25 ނޮވެމްބަރ 2016 - 18:28

ޔަންގޫން (ނޮވެމްބަރު 25) - މިއަންމާގެ ހުޅަނގު އުތުރުގައި އޮންނަ ރަކިނީ ސްޓޭޓުގައި ދިރިއުޅޭ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް މިއަންމާ ސިފައިން ނުކުރާކަށް އަނިޔާއެއް ނެތް ކަމަށް އެ ސްޓޭޓުން ފިލަމުންދާ މުސްލިމް ރެފިއުޖީން ބުނެފި އެވެ.

ސިފައިންގެ އަނިޔާވެރިކަމަށް ބިރަށް ރަކިނީ ދޫކޮށް ބަންގްލަދޭޝްގެ ސަރަހައްދީ ރޮނގު ކައިރިއަށް ޖަމާވެފައިވާ ބައެއް ރެފިއުޖީން ސީއެންއެން އަށް ބުނީ ސިފައިން ދަނީ އެ މީހުންނަށް އަނިޔާކޮށް، ރޭޕްކޮށް، ގެދޮރާއި މިސްކިތްތަކުގައި އަލިފާން ޖަހާ އަދި އާއިލާގެ މެންބަރުން މަރަމުން ކަމަށެވެ.

"މިއަންމާ ސިފައިންނަށް 10 އަހަރުން މަތީ ފިރިހެން ކުއްޖެއް ފެނިއްޖެ ނަމަ އެ މީހަކު މަރާލާ. ސިފައިން އައުމާ އެކު އަހަރެމެން ގެއިން ފިލައިފިން. އަހަރެންގެ ފިރިމީހާ ވީތަނެއް ނޭނގޭ. ދިރިހުރި ކަމެއް މަރާލި ކަމެއް ވެސް ނޭނގޭ،" ބަންގްލަދޭޝްގެ ދެކުނުގެ ކޭމްޕެއްގައި މިހާރު ހުރި މުސްލިމް ރެފިއުޖީއެއް ކަމަށްވާ ލާލޫ ބޭގަމް ބުންޏެވެ. "މިއަންމާ ސިފައިންނަށް ރީތި އަންހެނަކު ފެނިއްޖެ ނަމަ އެ މީހަކު ގެއަށް ވަދެ ދަނީ ރޭޕް ކުރަމުން."

ބައެއް ރެފިއުޖީން ބުނީ އެ މީހުން ދެގޮރު ދޫކޮށް ފިލަން ނުކުތީ ދަންވަރު ކަމަށެވެ. އެއީ މިއަންމާގެ ސިފައިންގެ އަނިޔާވެރި ކަމަށް ބިރުންނެވެ.
"އަހެރެން ދިރިއުޅުނު އަވަށުގައި އަލިފާން ޖެހުމުން އެހެން އަވަށަކަށް ބަދަލުވިން. އަދި އެކި ގޮތް ގޮތުން ދަތުރު ކުރަމުން އެންމެ ފަހުން ބަންގްލަދޭޝްގެ ބޯޑަރާ ހަމައަށް އާދެވުނީ،" ބޭގަމް ބުންޏެވެ.
ބޭގަމްގެ ފަހަރިއަކު ބުނީ ރަކިނީ ސްޓޭޓުން ފިލަން ކުރި ދަތުރުގައި އާއިލާގެ ހަތަރު މީހުން ގެއްލުނު ކަމަށެވެ.
ރަކިނީގައި މިލިއަނެއްހާ މުސްލިމުން ދިރިއުޅެ އެވެ. އެކަމަކު ރަކިނީގެ އަޣުލަބިއްޔަތު އޮންނަ ބުޑިސްޓުން ބުނަނީ އެއީ ގަވާއިދާ ޚިލާފަށް އެތެރެވެފައިވާ ބައެއް ކަމަށެވެ. ރޮހިންޔާ މުސްލިމުންނަކީ މިއަންމާގެ ރައްޔިތުންގެ ގޮތުގައި އެ ގައުމުގެ ސަރުކާރުން ވެސް ބަލައިގެންފައެއް ނުވެ އެވެ. އެކަމަކު އެ މީހުން މިއަންމާގެ ދިރިއުޅޭތާ އެތައް ޒަމާނެއް ވެއްޖެ އެވެ. ރޮހިންޔާ މުސްލިމުން ގަބޫލް ކުރަން ބަންގްލަދޭޝް އިން ވެސް ވަނީ ދެކޮޅު ހަދައިފަ އެވެ.
ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް މިއަންމާ ސިފައިން ބޮޑު އަސްކަރީ އޮޕަރޭޝަނެއް ފެށީ މިދިޔަ މަހު އެވެ. އެއީ ފުލުހުންގެ ނުވަ މީހަކު މަރާލީ ރޮހިންޔާ މުސްލިމުން ކަމަށް ތުހުމަތުކޮށްފަ އެވެ.
ރޮހިންޔާ މުސްލިމް އަވަށްތަކުގައި މިއަންމާ ސިފައިން އަލިފާން ޖަހާފައިވާ ސެޓެލައިޓް ފޮޓޯތަކެއް ހިއުމަން ރައިޓްސް ވޮޗުން މި ހަފުތާގައި ވަނީ އާއްމުކޮށްފަ އެވެ. މިއަންމާ ސަރުކާރުން ބުނަނީ މުސްލިމުންގެ ގެ ތަކުގައި އަލިފާން ޖަހަނީ އެ މީހުން އަމިއްލަ އަށް ކަމަށެވެ. ބޭނުމަކީ ބައިނަލްއަގުވާމީ ސަމާލުކަން ހޯދުން ކަމަށް ވެސް ބުނެފައިވެ އެވެ.