ އަށް ކަމަށެވެ. ބޭނުމަކީ ބައިނަލްއަގުވާމީ ސަމާލުކަން ހޯދުން ކަމަށް ވެސް ބުނެފައިވެ އެވެ.