ރާއްޖޭން ދޫކޮށްލި ލަންކާ މަސްބޯޓެއްގައި ރާއްޖޭގެ މުދާ ހުރުމުން ބަޔަކު ހައްޔަރުކޮށްފި
ރާއްޖޭން ދޫކޮށްލި ލަންކާ މަސްބޯޓެއްގައި ރާއްޖޭގެ މުދާ ހުރުމުން ބަޔަކު ހައްޔަރުކޮށްފި

މެއި މަހު ރާއްޖޭ ސަރަހައްދުން އަތުލައިގަތް ލަންކާގެ މަސްބޯޓެއް ދޫކޮށްލުމުން އެނބުރި ގައުމަށް ދިޔަ އިރު ރާއްޖޭން ބައެއް ތަކެތި ގެންދިޔަ މައްސަލައެއްގައި ލަންކާގެ މަސްވެރިންތަކެއް ހައްޔަރުކޮށްފި އެވެ.

ލަންކާގެ ސަންޑޭ ޓައިމްސް ނޫހުން ބުނި ގޮތުގައި ލަންކާގެ ބެރުވަލާ އަވަށުގެ ބަނދަރު ބަލަހައްޓާ ކޯސްޓް ގާޑުން ވަނީ ކަސްޓަމްސްގެ ގާނޫނުތަކާ ހިލާފަށް ލަންކާ އަށް މުދާ އެތެރެކުރި މަސްވެރިންގެ ހަ މީހަކު ހައްޔަރުކޮށްފަ އެވެ.

މިދިޔަ ހަފުތާގެ ހުކުރު ދުވަހު މި މީހުން އަތުލައިގަތީ އިލެކްޓްރޯނިކްސް ސާމާނު ވެސް ހިމެނޭހެން އެކި ބާވަތުގެ މުދާ ރާއްޖޭން ގެނެސް ލަންކާ އަށް ބާލަނިކޮށް ކަމަށް ނޫހުގައި ބުނެފައިވެ އެވެ.

އަތުލައިގަތް ތަކެތީގެ ތެރޭގައި އިލެކްޓްރޯނިކްސް ސާމާނާއި އަންނައުނާއި ސެންޓާއި ކާނާ ހިމެނެ އެވެ. ކާތަކެތީގެ ތެރޭގައި ދަޅުގައި ބަންދުކުރި މަސް ވެސް ހިމެނޭ ކަމަށް ބުނެފައިވެ އެވެ. ލަންކާގެ ކޯސްޓް ގާޑުން ހާމަކުރި ފޮޓޯއަކުން ފެންނަ ގޮތުގައި، އަތުލައިގަތް ތަކެތީގެ ތެރޭގައި ޔޭޔޭ ކޮފީ އާއި ޕޮޓޭޓޯ ޗިޕްސް އާއި ކޯންފްލޭކްސް ވެސް ހިމެނެ އެވެ. އަތުލައިގަތް ތަކެތީގެ އަދަދެއް ހާމައެއް ނުކުރެ އެވެ.

ހައްޔަރުކުރި އެންމެންނަކީ ވެސް ބެރުވަލާގެ މަސްވެރިންނެވެ.

މި މީހުންނާ ހަވާލާދީ ލަންކާ ކޯސްޓް ގާޑުން ބުނެފައި ވަނީ މަސްވެރިކަމާ ނުކުމެ އުޅެނިކޮށް މިދިޔަ މަހު ރާއްޖޭ ސަރަހައްދަށް އޮޅިގެން ވަދެވުމުން ރާއްޖޭން ބޯޓުތައް ހިފެހެއްޓި ކަމަށެވެ. ހައްޔަރުކުރި މީހުން ބުނެފައި ވަނީ އޭގެ ފަހުން އެހީވީ ރާއްޖޭން ރައީސް އޮފީހުގެ މީހެއް ކަމަށާއި ބޯޓުގައި ލަންކާ އަށް ގެންދިޔަ ތަކެތި ހޯދަން އެހީވީ ވެސް ރައީސް އޮފީހުން އެހީވި މީހަކު ކަމަށެވެ.

މެއި މަހުގެ 29 ވަނަ ދުވަހު ރާއްޖޭގެ ކޯސްޓް ގާޑުން ވަނީ މ އަތޮޅާއި ވ އަތޮޅު ސަރަހައްދުން ލަންކާގެ ތިން މަސް ބޯޓެއް އަތުލައިގެންފަ އެވެ. އެ ބޯޓުތައް ފެނުނީ އެ ދެ އަތޮޅުގެ އިރުމަތިން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ 30 މޭލުގެ އެތެރެއިން ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެ އެވެ. ކޯސްޓް ގާޑު ހުރަވީން އަތުލައިގަތް މިއިން ކޮންމެ ބޯޓެއްގައި ވެސް ހަ މީހުން ތިބި ކަމަށް ވެސް އޭރު ބުނެފައިވެ އެވެ.

ރާއްޖޭން ލަންކާ އަށް ވަގަށް މުދާ ގެންދިޔަ މައްސަލާގައި ލަންކާ އިން ހައްޔަރުކުރި ހަ މީހުން ފުލުހުންނާ ނުވަތަ ކަސްޓްމަސްއާ ހަވާލުކުރާނެ ކަމަށް ވެސް ކޯސްޓް ގާޑުން ބުނެފައިވެ އެވެ.