އޭއެފްސީ ކަޕް ބާއްވަން އަނެއްކާވެސް ރާއްޖެ އަށް
އޭއެފްސީ ކަޕް ބާއްވަން އަނެއްކާވެސް ރާއްޖެ އަށް

އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާ ޒޯންގެ ގުރޫޕް ސުޓޭޖު މެޗުތައް އަނެއްކާވެސް ރާއްޖޭގައި ބޭއްވުމަށް، އޭއެފްސީން ބިޑު އެވޯޑް ކޮށްފި އެވެ.

ދެކުނު އޭޝިއާ ނުވަތަ ގުރޫޕް ޑީގެ މެޗުތައް ހޯސްޓު ކުރުމަށް ރާއްޖޭގެ އިތުރުން ބަންގްލަދޭޝް އިން ވެސް ބިޑު ކުރި އެވެ. ނަމަވެސް އެ ގައުމުގައި ކޮވިޑް-19 ގެ ހާލަތު އުނދަގޫ ދަރަޖައަކަށް ގޮސްފައިވުމުން އޭރު ވެސް ބެލެވިފައި އޮތީ ބިޑު ރާއްޖެއަށް ލިބޭނެ ކަމަށެވެ

އަންނަ މަހު 15-24 އަށް ކުރިއަށް ގެންދާ މެޗުތަކުގައި އެންމެ ފުރަތަމަ ކުޅޭނީ ޕްލޭއޮފް މެޗުގައި ރާއްޖޭގެ އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީ އެވެ. އެ މެޗު އޮންނާނީ 15 ވަނަ ދުވަހު އެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ގުރޫޕު ސްޓޭޖުގެ ފަހު ޖާގަ ލިބޭނެ އެވެ. ގުރޫޕް ސްޓޭޖުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅޭނީ އެއް ފަހަރު އެވެ. ގުރޫޕް ސްޓޭޖުގެ މެޗުތައް އޮންނާނީ 18، 21 އަދި 24 ގަ އެވެ. ކޮންމެ މެޗު ޑޭއެއްގައި ދެ މެޗު ކުޅޭނެ އެވެ.

ގުރޫޕް ސުޓޭޖުން އޮޓޮމެޓިކް ޖާގަ ހޯދާފައި ވަނީ، ރާއްޖޭގެ މާޒިޔާގެ އިތުރުން އިންޑިއާގެ އޭޓީކޭ މޯހަން ބަގާން، އަދި ބަންގްލަދޭޝްގެ ބޮށުންދަރާ ކިންގްސް އެވެ.

- އޯގަސްޓް 18

މާޒިޔާ - ބޮށުންދަރާ ކިންގްސް

އޭޓީކޭ މޯހަން ބަގާން - ބެންގަލޫރު އެފްސީ ނުވަތަ އީގަލްސް

- އޯގަސްޓް 21

އޭޓީކޭ މޯހަން ބަގާން - މާޒިޔާ

ބޮށުންދަރާ ކިންގްސް - ބެންގަލޫރު އެފްސީ ނުވަތަ އީގަލްސް

- އޯގަސްޓް 24

އޭޓީކޭ މޯހަން ބަގާން - ބޮށުންދަރާ ކިންގްސް

މާޒިޔާ - ބެންގަލޫރު އެފްސީ ނުވަތަ އީގަލްސް

އިންޑިއާގެ އެންމެ ބޮޑު ނޫސް ޓައިމްސް އޮފް އިންޑިއާއިން މި މަހު ކުރީ ކޮޅު ބުނެފައި ވަނީ މެއި މަހު ރާއްޖޭގައި ބާއްވަން މަސައްކަތްކޮށް، ކަން ވީގޮތުން ރާއްޖެ އަށް އޭއެފްސީ ބިޑު އަލުން އެވޯޑް ކުުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

"އޭއެފްސީން އަމަލު ކުރާނެ ގޮތެއް ދެން އަހަރެމެން ބަލަން ޖެހޭނީ. މެއި މަހު ދިވެހި ރާއްޖޭގައި ބާއްވަން މަސައްކަތްކޮށް އެކަން ވީގޮތުން އެ ގައުމުގައި މުބާރާތް ބާއްވާނެ ކަމަށް ބުނަން އުނދަގޫ،" އޭއެފްސީ ކަޕުގެ ބިޑިން ޕްރޮސަސް ގާތުން ބަލަމުންދާ ފަރާތަކާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާއިން މި މަހު 6 ގައި ޝާއިކުރި ޚަބަރެއްގައި ވެއެވެ.

