26 ނޮވެމްބަރ 2016 - 07:02

ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ކަމަށް އެންމެ ފަހުން އިންތިހާބުވި ދެ ރައީސުންގެ ވެސް ފުރަތަމަ ދެއްކި ވާހަކައިގައި އެއް ކަމެއް ފާހަގަކުރި އެވެ. ދިވެހި ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދަން ބޭނުންވާ ކަމަށާއި އެކަމަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އެ ގޮންޖެހުންތައް ގިރާކޮށް ކާމިޔާބަކާ ހަމަޔަށް ދިއުމަށް އަހުމަދު ތޯރިގް (ޓޮމް) ފުރަތަމަ އިއުލާންކުރެއްވީ ބޭރުގެ ތަޖުރިބާކާރެއްގެ އެހީގައި މާސްޓާ ޕްލޭނެއް ތައްޔާރުކުރާނެ ވާހަކައެކެވެ. އެ މަސައްކަތް ފުރިހަމަ ނުވަނީސް، އެކްސްކޯ އުވި ޓޮމްގެ މަގާމް ގެއްލުނީ އެވެ.

މި އަހަރުގެ ތެރޭގައި އެފްއޭއެމުން ބޭއްވި ދެ ވަނަ އިންތިހާބު ކާމިޔާބުކޮށް މިިދިޔަ އާދިއްތަ ދުވަހު އެފްއޭއެމްގެ އާ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ދިވެހި ފުޓްބޯޅަ ކުރިއަރުވަން ވަރަށް ބައިވަރު މަސައްކަތް ކުރަން ޖެހޭ ކަމަށާއި ފުޓްބޯޅަ ކުރިއަރުވަން ބޭނުންވާ ޕްލޭންގެ މަސައްކަތް ކުރާނީ ދިވެހި ފުޓްބޯޅައިގައި ގިނަ ދުވަސްވަންދެން އުޅެފައިވާ ފުޓްބޯޅައިގެ އިހުސާސް ދަންނަ މީހުން ލައްވާ ކަމަށެވެ. އެކަމުގައި އޭއެފްސީ އާއި ފީފާގެ ލަފާ ހޯދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދެކުނު އޭޝިއާ ސަރަހައްދަން ބެލިކަމުގައި ވިޔަސް ކުރިން ރާއްޖޭގެ ފުޓްބޯޅަ އަށް އޮތް ވަރުގެ ސަޕޯޓެއް އޮތް ގައުމެއް ނެތެވެ. އެކަމަކު ފާއިތުވި 10 ވަރަކަށް އަހަރަށް ބަލާއިރު ދިވެހި ފުޓްބޯޅަ އަށް އޮންނަ ސަޕޯޓް ދުވަހެއް ދުވަހެއް ވަނީ ދަށްވެފަ އެވެ.

ފުޓްބޯޅައިގެ ޕްލޭނެއް ހަދާއިރު އެންމެ މުހިއްމު އެއް ކަަމަކީ ފުޓްބޯޅަ އަށް އޮތް ލޯބި އަދި އެ ސަޕޯޓް އަލުން ގެނައުމެވެ. މިއީ ކުރަން ފަސޭހަކަމެއް ނޫނެވެ. ސަޕޯޓަރުންގެ އިހުސާސްތައް މިކަމުގައި އޮތީ އެކި ގޮތްގޮތަށެވެ. ގިނަ ސަޕޯޓަރުން ބުނަނީ ކުޅިވަރު އޮތީ ސިޔާސީވެފައި ކަމަށެވެ. އަނެއް ބަޔަކު ބުނަނީ މަޝްހޫރު ގިނަ ކްލަބްތައް އަޑިއަޅާލާފައި އޮތުމުން ފުޓްބޯޅަ ފޯރިގެއްލިފައިވާ ކަމަށެވެ.
މިއީ ފާއިތުވި އަހަރުތަކަށް ބަލާއިރު ދިވެހިރާއްޖޭގެ ކްލަބް ފުޓްބޯޅައިގެ އެންމެ ވާދަވެރިކަން ބޮޑު އަހަރެވެ. ފުރަަތަމަ ޑިވިޝަން ކްލަބްތަކުން ނެރެފައިވާ ނަތީޖާތަކަކީ މި ފަހަރުގެ ސީޒަން ވާދަވެރިކޮށް ދިޔަ ކަމުގެ ހެއްކެވެ. އެހެން ނަމަވެސް ގިނަ މެޗުތަކުގައި ފެނުނީ ހުސްކޮށް އޮތް ދަނޑެކެވެ. ފުޓްބޯޅަ އަށް ރަނގަޅު ޕްލޭނެއް ހަދާއިރު، ކްލަބް ލޯބި އިތުރުކޮށް ސަޕޯޓަރުންގެ ބައިވެރިވުން ފުޓްބޯޅައިގައި އިތުރުކުރުމަކީ އެންމެ ފުރަތަމަ ކުރަން ޖެހޭ އެއް ކަންތަކެވެ.
ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ހުރިހާ މެޗެއް ކުޅެން އޮތީ އެންމެ ދަނޑެކެވެ. މިއީ ރާއްޖޭގެ ފުޓްބޯޅަ ފެށުނީއްސުރެން އޮތް ހާލަތެވެ. ދެން އޮތް ޑިވިޝަންތަކާއި މާލޭގައި ކުޅޭ ހުރިހާ ފުޓްބޯޅަ ހަރަކާތްތަކެއް ކުރިއަށް ގެންދަން އޮތީ ޓާފް ދެ ދަނޑާއި ހެންވޭރު ދަނޑެވެ.
ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ރަނގަޅު ކުރުމަކީ ސަރުކާރުން އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމަކަށް ވާއިރު، ރާއްޖެ އަށް އިތުރު ފުޓްބޯޅަ ދަނޑެއް ބޭނުންވާ ކަމަކީ އެންމެން ގަބޫލުކުރާ ކަމެކެވެ. ގަތަރު ސަރުކާރުކުން ހުޅުމާލޭގައި އަޅާ ދަނޑާ އެކީ ފުޓްބޯޅަ ފުޅާކުރަން ގިނަ ފުރުސަތުތަކެއް ލިބޭނެ އެވެ. ސަރަހައްދީ އިތުރު މުބާރާތްތައް ރާއްޖޭގައި ބާއްވަން ފުރުސަތު ވެސް ލިބޭނެ އެވެ. މިއީ ގެއްލިފައި އޮތް ފުޓްބޯޅަ ފޯރި އާލާކުރަން ހުޅުވިގެންދާ ދޮރެކެވެ.
މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ބަޖެޓްގެ ތެރެއިން އެފްއޭއެމުން މިދިޔަ ދެ އަހަރު ތެރޭގައި ވަނީ ރަށްރަށުގެ ދަނޑުގެ މަރާމާތުގެ ބައެއް މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެކަމަކު ރާއްޖޭގެ ފުޓްބޯޅަ އަށް ބޭނުންވާ ބަދަލުތައް ގެނެސް ފުޓްބޯޅަ ފުޅާކުރުމަށް ބަލާއިރު މިކަމުގައި އަތޮޅުތަކުގެ ބައިވެރިވުން އިތުރުކުރަން ޖެހެ އެވެ. ހަމައެކަނި މާލޭ ސަރަހައްދަށް ވިސްނައިގެން ފުޓްބޯޅަ ކުރިއެރުވުމަކީ ވާނެ ކަމެއް ނޫނެވެ.
އެފްއޭއެމް އިންތިހާބު ކާމިޔާބު ކުރުމަށް ފަހު ބައްސާމް ވެވަޑައިގަތް އެއް ވައުދަކީ އަތޮޅުތަކުގެ ފުޓްބޯޅަ ތަރައްގީ އަށް ބޮޑު ހޭދައެއް ކުރައްވާނެ ކަމަށް ވިދާޅުވުމެވެ. ބައްސާމް ވަނީ އަތޮޅުތަކުގެ ފުޓްބޯޅައިގެ ވަސީލަތްތައް ހަރުދަނާ ކުރަން އަހަރަކު 15 މިލިއަން ރުފިޔާ ހަރަދުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. މިއީ ފުޓްބޯޅަ ކުރިއަރުވަން ކުރަން ލަސްވެފައި އޮތް ކަމަކެވެ.
ދުނިޔޭގެ އެކި ގައުމުތަކަށް ބަލާއިރު ފުޓްބޯޅަ އެސޯސިއޭޝަންތައް ބަރޯސާވަނީ ސަރުކާރުން ލިބޭ ފައިސާއަކަށް ނޫނެވެ. އެކަމަކު ރާއްޖޭގެ ސިސްޓަމް އޮތް ގޮތުން ގިނަ ކުޅިވަރު އެސޯސިއޭޝަންތައް ހިންގަނީ އެހެންނެވެ. ފުޓްބޯޅައިގެ ޕްލޭނެއް އެކުލަވާލާއިރު ފުޓްބޯޅަ އެސޯސިއޭޝަނަށް ލިބޭ އާމްދަނީ އެތަކެއް ގޮތަކުން އިތުރުކުރުމަކީ މުހިއްމު ކަމެކެވެ. ތަފާތު އެކި ޕްރޮޖެކްތައް ހިންގަންޖެހެ އެވެ.
ބައްސާމް ވަނީ ފުރަތަމަ ޑިވިޝަނުގެ ކޮންމެ ކްލަބަކަށް ތިން މިލިއަން ރުފިޔާ، ދެ ވަނަ ޑިވިޝަނުގެ ކޮންމެ ކްލަބަކަށް ފަސް ލައްކަ ރުފިޔާ އަދި ތިން ވަނަ ޑިވިޝަނުގެ ގަދަ ފަސް ކްލަބަށް، ކޮންމެ ކްލަބަކަށް އެއް ލައްކަ ރުފިޔާ ދޭނެ ކަމަށް ވިދާޅުވެފެ އެވެ. އެއީ ކްލަބްތައް އަމިއްލަ ފައި މައްޗަށް ތެދުވުމުގެ ގޮތުން އެހީތެރިވުމުގެ ގޮތުން ކަމަށް ބައްސާމް ވިދާޅުވި އެވެ. މި ފައިސާ އަކީ ދެމެހެއްޓެނެވި ގޮތެއްގައި ހޯދޭ އަދި ކްލަބްތަކަށް ދެވޭ ފައިސާއަކަށް ހެދުން މުހިއްމެވެ.
