18 ޖުލައި 2021 - 18:47

ފުޓްބޯޅަ ސީޒަން 2019 ގެ ޗެރިޓީ ޝީލްޑް މެޗު ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ ގޮތަށް ނިންމުމުން، ދިވެހި ޕްރިމިއާ ލީގުގެ 2018 ގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބު ށ. ފޯކައިދު އަށް ދަތުރު ކުރި އެވެ. ޓީސީގެ އެ ދަތުރުން އެކަނިވެސް އިގްތިސާދީ މަންފާ ލިބުނު އެތަކެއް ދާއިރާއެއް ހިމެނެ އެވެ. އެތެރޭގެ ދަތުރުފަތުރާއި ކުޅުންތެރިންނާއި މެޗު އޮފިޝަލުންގެ ހުރުމާއި ކެއުމުގެ ހަރަދުން އެކަނިވެސް ނިސްބަތުން އެތައް ހާސް ރުފިޔާއެއް ފޯކައިދު އަށް ވަނެވެ. އެރަށް އެކަންޏެއް ނޫނެވެ. އެ ސަރަހައްދުގެ އެހެން ރަށްތަކުގެ އަމިއްލަ ލޯންޗު ފަހަރަށް ވެސް އޭގެ ފައިދާ ކުރި އެވެ. މިނިވަން ޗެމްޕިއަންޝިޕް 2018 ގެ ރަނަރަފް ފޯކައިދު އާއި ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން ޓީސީ، ކުޅުނު މެޗު ބަލަން ކައިރީ ރަށްރަށުން ވެސް މީހުން ފޯކައިދު އަށް ޒިޔާރަތް ކުރި އެވެ. މިއީ އެ މެޗު ވަށައިގެން އެނބުރުނު އިގްތިސާދީ މަންފާތަކެވެ.

ދިވެހި ޕްރިމިއާ ލީގު ހޯމް އެންޑް އަވޭ އުސޫލުން 2023 ގައި ފަށަން އެފްއޭއެމުން، އާ ފޯމެޓް އިއުލާން ކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު ގައުމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވެސް، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، ފާހަގަކުރެއްވި އެއް ނުކުތާއަކީ ދިވެހި ޕްރިމިއާ ލީގުގެ އާ ފޯމެޓްގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިގްތިސާދީ ގޮތުން ދައުރުވެ ހުންނާނެ މަންފާތަކުގެ ވާހަކަ އެވެ.

"އެތައް ބަޔަކަށް އާމްދަނީ ހޯދުމުގެ ފުރުސަތަކަށް ވެސް މިކަން ވެގެންދާނެ،" ވަރަށް ބައިވަރު "މޭން ޕަވާ ބޭނުން" ވާކަން ފާހަގަ ކުރައްވައި ބައްސާމް ވިދާޅުވި އެވެ.

މޭން ޕަވާގެ ތެރޭގައި ކޯޗުންނާއި، މެޗު އޮފިޝަލުންގެ އިތުރުން ހަތަރު ޒޯންގައި ގާއިމު ކުރާ ރީޖަނަލް އޮފިސްތަކުގެ އޮފިޝަލުން ހިމެނޭނެ އެވެ. އޭގެތެރެއިން ވެސް ވަޒީފާގެ ފުރުސަތު ފަހި ވެގެންދާނެ އެވެ.
ޓެކްނިކަލް މަގާމުތަކަށް އެކަނި ބެލިޔަސް އޭގެ ތެރެއިން އެތައް ބަޔަކަށް އާންމުދަނީ ލިބިގެން ދާނެ އެވެ. "އޭ" ލައިސެންސް ކޯޗުންގެ ތެރެއިން ފުރަތަމަ ޑިވިޝަންގެ ކްލަބުތަކުގައި މަސައްކަތް ކުރާ ހެޑް ކޯޗުންނަށް މިހާރު ވެސް އެލެވެންސްގެ ގޮތުގައި 15،000ރ. ޔޫތު މިނިސްޓްރީން ދެ އެވެ. އެއީ ކްލަބުތަކުން ދޭ މުސާރައިގެ ބޭރުން ލިބޭ އެއްޗެކެވެ.
ދިވެހި ޕްރިމިއާ ލީގުގެ އާ ފޯމެޓާ ބެހޭގޮތުން "ބޯޅަ އެމްވީ" އިން ކްލަބު ހައުސް މެދުވެރިކޮށް ރޭ ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންގައި ސްޕޯޓްސް ކޮމިޝަނާ، ހީނާ އަހްމަދު ސަލީމް ވިދާޅުވީ ސަރުކާރުން ދޭން ޖެހޭ ހުރިހާ ސަޕޯޓެއް ފޯރުކޮށްދޭނެ ކަމަށެވެ.
