އަފްގާން ސުލްހައިގެ ވާހަކަތައް ކޮޅެއްގައި ނުޖެހުނު
އަފްގާން ސުލްހައިގެ ވާހަކަތައް ކޮޅެއްގައި ނުޖެހުނު

އަފްގާނިސްތާނުގެ ދާހިލީ ހަނގުރާމަ އަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، އަފްގާނިސްތާނު ސަރުކާރުގެ މަންދޫބުންނާއި ހަނގުރާމަވެރި ތާލިބާން ޖަމާއަތުގެ މަންދޫބުންނާ ދެމެދު، ގަތަރުގެ ވެރިރަށް ދޯހާގައި ބޭއްވި ބައްދަލުވުމުން އެއްވެސް ނަތީޖާއެއް ނުނެރެވި ހުއްޓާލައިފި އެވެ.

އަފްގާން ސުލްހައިގެ ވާހަކަތައް ކޮޅެއްގައި ނުޖެހުނު
އަފްގާން ސުލްހައިގެ ވާހަކަތައް ކޮޅެއްގައި ނުޖެހުނު

މިދިޔަ ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހު ބޭއްވި މަޝްވަރާ ބައްދަލުވުންތައް، އެއްވެސް ނަތީޖާއެއް ނުނެރެވި ހުއްޓައިލަން ޖެހުނީ، އެއްވެސް ބަޔަކު އަނެއް ބަޔަކަށް ދޫ ދޭން ބޭނުން ނުވާތީ އެވެ. ނަމަވެސް، ދެ ދުވަސް ފަހުން އަލުން ވާހަކަތައް ފެށުމަށް ދެ ފަރާތުގެ މަންދޫބުން ވެސް ވަނީ އެއްބަސްވެފަ އެވެ.

ހަފުތާ ބަންދުގައި ބޭއްވި މަޝްވަރާތައް ހުއްޓައިލުމަށް ފަހު، ދެ ފަރާތުން ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނެފައިވާ ގޮތުގައި، ސުލްހައި ވާހަކަތަކުން އެދެވޭ ނަތީޖާއެއް ނެރެވެންދެން، ދެ ފަރާތުން މަތީ ފެންވަރުގެ މަންދޫބުންގެ މެދުގައި މަޝްވަރާތައް ކުރިއަށް ގެންދަން ދެ ފަރާތުން ވެސް އެއްބަސްވެ އެވެ. އޭގެ އިތުރުން ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް، އިންސާނީ އެހީތެރިކަން ފޯރުވައިދިނުމަށް ދެ ފަރާތުން ވެސް އެއްބަސްވާ ކަމަށް ބަޔާނުގައިވެ އެވެ.

މި މަޝްވަރާތަކުގައި ދެ ފަރާތުން ވެސް ވަނީ، އެ ބަޔަކު ބޭނުންވާ ސުލްހައިގެ ހުށަހެޅުން އަނެއް ފަރާތާ ހިއްސާ ކޮށްފަ އެވެ. އެކަމަކު އެއިން ކޮންމެ ހުށަހެޅުމެއްގައި ވެސް އަނެއް ފަރާތުގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ކަމަށް، މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އަފްގާނިސްތާނުގެ ދާހިލީ ހަނގުރާމަ އަށް ސުލްހަވެރި ހައްލެއް ހޯދުމަށް ތާލިބާން ޖަމާއަތާއި އަފްގާނިސްތާނު ސަރުކާރާ ދެމެދު މަޝްވަރާތައް ކުރަމުން އަންނަތާ ހަތަރު މަސް ވެއްޖެ އެވެ. ނަމަވެސް، އިތުރު މަޝްވަރާތައް ކުރުމަށް އެއްބަސްވުން ފިޔަވައި، ފާހަގަކުރެވޭ ވަރުގެ އިތުރު ކުރިއެރުމެއް ނުލިބެ އެވެ.

ދެ ފަރާތުގެ މެދުގައި ސުލްހައިގެ ވާހަކަތައް ކުރިއަށް ދާއިރު، އަފްގާނިސްތާނުގެ އެކި ސަރަހައްދުތަކުގައި ދެ ފަރާތުގެ މެދުގައި ބަދަލުކުރާ ހަމަލާތައް ވެސް ވަނީ ވަރުގަދަ ވެފަ އެވެ. ނަމަވެސް ޖަމާއަތުގެ ވެރިޔާ ހައިބަތުﷲ އަޚުންޒާދާ އިއްޔެ ނެރުއްވި އީދުގެ މެސެޖްގައި ވިދާޅުވެފައިވަނީ، އަފްގާނިސްތާނުގައި މިހާރު ހިނގަމުންދާ ދާހިލީ ހަމަނުޖެހުންތައް ހައްލު ކުރަން، ތާލިބާން ޖަމާއަތުން ބޭނުންވަނީ ސިޔާސީ ގޮތުން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އަފްގާނިސްތާނުގެ ދާހިލީ ހަމަނުޖެހުމަށް ހައްލެއް ހޯދަން ޖެހޭނީ، ބިދޭސީންގެ ބައިވެރިވުމެއް ނޯންނަ ގޮތަށް، އަފްގާނިސްތާނުގެ ދޭދޭ ޖަމާއަތްތަކުގެ މެދުގައި އެއްބަސްވެވޭ ގޮތެއްގެ މަތިންނެވެ. ބިދޭސީން ބައިވެރިކޮށްގެން ހައްލެއް ހޯދަން ކުރާ މަސައްކަތުން އެއްވެސް ނަތީޖާއެއް ނުނެރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިދިޔަ ޖޫން މަސް ނިމުމާ އެކު، އެމެރިކާ އާއި ނޭޓޯ ސިފައިން އަފްގާނިސްތާނުން ފައިބައިގެން ދިޔަ އިރު، ތާލިބާން ހަނގުރާމަވެރިންގެ ހަމަލާތައް ވަރުގަދަވެ، ގައުމުގެ ބޮޑު ބައެއް ވަނީ އެ ޖަމާއަތުގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ. ތާލިބާނުންގެ ހަމަލާތައް ވަރުގަދަވުމާ އެކު، ސަރުކާރު ސިފައިންގެ އެތައް ހާސް ބަޔަކު ވަނީ، ހަނގުރާމައިގެ މައިދާން ދޫކޮށް ފިލައިފަ އެވެ.