ގުދުސްގައި މެޗު ނުކުޅެން ބާސާ އިން ނިންމުމުން ފަލަސްތީނުގެ ތައުރީފު
ގުދުސްގައި މެޗު ނުކުޅެން ބާސާ އިން ނިންމުމުން ފަލަސްތީނުގެ ތައުރީފު

ބާސެލޯނާ (ޖުލައި 19) - އިޒުރޭލްގެ ކްލަބު، ބިއެޓާ ޖެރޫސަލަމްއާ ދެކޮޅަށް ގުދުސްގައި އެފްސީ ބާސެލޯނާ އިން ކުޅެން ހަމަޖެއްސި މެޗު ނުކުޅޭ ގޮތަށް ބާސާ އިން ނިންމުމުން ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބާސާ އަށް ތައުރީފް ކޮށްފި އެވެ.

ބިއެޓާއާ ދެކޮޅަށް ބާސާ ކުޅެން ހަމަޖައްސާފައިވާ، ޕްރީ ސީޒަންގެ ފްރެންޑްލީ މެޗު އަންނަ މަހު 4 ގައި ކުޅޭ ގޮތަށް ކުރިން ނިންމާފައި އޮތް ނަމަވެސް މެޗު ކެންސަލް ކުރީ އެހެން ސިޓީއަކަށް މެޗު ބަދަލު ކުރަން ބިއެޓާ އިން ދެކޮޅު ހެދުމުންނެވެ.

އިސްލާމީ ގައުމުތަކާއި އެންޖީއޯތަކުގެ ޕްރެޝަރާ ހެދި، ބާސާ އިން އެދުނީ ގުދުސް ނޫން އެހެން ތަނެއްގައި މެޗު ކުޅޭ ގޮތަށް ހަމަޖެއްސުމަށެވެ.

ބިއެޓާގެ އޯނަރު، މޯޝް ހާގް ވިދާޅުވީ އެހެން ސިޓީއަކަށް މެޗު ބަދަލު ކުރަން އޭނާ ހުރީ ތައްޔާރަށް ނޫން ކަމަށެވެ. އެހެންވެ ބާސާ އިން ނިންމީ މެޗު ސަސްޕެންޑް ކުރުމަށެވެ.

ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ޖެނެރަލް ޖިބްރީލް ރަޖޫބު ވަނީ ބާސާގެ ރައީސް ޔޮއާން ލަޕޯޓާ އަށް ސިޓީއެއް ފޮނުއްވައި ބާސާގެ ނިންމުމަށް ތައުރީފު ކުރައްވައިފަ އެވެ.

"ޕީއެފްއޭ އާއި އެއް މިލިއަން ސަޕޯޓަރުންގެ އެދުމާ އެއްގޮތަށް ބާސާ އިން އިހްތިރާމް ކުރީތީ ޕީއެފްއޭ އިން އެކަން ވަރަށް އުފަލާ އެކު ފާހަގަކުރަން،" ސިޓީގައި ލިޔުއްވާފައިވެ އެވެ.

ބާސާގެ ކެޕްޓަން ލިއޮނެލް މެސީ، އާޖެންޓީނާގެ ގައުމީ ޓީމާ އެކު ގުދުސްގައި މެޗެއް ކުޅެން 2018 ވަނަ އަހަރު ނިންމުމުން ފަލސްތީންގެ އެތައް ބަޔަކު އެކަމާ ދެކޮޅަށް މުޒާހަރާ ކުރި އެވެ. އޭރު ޕީއެފްއޭ އިން ބުނެފައި ވަނީ މެސީ އަށް ސަޕޯޓް ކުރާ އެތައް މިލިއަން ސަޕޯޓަރުންނެއް އިސްލާމީ ދުނިޔޭގައި ވެސް އެބަތިބި ކަމަށާއި އެހެންވެ ގުދުސްގައި މެޗު ނުކުޅުމަކީ ފަލަސްތީންގެ ރައްޔިތުންގެ ފަރާތުން ކުރާ އިލްތިމާސްއެއް ކަމަށެވެ. އެ ފަހަރު އާޖެންޓީނާ އިން ވެސް ނިންމީ މެޗު ކެންސަލް ކުރުމަށެވެ.