25 ނޮވެމްބަރ 2016 - 18:57

ވެސްޓް ބެންގާލް (ނޮވެމްބަރު 25) - އިންޑިއާގެ އިރުމަތީގެ ވެސްޓް ބެންގާލް ސްޓޭޓުގެ ހޮސްޕިޓަލަކުން ވަގަށް ބޭރު ކުރުމަށްޓަކައި ބިސްކޯދު ހުސްކުރި ފޮށިގަނޑުތަކަކަށް ލާފައިވާ ތުއްތު ކުދިންތަކެއް ފުލުހުން ހޯދައިފި އެވެ.
ކަލްކަތާއާ 50 މޭލު ދުރުގައިވާ ބަދުރިއާގެ ހޮސްޕިޓަލުގައި ހުރި ފޮށިގަނޑުތަކަށް ލާފައިވަނީ އުމުރުން ދެ ތިން ދުވަސްވީ ޅަ ކުދިންނެވެ. އަދި ހަ ދުވަސްވީ ކުއްޖެއް ވެސް ވަނީ އެހެން ކޮޓަރިއަކުން ހޯދައިފަ އެވެ. ހޮސްޕިޓަލުގައި ފުލުހުން ހިންގި އޮޕަރޭޝަނުގައި ވަނީ 13 މީހުން ހައްޔަރުކޮށްފަ އެވެ. މީގެ ތެރޭގައި ހޮސްޕިޓަލުގެ ވެރިމީހާ ވެސް ހިމެނެ އެވެ.
ފުލުހުންގެ ސީނިއާ އޮފިޝަލެއް ކަމަށްވާ ބީއެލް މީނާ ވިދާޅުވީ ކުދިން ނެތް މީހުންނަށް އެ ހޮސްޕިޓަލުން ތުއްތު ކުދިން ވިއްކަމުންދާ ކަމަށެވެ. މި ގޮތުން ފިރިހެން ކުއްޖަކު ވިއްކަނީ 300،000 ރުޕީސް (4،368 ޑޮލަރު) އަދި އަންހެން ކުއްޖެއް 100،000 ރުޕީސް އަށެވެ. އަދި ހަމުގެ ކުލަ ދޮން ކުދިން ބޮޑު އަގުގައި ވިއްކާ ކަމަށް ވެސް ބުނެފައިވެ އެވެ.
ފުލުހުން ބުނީ ހޮސްޕިޓަލުގައި ވިހާ ފަގީރު މީހުންގެ ދަރިން ވަގަށް ނެގުމަށް ފަހު ވެސް ވިއްކާލާ ކަމަށެވެ.
"އެއަށް ފަހު އެ ކުއްޖާގެ މަންމަ ގާތު ބުނަނީ ތުއްތު ކުއްޖާ މަރުވީ ކަމަށް. އަދި މަރުވި ހަށިގަނޑު ދައްކަން ބުނުމުން ދައްކައިފައެއް ވެސް ނުވޭ. އެންމެ ފަހުން އެ ވާހަކަ ނުދައްކަން ރިޝްވަތު ދެނީ،" ފުލުހުންގެ އޮފިޝަލް މީނާ ވިދާޅުވި އެވެ.
ފުލުހުން ލަފާ ކުރަނީ ވޭތުވެދިޔަ ދެ އަހަރު ތެރޭ ވެސްޓް ބެންގާލުގެ ހޮސްޕިޓަލުން 30 ކުދިން ވިއްކާފައިވާނެ ކަމަށެވެ.