މެއި މަހު ރާއްޖޭގައި ބާއްވަން މަސައްކަތްކުރި ގުރޫޕް ސްޓޭޖު ފަސް ކުރަން އޭއެފްސީން ނިންމީ ރާއްޖޭގައި ކޮވިޑްގެ ހާލަތު އޭރު އޮތް ގޮތުންނާއި އޭއެފްސީ ކަޕް ޕްލޭއޮފްގައި ރާއްޖޭގެ އީގަލްސްއާ ދެކޮޅަށް ކުޅެން އައި އިންޑިއާގެ ބެންގަލޫރު އެފްސީން ކޮވިޑްގެ ޕްރޮޓޮކޯލް މުގުރާލައި އެ ޓީމުގެ ބައެއް ކުޅުންތެރިން ހޮޓަލުން ބޭރަށް ނުކުތް މައްސަލަ ފެންމަތި ވުމުންނެވެ.

ބެންގަލޫރު އަމަލުކުރި ގޮތުން ރާއްޖޭގައި މުބާރާތް ނުބޭއްވޭނެ ކަމަށާއި، އެ ޓީމު ރާއްޖެއިން ފުރުވާލަން ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް އެފްއޭއެމްއަށް އެންގުމުން، އެފްއޭއެމުން އެ މައްސަލަ އޭއެފްސީގެ ސަމާލުކަމަށް ގެނަ އެވެ.

ދެކުނު އޭޝިއާގެ ޒޯން ގުރޫޕު ސުޓޭޖު ބާއްވަން ރާއްޖެ އިން މިހާތަނަށް ވަނީ ތިން ފަހަރު ބިޑު ކާމިޔާބުކޮށްފަ އެވެ. އެންމެ ފުރަތަމަ ރާއްޖެއިން ބިޑުކުރީ އޭއެފްސީ ކަޕް 2020 ގެ ގުރޫޕު ސުޓޭޖު މެޗުތައް ހޯސްޓް ކުރުމަށެވެ. ނަމަވެސް އޭއެފްސީ ކަޕްގައި ކުޅޭ އެހެން ޒޯންތަކުގެ މެޗުތައް ހޯސްޓް ކުރެވޭނެ ހާލަތެއް ގައުމުތަކުގައި ނެތުމުން، އޭއެފްސީ އޭރު ނިންމީ މިދިޔަ އަހަރުގެ މުބާރާތް އެއްކޮށް ކެންސަލް ކުރުމަށެށެވެ. ދެ ވަނަ ފަހަރަކީ މެއި މަހު ބާއްވަން މަސައްކަތް ކުރި ފަހަރެވެ.

އޭއެފްސީ ކަޕަށް ތައްޔާރު ވާން މާޒިޔާ އިން ވަނީ ޕްރީ ސީޒަން ޓްރޭނިން ފަށައިފަ އެވެ. އަދި އެ ޓީމުން ވަނީ ލީގުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް އަށް ކުޅުނު ކީޕަރު މިރުޒޯހިދު އެ ޓީމަށް ސޮއި ކުރުވާފަ އެވެ. އުޒްބެކިސްތާންގެ ކީޕަރު ލައްވައި މާޒިޔާއިން ސޮއި ކުރުވީ، އޭއެފްސީ ކަޕަށް އަމާޒުކޮށް މާޒިޔާއިން ކުރިން ގެނައި ކީޕަރު، ސީރިއާގެ މަހްމޫދު އަލް ޔޫސުފް ފޮނުވާލުމަށް ފަހު އެވެ. މާޒިޔާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް ކުރިން ބުނެފައި ވަނީ މަހުމޫދު އޭރު ހުރީ އަނިޔާގައި ކަމަށެވެ.

މާޒިޔާ އަށް ސައުދީ އަރަބިއްޔާގެ ޓްރޭނިން ކޭމްޕެއް ހޯދުމަށް އެފްއޭއެމުން ދަނީ މަސައްކަތް ކުރަމުންނެވެ.