19 ޖުލައި 2021 - 16:36

ކޮވިޑް ފެތުރޭތީ މޮނިޓަރިންގައި ބާއްވާފައި އޮންނަތާ ދެ މަހަށް ވުރެ ގިނަ ދުވަސް ފަހުން އައްޑޫ މިއަދު އަލުން ހުޅުވާލައިފި އެވެ.
އެޗްޕީއޭ އިން ބުނީ އައްޑޫގެ ރަށްތަކަށް ކަމަށްވާ ހިތަދޫ އާއި މަރަދޫ އާއި މަރަދޫފޭދޫ އަދި ފޭދޫ ވެސް މިހާރު މޮނީޓަރިންގެ ހާލަތުން ނަގައިފައިވާ ކަމަށެވެ.
އައްޑޫ ބަންދުކުރީ ހިތަދޫ ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑަށް ޕޮޒިޓިވްވުމުން މިދިޔަ މެއި މަހު އެކެއްގަ އެވެ. އަދި އޭގެ ފަހުން ގުޅިފައިވާ އެހެން ރަށްތަކުން ވެސް ކޭސްތައް ފެނިފައިވެ އެވެ.
މި ވަގުތު އައްޑޫގައި އެކްޓީވް ކޭސްތައް ހުރީ 70 ގަ އެވެ. އަދި މި ބަލީގައި އައްޑޫ އިން ދެ މީހަކު މަރުވި އެވެ.
އައްޑޫ މޮނީޓަރިންގެ ހާލަތުން ނެގިއިރު، އިތުރު 14 ރަށެއް އަދިވެސް އޮތީ ބަންދުކޮށްފަ އެވެ.
ކޮވިޑް ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކަށް ލުއިދީފައިވާއިރު، ވެކްސިން ފުރިހަމަކުރާތާ 14 ދުވަސް ފަހުން، ނެގެޓިވް ޕީސީއާރް ޓެސްޓަކާ އެކު ކަރަންޓީނު ނުވެ ދަތުރުކުރެވޭ ގޮތަށް އެޗްޕީއޭ އިން ވަނީ ހަމަޖައްސައިފަ އެވެ. މިގޮތަށް ދެވޭނީ ކޮވިޑް ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓަށް ވުރެ ދަށުގައި ހުރި އެއްރަށުން އަނެއް ރަށަށެވެ.
އެޗްޕީއޭ އިން ބުނެފައިވާ ގޮތުގައި ޕޮޒިޓިވިޓީ ރޭޓް 5-10 އަކާ ދެމެދުގައި ހުރި ނަމަ ހަތް ދުވަހުގެ މުއްދަތަކަށް ކަރަންޓީނުވާން ޖެހޭނެ އެވެ. އަދި 10 އަށް ވުރެ މައްޗަށް ގޮސްފި ނަމަ، 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީނުވާން ޖެހޭނެ އެވެ.