އާ ފޯމެޓުގައި 12 ޓީމު ހިމެނޭނެ އެވެ. މާނަ އަކީ 12 ކޯޗުންނަށް ޔޫތު ސްޕޯޓްސް މިނިސްޓްރީން އެކަނި ވެސް މަހަކު 180،000ރ. ހަރަދު ކުރާނެ އެވެ.
ދިވެހި ޕްރިމިއާ ލީގަށް އަންނަ ކޮންމެ ޓީމަކުން އޭއެފްސީ ކްލަބު ލައިސަންސް ފުރިހަމަ ކުރަން ޖެހޭނެ އެވެ. އޭއެފްސީ ކްލަބު ލައިސެންސިން އަކީ އޭގެ ދަށުން ކްރައިޓީރިއާތަކެއް ފުުރިހަމަ ކުރަން ޖެހޭ ކަންތައްތަކެއް އޮތް މަރުހަލާ އެކެވެ. ކޮންމެ ކްލަބެއްގައި ފުލް ޓައިމް ޖެނެރަަލް ސެކްރެޓަރީ އަކާއި ބޯޑެއް އޮންނަން ޖެެހެ އެވެ. އެންމެ މުހިންމު އެއް ކަމަކީ ކޮންމެ ކްލަބެއްގައި އެފްއޭއެމްގެ މިންގަޑުތަކަށް އެކްރެޑިޓް ކުރެވިފައިވާ އެކެޑެމީއެއް އޮތުމެވެ. އެކެޑެމީގެ ސަަބަބުން ކްލަބުތަކަށް އާންމުދަނީ ހޯދުމުގެ މަގަކަށް އެކަންވެ އެވެ. އަދި އެކެޑެމީގައި ކޯޗިން ޓީމެއް އޮންނާނެ އެވެ. އެގޮތުން ޓެކްނިކަލް މަގާމުތަކުން އެކަނި ވެސް އިތުރު ބަޔަކަށް އާންމުދަނީ ލިބޭނެ އެވެ. އަދި އޭގެ ތެރެއަށް ރެފްރީންނާއި މެޗު ކޮމިޝަނަރުން ވަދެގެން ދާނެ އެވެ.
މިއީ ސީދާ ރަށްރަށުގެ އާންމުންނަށް އިގްތިސާދީ މަންފާ ލިބޭނެ ދާއިރާތެކެވެ. މެޗު ކުޅެން ދަތުރު ކުރާ ޓީމުތަކުގެ ހުރުމާއި ކެއުމުގެ ހަރަދުތަކަށް އެކަނި ބެލިކަމުގައި ވިއަސް އޭގައި އެތައް ބަޔަކު ޝާމިލުވާ ގޮތަށް އާންމުދަނީ ލިބޭނެ އެވެ. މެޗު ކުޅޭ ރަށަށް ދަތުރު ކުރާ ސަޕޯޓަރުން އެރަށުން ހޯދާ ހިދުމަތްތަކުން ވެސް ނުސީދާ ގޮތުން އާންމުދަނީ އިތުރު ވެގެންދާނެ އެވެ. ރަށްރަށުގެ ރެސްޓޯރެންޓްތަކާއި ހޮޓާ/ކެފޭތަކަށް ބާރު ބޮޑު ވާނެ އެވެ.
ގެސްޓް ހައުސްގެ ސިނާއަތް އެހާ ބޮޑަށް ފުޅާވެފައި ނެތް ރަށްރަށުގައި ވަކިން ކޮޓަރި ކުއްޔަށް ދޫކުރާ ވަކިވަކި ގެތަކަށް ވެސް ކުލީގެ ގޮތުގައި ފައިސާގެ އަދަދުތަކެއް ވަންނާނެ އެވެ. އަދި އެއާޕޯޓް ނެތް ރަށްރަށުގައި މެޗުތައް ކުޅޭނަމަ، އެއާޕޯޓުން އެ ކުޅޭ ރަށަކަށް ޓީމު ދަތުރު ކުރުމަށް ހިނގާ ހަރަދުތަކަށް ވެސް ރަށްރަށުގައި ދުއްވާ އަމިއްލަ ލޯންޗުފަހަރާއި ދޯނިފަހަރަށް ވެސް އޭގެ ފައިދާ ކުރާނެ އެވެ.
