19 ޖުލައި 2021 - 15:56

އިންޑިއާގެ ގައުމީ އެއާލައިން، އެއާ އިންޑިއާގެ ދަތުރުތައް މި މަހުގެ 28 ގައި ރާއްޖެ އަށް އަލުން ފަށަން ތައްޔާރުވެއްޖެ އެވެ.
އެ އެއާލައިނުން ރާއްޖެ އަށް ކުރަމުން އައި ދަތުރުތައް މެދުކަނޑައިލީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ދިވެހި ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު، ދެކުނު އޭޝިއާގެ ޓޫރިސްޓުން އައުން މަނާ ކުރުމާ ގުޅިގެންނެވެ.
ނަމަވެސް ރާއްޖޭގައި ކޮވިޑް ވަރަށް ބޮޑަށް ކޮންޓްރޯލް ވުމާއެކު، ދިން ލުއިތަކާ ގުޅިގެން އެ އެއާލައިނުގެ ދަތުރުތައް އަލުން ފަށަން ނިންމީ ދެކުނު އޭޝިއާގެ ޓޫރިސްޓުންނަށް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ރާއްޖެ އަލުން ހުޅުވައިމުންނެވެ.
އެއާ އިންޑިއާ އިން ވަނީ މި އަހަރުގެ މިހާތަނަށް އެ އެއާލައިނުގެ ދަތުރުތައް މެދުކަނޑައިލުމާ ހަމައަށް 3،237 ޓޫރިސްޓަކު ރާއްޖެ ގެނެސްފަ އެވެ.
އެ އެއާލައިނުން ރާއްޖެ އަށް އަލުން ދަތުރުތައް ފެށުމަށް ފަހު، ރާއްޖެ އާއި އިންޑިއާއާ ދެމެދު ހަފުތާއަކު ހަތަރު ފްލައިޓު ބާއްވާނެ އެވެ.
ދެކުނު އޭޝިއާގެ ޓޫރިސްޓުންނަށް ރާއްޖެ ހުޅުވައިލުމާއެކު އިންޑިއާގެ އިތުރު ތިން އެއާލައިނަކުން ވެސް ވަނީ އަލުން ދަތުރުތަައް ފަށައިފަ އެވެ. އެއީ ސްޕައިސް ޖެޓާއި އިންޑިގޯ އަދި ގޯ އެއާ އެވެ.
ސްޕައިސް ޖެޓުން ހަފުތާއަކު 14 ފްލައިޓު ބާއްވާއިރު، އިންޑިގޯ އިން 13 ފްލައިޓު އަދި ގޯއެއާއިން ހަފުތާއަކު ދެ ފްލައިޓު ބާއްވާނެ އެވެ.