ސަރުކާރުން ހުށަހެޅި ގޮތަށް ނަފްރަތުގެ ބިލު ފާސްކުރުމާ ގުޅޭ ގޮތުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބަހެއް ހޯދަނީ
ސަރުކާރުން ހުށަހެޅި ގޮތަށް ނަފްރަތުގެ ބިލު ފާސްކުރުމާ ގުޅޭ ގޮތުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބަހެއް ހޯދަނީ

އިސްލާމް ދީނުގެ އަގީދާއާ ގުޅުވައިގެން ނަފުރަތު އުފެއްދުމަކީ ޖިނާއީ ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް ބަދަލު ގެންނަން ސަރުކާރުން ހުށަހެޅި ބިލު ފާސްކުރުމާ މެދު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބަހެއް ހޯދަން ނިންމައިފި އެވެ.

އާންމު ތަނެއްގައި އެހެން މީހަކީ ދީނާ ދެކޮޅު މީހެއް ކަމަށް ގޮވުމަކީ ކުށަކަށް ހަދަން ހުށަހެޅި ބިލު ސަރުކާރުން ހުށަހެޅި ގޮތަށް ފާސްކުރުމާ މެދު، ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބަހެއް ހޯދަން ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދެވެ.

"ޗެއާ، އަޅުގަނޑު އެދެން، ނަފްރަތުގެ ބިލު ސަރުކާރުން ހުށަހެޅި ގޮތަށް ފާސްކުރުމާ ބެހޭގޮތުން ގައުމީ މަޖިލީހުގެ ބަހެއް ހޯއްދަވައި ދެއްވުމަށް،" ގައުމީ މަޖިލީހުގެ ގްރޫޕަށް ނަޝީދު ފޮނުއްވި މެސެޖެއްގައި ވެ އެެވެ.

އެ މަނިކުފާނު އެދިވަޑައިގެންނެވި ގޮތަށް ގައުމީ މަޖިލީހުގެ ބައްދަލުވުމަކަށް އެކަން އެޖެންޑާ ކުރަން މިހާރު ނިންމާފައިވާކަން "މިހާރު"އަށް ވަނީ ކަށަވަރު ވެފަ އެވެ. ނަމަވެސް، އެ ބައްދަލުވުން ބާއްވާނީ ކޮން ދުވަހަކު ކަމެއް އަދި ނޭނގެ އެވެ.

ސަރުކާރުން ހުށަހެޅި ބިލު އޮތް ގޮތުން ދީނީ އިލްމުވެރިންނާއި އާންމުންގެ ވެސް ކަންބޮޑުވުން ބޮޑުވެފައި ވަނިކޮށް، އިސްލާމިކް މިނިސްޓްރީ އާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި ހިއުމަން ރައިޓްސް ކޮމިޝަނުގެ އިތުރުން އެހެން ބައެއް ފަރާތްތަކުގެ ހިޔާލު ހޯދައި، މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ބިލަށް ބޮޑެތި ބަދަލުތަކެއް ގެނަ އެވެ.

އެ ބަދަލުތަކުން ވެސް ބިލުގެ މައްސަލަ އިތުރަށް ހޫނުވީ، ހަރުކަށި ފިކުރާއި ދީނާ ދެކޮޅު ފިކުރަށް ވެސް ބާރު ލިބޭ ކަމަށް ބުނަން ފެށުމުންނެވެ. އެހެންވެ، ސަރުކާރުގެ ފަރާތުން ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބު އަބްދުﷲ ވަނީ ދީނާ ދެކޮޅަށް ނަފްރަތު އުފެއްދުން ވެސް ކުށަކަށް ހެދުން ހިމެނޭހެން ބިލަށް އިސްލާހުތަކެއް ހުށަޅުއްވައިފަ އެވެ.

ނަމަވެސް، މައްސަލައިގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ތެރޭގައި ބޮޑު އަރައިރުމެއް އުފެދުމަށް ފަހު، ދެވަނަ ދައުރު ނިންމުމުގެ ކުރިން، މަޖިލީހުގެ ތަޅުމުން ނިންމީ ބިލް މަޖިލީހުން ފާސްނުކޮށް އަނބުރާ ޖުޑިޝަރީ ކޮމިޓީ އަށް ފޮނުވައިލުމަށެވެ.

މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކުގެ ތާއީދު ވެސް ނަފްރަތުގެ ބިލަށް ނެތް އިރު، ގިނަ އަދަދެއްގެ ދީނީ އިލްމުވެރިންނާއި ރައްޔިތުންގެ ތެރެއިން ވެސް އެތައް ބަޔަކު އެ ބިލު އޮތް ގޮތާ މެދު ކަންބޮޑުވުން ފާޅުކުރި އެވެ.

ނަފްރަތުގެ ބިލާއި އެހެނިހެން ހިޔާލު ތަފާތުވުންތަކާ ހެދި ނަޝީދު ވަނީ ސިޔާސީ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެއްބާރުލުން ދެއްވުން މިދިޔަ ހަފުތާ އިން ފެށިގެން ހުއްޓާލައްވައިފަ އެވެ. ރައީސަށް ސިޔާސީ ގޮތުން އެއްބާރުލުން ދެއްވުން ހުއްޓައިލެއްވުމަށް ފަހު، އިދިކޮޅު ޕީޕީއެމާއެކު އެމްޑީޕީން ކޯލިޝަން ހަދަން ބާރު އަޅުއްވާ މޭރުމަކުން އެ މަނިކުފާނު ގެންދަވަނީ ވާހަކަަފުޅު ދައްކަވަމުންނެވެ.