ދިވެހި ޕްރިމިއާ ލީގު ފިޔަވައި އެހެން ހުރިހާ މަރުހަލާއެއް ކުރިއަށްދާނީ ސެންޓްރަލައިޒްކޮށެވެ. އެފްއޭއެމުން ހުޅުވާލާ ބިޑިން ޕްރޮސަސްއެއް ކާމިޔާބު ކުރާ ރަށްރަށުގައި މުބާރާތުގެ އެ ގުރޫޕެއްގެ މެޗުތައް ކުޅޭނެ އެވެ. ބިޑިން ޕްރޮސަސް ކާމިޔާބު ކުރާ ރަށަކުން، ބިޑު ކާމިޔާބު ކުރުމަށްޓަކައި އެ ރަށެއްގައި އިތުރު ހިދުމަތްތަކާއި ވަސީލަތްތައް ގާއިމު ކުރާނެ އެވެ. ސެންޓްރަލައިޒުކޮށް މެޗު ހޯސްޓްކުރާ ރަށްރަށް، ކޮންމެ އަހަރަކުން ބަދަލު ވަމުން އަންނާނެ ކަމަށް ގަބޫލު ކުރެވެ އެވެ. މުބާރާތް ހޯސްޓް ކުރާ ރަށްރަށަށް އެކަމުގެ ސަބަބުން އުމުރާނީ ތަރައްގީ އަންނާނެ އެވެ.
ސެންޓްރަލައިޒް މެޗުތައް ހޯސްޓް ކުރުމުގެ ވާދަވެރިކަން ރަށްރަށުގައި އުފެދޭން ފެށުމުން އެއް ރަށުގައި ނެތް ވަސީލަތްތައް އަނެއް ރަށެއްގައި ގާއިމު ކުރަށް ފެށުމަކީ ވެސް އުމުރާނީ ގޮތުން އަންނާނެ އަނެއް ބަދަލެވެ.
ދިވެހި ޕްރިމިއާ ލީގު ހޯމް އެންޑް އަވޭ އުސޫލުން ކުޅުމުގެ ކުރިން އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކަށް އޮތީ މެނޭޖުމެންޓާއި ހިންގުމުގެ ދާއިރާ އަދި ޓެކްނިކަލް މަގާމުތަ މީހުން ތަމްރީން ކުރުމެވެ. މިނިވަން 50 ޗެމްޕިއަންޝިޕާއި އޭގެ ފަހުން އޮތް މިނިވަން ޗެމްޕިއަންޝިޕުން ފެށިގެން އަމިއްލަ ރަށާއި ހަމައަށް 2023 ގައި ދިވެހި ޕްރިމިއާ ލީގު ދާނީ، ދިވެހި ޕްރިމިއާ ލީގު ވަށައިގެން ހުރި އެތައް ދާއިރާއަކުން ދިރާސާ ކުރެވި ހޯދިފައި ހުރި މައުލޫމާތުތަކާ އެކު އެވެ.
އެ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ކްލަބު ހިންގުމަށާއި، އެކެޑެމީ ހިންގުމަށް އަދި ރެފްރީންނާއި މެޗު ކޮމިޝަނަރުން، ކޯޗުން ތަމްރީން ކުރުމުގެ ޕްރޮގްރާމްތައް ބޭއްވޭނެ އެވެ. މެޗާ ގުޅޭ އެހެނިހެން ދާއިރާތަކަށް ބަލާއިރު މުބާރާތް އިންތިޒާމުކުރުމުގެ ދާއިރާ އާއި ފަސްޓް އެއިޑް އަދި ސްޕޯޓްސް ފިޒީޝަންގެ ދާއިރާ އިން އިލްމާއި މައުލޫމާތު ހިމެނޭ ކުރު ތަމްރީންގެ ޕްރޮގްރާމްތައް ބޭއްވޭނެ އެވެ.
ކޯޗިން އެޑިއުކޭޝަންގެ އެންމެ މަތީ ލެވަލްގެ ޕްރޮގްރާމްތައް މުޅި ރާއްޖެ އަށް ފުޅާވެގެންދާނެ އެވެ. އަދި އަބަދުވެސް އަންނަ ބަދަލާ އެއްގޮތަށް ކޯޗުންގެ ރިފްރެޝާސް ޕްރޮގްރާމް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޭއްވޭނެ އެވެ.
ސްޕޯޓްސް އެޑިއުކޭޝަނަކީ ދުނިޔޭގެ ޔުނިވަސިޓީތަކުގައި އެންމެ ޑިމާންޑް ބޮޑު އެކެޑެިކް ޕްރޮގްރާމްތަކެވެ. ޔޫރަޕާއި މެދުއިރުމަތީގެ ގައުމުތަކުގައި ސްޕޯޓްސް އެޑިއުކޭޝަނާއި ފުޓްބޯލް އެޑިއުކޭޝަނަށް ހާއްސަ އިންސްޓިޓިއުޓުތައް އުފައްދާފައި އެބަހުއްޓެވެ. ރަސްމީ ލެވަލްގައި ފުޓްބޯޅަ ފުޅާ ވެގެންދާ ވަރަކަށް ރާއްޖޭގައި ވެސް އެފަދަ އިންސްޓިޓިއުޓުތައް އުފެދޭނެ ކަމަށް ގަބޫލު ކުރެ އެވެ. އެއީ ވެސް އިތުރު ދާއިރާތަކުން އުފެދިގެންދާނެ އިގްތިސާދީ ފުރުސަތުތަކެވެ.