ފުޓްބޯޅަ ކްލަބެއް ހިންގުމަށް ދާ ހަރަދު އަހަރަކަށް ވުރެ އަހަރެއް ދަނީ އިތުރުވަމުންނެވެ. ކުޅުންތެރިން ހޯދުމަށާއި އެ ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަ ސީޒަނަކަށް ފަހު ސީޒަނެއް ދަނީ ބޮޑުވަމުންނެވެ. ކްލަބްތަކަށް އެފްއޭއެމް އިން ދޭ ފައިސާ އިތުރު ކުރާއިރު، އެ ކްލަބްތަކުގެ ވެސް ޒިންމާއެއް އެބަައޮތެވެ. ހަމައެކަނި އެފްއޭއެމް އިން ދޭ އެހީއަށް ނުބަލައި ފައިސާ ހޯދޭނެ އެހެން ގޮތްތަކެއް ހޯދަން ޖެހެ އެވެ. މި ފުރުސަަތުތައް ފަހިކުރެވޭނެ ގޮތްތަކެއް އެފްއޭއެމް އިން ހޯދައިދިނުމަކީ ކްލަބްތައް ހަރުދަނާ ކުރުމަށް ކުރެވޭނެ މުހިއްމު މަސައްކަތަކަށްވާނެ އެވެ.
ކުޅުންތެރިންނާއި ރެފްރީން ހަރުދަނާ ކުރުމަކީ ވެސް ކުރަން ޖެހިފައި އޮތް ކަމެކެވެ. ގްރާސް ރޫޓް ލެވަލް ރަނގަޅުކޮށް ކުޅުންތެރިންގެ މުސްތަގުބަލަށް ފައިދާވާނެ ގޮތަކަށް ފުޓްބޯޅައިގެ ރަނގަޅު ސިސްޓަމެއް މިކަމަށް ބޭނުންވެ އެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގައި ފުޓްބޯޅައިގެ މަސައްކަތް ރަނގަޅު ކުރުމުގެ ބިންގާ އަޅަނީ އެކަޑަމީ ލެވަލުންނެވެ. ރާއްޖޭގެ ފުޓްބޯޅަ ރަނގަޅުކުރަން ވިސްނާއިރު، އެކަޑަމީ ލެވެލް ރަނގަޅުކުރުމަކީ އެންމެ މުހިއްމު އެއް މަސައްކަތެވެ.
ރެފްރީންގެ މައްސަލަ އާއި ޝަކުވާތަކަކީ ކޮންމެ މެޗަކަށް ފަހު ކޯޗުންނާއި ކުޅުންތެރިންގެ ފަރާތުން އިވޭ އަޑުތަަކެކެވެ. އެކަމަކު ހަގީގަތަކީ ރާއްޖޭގެ ރެފްރީންނަށް އިތުރު ތަމްރީންތައް ލިބޭ ފުރުސަތުތައް މަދެވެ. ފެންވަރު ރަނގަޅު ޓެކްނިކަލް ޑައިރެކްޓަރެއްގެ ބެލުމުގެ ދަށުން ދިވެހި ރެފްރީންނަށް އެހީތެރިކަން ލިބޭނަމަ ރެފްރީންގެ ފެންވަރު ވަރަށް ބޮޑުތަން ރަނގަޅުވާނެ އެވެ.
ސަރަހައްދީ އެހެން ގައުމުތަކަށް ބަލާއިރު އެ ގައުމުތަކުން ފުޓްބޯޅައިގެ ޕްލޭނެއް ހަދައިގެން ކުރިއެރުން ހޯދަމުން އަންނަތާ މިހާރު އަހަރުތަކެއްވެއްޖެ އެވެ. އިންޑިއާ އާއި ނޭޕާލް ފަދަ ގައުމުތައް މިހާރު ވަނީ ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިފަ އެވެ. ރާއްޖޭގެ ފުޓްބޯޅަ މިހާރު އޮތް އަޑިގަނޑުން އަރައިގަންނަން ރަނގަޅު ޕްލޭނެއް ބޭނުންވެ އެވެ. އެ ޕްލޭނާ އެކު ކުރިއަށްދާއިރު ކުރަން ޖެހޭ މަސައްކަތާއި ކުރިމަތިލާންޖެހޭ ގޮންޖެހުންތައް ވެސް ބައިވަރެވެ. އެހެން ނަމަވެސް މި ކަންތައްތައް ކޮންގެން ނޫނީ ފުޓްބޯޅައިން ރާއްޖެ އަށް ފަހި ކުރިމަގެއް ނެތެވެ.