އަޖޭގެ ވަރަށް ތަފާތުކޮށް
އަޖޭގެ ވަރަށް ތަފާތުކޮށް

ބޮލީވުޑްގެ އެކްޓަރު އަޖޭ ދޭވްގަންގެ ވަރަށް ތަފާތު ލުކެއް، މަޝްހޫރު ސެލެބްރިޓީ ހެއާ ސްޓައިލިސްޓް އާލިމް ހާކިމް ދައްކާލައިފި އެވެ.

އިންސްޓަގްރާމްގައި އާންމުކޮށްފައިވާ ފޮޓޯއެއްގައި ފެންނަނީ އަޖޭގެ "ސޯލްޓް އެންޑް ޕެޕަ" ލުކެކެވެ. އޭނާގެ ތުނބުޅި އާއި މަތިމަސް ވަރަށް ސްޓައިލްކޮށް ހެޔޮވަރުކޮށްފައި ހުރި އިރު، ބޮލުގައި ވެސް ނުރަ އިސްތަށިތަކާ އެކު ބޮލުގެ އަރިމަތިން ހުރީ ވަރަށް ތުނިކޮށް، މަތިން ބޯކޮށެވެ.

އަޖޭގެ މި ލުކް އާލިމްގެ އިންސްޓަގްރާމްގައި ޕޯސްޓްކުރި ނަމަވެސް މި ލުކާ ބެހޭ އެއްވެސް ވާހަކައެއް އަޖޭ ނުދައްކަ އެވެ. އަދި އާ ލުކްގެ ޕޮޓޯ ވެސް އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޕޯސްޓެއް ނުކުރެ އެވެ.

މީޑިއާތަކުން ބުނީ އަޖޭގެ މި ލުކަކީ މި މަހުގެ ތެރޭގައި ޝޫޓިން ފަށާ އޭނާގެ ފުރަތަމަ ވެބް ސީރީޒް "ރުދުރާ ދި އެޖް އޮފް ޑާކްނެސް" އިން އޭނާ ފެންނާނެ ގޮތް ކަމަށެވެ. ޑިޒްނީ ޕްލަސް ހޮޓްސްޓާ އަށް ހަދާ މި ސީރީޒަކީ ހޮލީވުޑްގެ ތަރި އިޑްރިސް އަލްބާއާ އެކު ބީބީސީ ވަން އިން ގެނެސްދިން "ލޫތާ" އަސްލަކަށް ބަލައިގެން ހަދާ އެއްޗެކެވެ.

މަޝްހޫރު ބަތަލާ ކާޖޮލްގެ ފިރިމީހާ އަޖޭ، 52، ގެ ސީރީޒްގެ ކާސްޓްގައި ކުރީގެ ބަތަލާ އީޝާ ޑިއޯލް ވެސް ހިމެނެ އެވެ.

އަޖޭގެ އާ ލުކެއް އާންމުކޮށްފައިވާ އިރު، އޭނާ ޝޫޓިން ފަށާފައި ހުރި ފިލްމުތަކުގެ ތެރޭގައި އަމިއްލަ އަށް ޑައިރެކްޓްކޮށް، ކުޅޭ "މޭޑޭ" އާއި ޑައިރެކްޓަރު އިންދަރު ކުމާރުގެ "ތޭންގް ގޯޑް" ހިމެނެ އެވެ.

އަންނަ މަހުގެ 13 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރާ ފިލްމު "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" ގެ އެކްޓަރުގެ އިތުރު ފިލްމުތަކުގެ ތެރޭގައި "ގަންގޫބާއީ ކަތިއަވާޅީ" އާއި "އާރްއާރްއާރް" އަދި "މައިދާން" ހިމެނެ އެވެ.