ދިވެހި ޕްރިމިއާ ލީގާ ގުޅޭ ހަރަދުތަކަށް ފައިސާ ހޯދުމަށް، އެފްއޭއެމްއާ ގުޅިފައި ހުރި މެދުއިރުމަތީގެ ފެޑްރޭޝަންތަކުން އެހީ ލިބޭނެ ކަމަށް ބައްސާމް ވިދާޅުވި އެވެ. މެދުއިރުމަތީގެ ތިން ގައުމެއްގެ ފުޓްބޯޅަ ފެޑްރޭޝަނާ އެކު އެފްއޭއެމުން އޮތީ މިހާރު ވެސް ގުޅުންތަކެއް ގާއިމުކޮށްފަ އެވެ. ގަތަރާއި ސައުދީ އަރަބިއްޔާގެ ފުޓްބޯޅަ އެސޯސިއޭޝަން އިތުރުން ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ އެފްއޭއާ އެކު އެފްއޭއެމުން އެއްބަސްވުންތަކެއް ހަދާފައިވެ އެވެ.
ފައިސާ ހޯދާނެ އަނެއް ގޮތަކީ، އެފްއޭއެމުން ގާއިމުކުރާ އުމްރާނީ ތަރައްގީގެ ވަސީލަތްތަކުންނެވެ. އެފްއޭއެމުގެ 20 ބުރީގެ އިމާރާތުގެ އެކި ފުލޯތައް ކުއްޔަށް ދީގެން ޖެނަރޭޓް ކުރެވޭ ފައިސާ އިން ދިވެހި ޕްރިމިއާ ލީގުގެ އިންތިޒާމުތަކަށް ހަރަދު ކުރެވޭނެ އެވެ. އެ އިމާރާތުގެ މަސައްކަތް މި އަހަރު ފެށޭނެ ކަމަށް ބައްސާމް ލަފާ ކުރައްވަ އެވެ.
ދިވެހި ޕްރިމިއާ ލީގުގެ މީޑިއާ ކަވަރޭޖަކީ މިހާރު ވެސް މީޑީއާ އިން ބޮޑު ސަމާލުކަމެއްދޭ އެއް މުބާރާތެވެ. ރަށްރަށުގައި ދިވެހި ޕްރިމިއާ ލީގު މެޗުތައް ކުޅެން ފެށުމުން ކޮންމެ ޓީމެއްގެ ފަހަތުން މާލެ އިން މިޑިއާ މީހަކު ފޮނުވުމުގެ ބަދަލުގައި ރަށްރަށުގައި ތިބޭ މިޑިއާ ކްރޮސްޕޮންޑެޓުންނަށް މީޑިއާތަކުން އިސްކަން ދޭނެ އެވެ. އަދި ފޮޓޯގްރާފަރުންނާއި ވީޑިއޯ ޖާނަލިސްޓުންގެ ދައުރު ބޮޑުވާނެ އެވެ.
ލީގުގެ މެޗުތަކެއް އެއް ވަގުތެއްގައި ކުޅޭއިރު މިޑިއާ ކަވަރޭޖް ބޮޑު ވާނެ އެވެ. މިޑިއާ ކްރޮސްޕޮންޑެޓުންނާއި ފްރީލާންސް ކެމެރާމަނުން އަދި ފްރީލާންސް ފޮޓޯގްރާފަރުންގެ ޑިމާންޑް ބޮޑު ވާނެ އެވެ. މިހާރު ވެސް މީޑިއާ ކްރޮސްޕޮންޑެންޓުން ނެތް ރަށްރަށުގައި މިީޑިއާ ކްރޮސްޕޮންޑެންޓުން ބައިތިއްބުމަށް މެއިން ސްޓްރީމް މީޑިއާތަކުން މަސައްކަތް ކުރާނެ އެވެ. ރަށްރަށުގައި މިހާރު ވެސް ހިންގާ ކޮމިޔުނިޓީ ނޫސްތަކުގެ ދައުރު އެ ސަރަހައްދުގެ މެޗުތައް ކަވަރު ކުރުމުގައި ބޮޑު ވެގެންދާނެ އެވެ. މިޑީއާ ކަވަރޭޖުގެ ތެރެއިން ވެސް އިތުރު ވަޒީފާތައް އުފެދޭނެ އެވެ.