18 ޖުލައި 2021 - 16:13

ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭ މުހިންމު އެއްވެސް މައުލޫމާތެއް ފުލުހުންނަށް ނުހޯދޭ ކަމަށް ނަޝީދުގެ ޓްވިޓާ ހޭންޑުލްއެއް ކަމަށް ބެލެވޭ "އެލެކްސް އަހްމަދު" ގެ އެކައުންޓުން މިއަދު ބުނެފި އެވެ.
ނަޝީދުގެ ޓްވިޓާ ހޭންޑުލްއެއް ކަން އަދި ކަށަވަރު ކުރެވިފައި ނުވި ނަމަވެސް އެ މަނިކުފާނުގެ ވަރަށް ޒާތީ މައުލޫމާތާއި ވަރަށް އަރިސް ބޭފުޅަކަށް ނޫނީ ނުލިބޭނެ ފޮޓޯތައް ވެސް ޓްވީޓްކުރާ އެލެކްސްގެ އެކައުންޓުން މިއަދު ބުނީ، "އަޅުގަނޑު މަރައިލަން ދިން ހަމަލާގެ ތަހުގީގު ފުލުހުން ރަނގަޅަށް ގެންދިޔަ ކަމަކަށް ނުދެކެން" ކަމަށެވެ.
އެ މައްސަލާގައި ހައްޔަރު ކުރި މީހުންގެ އަމަލުތައް ޓްރޭސް ކޮށްފައި ނުވާ ކަމަށާއި ގޮއްވައިލަން ބޭނުންކުރި ތަކެތީގެ އަސްލެއް ވެސް ހޯދިފައި ނުވާ ކަމަށް "އެލެކްސް އަހްމަދު" ގެ އެކައުންޓުން ބުންޏެވެ. އަދި އެ ހަމަލާ ދޭން ފަންޑުކުރި މީހުންނާއި ހަމަލާ ދޭން ބޭނުން ކުރި ޓެކްނޮލޮޖީގެ އިތުރުން އެފަދަ އައިޑީއެއް ތައްޔާރު ކުރަން ހައްޔަރުކޮށްފައި ތިބި މީހުންނަށް އެނގުނީ ކިހިނެއް ކަން ވެސް ފުލުހުންނަށް ނުހޯދޭ ކަމަށް އެ އެކައުންޓުން ބުނެ އެވެ.
މިދިޔަ މޭ ހަ ވަނަ ދުވަހުގެ ރޭ ދިން ހަމަލައާ ގުޅޭ މީހުން ހޯދުނީ އއ. ހިމަންދޫ މައްސަލާގައި ހިމެނޭ އަބްދުﷲ އަލިމަނިކާ ހަމަޔަށް ކަމަށާއި އެ އަށް ވުރެ ދުރަށް އެއްވެސް މީހެއް ނުހޯދޭ ކަމަށް އެލެކްސް ތުހުމަތު ކުރެ އެވެ. އަދި އެ ހަމަލާ ދޭން އުޅޭ ކަން އެނގޭ އެއްވެސް މީހަކު ވެސް ފުލުހުންނަށް ހޯދިފައި ނުވާ ކަމަށް ވެސް ބުންޏެވެ.
މި މައްސަލަ އާ ގުޅިގެން މިހާތަަނަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ފުލުހުން ވަރަށް މަދު މައުލޫމާތުތަކެއް ނޫނީ ހާމައެއް ނުކުރެ އެވެ. އަދި އެލެކްސް ކޮށްފައިވާ ތުހުމަތުތަކާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން ނުދެ އެވެ.
ފުލުހުން ބުނެފައިވާ ގޮތުން ނަޝީދަށް ދިން ހަމަލާ އާ ގުޅޭ ތަހުގީގު ވަރަށް ފުރިހަމަ އަށް އަދި ފުޅާކޮށް ކުރިޔަށް ދެ އެވެ. އަދި ބޮޑެތި ކުރިއެރުންތަކެއް ހޯދެމުންދާ ކަމަށާއި ފަންޑު ކުރި މީހުން ހޯދުމަށް ވެސް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައި ވެ އެވެ.
އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ނަޝީދަށް ދިން ހަމަލައާ ގުޅިގެން، ފަންޑު ކުރި މީހުން ހޯދަން ކުރާ މަސައްކަތާ މެދު ނަޝީދު ވަނީ މީގެ ކުރިން ވެސް ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
އެލެކްސް އަހުމަދުގެ ނަމުގައި 2012 ވަަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ އެ ޓްވިޓާ ހޭންޑުލް އަކީ ނަޝީދުގެ ނުރަސްމީ އެކައުންޓެއް ކަމަށް އެ ހޭންޑުލް އިން އެއް ފަހަރު ބުންޏެވެ. އެއީ މީހަކު އެގޮތަށް ސުވާލު އުފެއްދުމުންނެވެ. ނަމަވެސް އެކަން ނަޝީދު މިހާތަނަށް ކަށަވަރު ކޮށްދެއްވާފައެއް ނުވެ އެވެ. އެކި ކަންކަމާ ގުޅޭ ގޮތުން އެލެކްސްގެ އެކައުންޓުން ޓްވީޓްކުރުމަށް ފަހު އެއާ ދާދި އެއްގޮތަށް ނަޝީދުގެ އެކައުންޓުން ވެސް ބައެއް ޓްވީޓްތައް ކުރެ އެވެ.