ވަށިގާޑިޔާ
ވަށިގާޑިޔާ

ބުދަ ދުވަހާ ގުޅޭ

ދެން ހޯދަން ބޭނުންވީ ގާތިލުގެ ނަމެވެ. އޭނަ އުޅޭ ތަނެކެވެ. ރައްޔާ މަރައިލި ސަބަބެވެ. ނޫހުގައި ފޮޓޯ ޖަހައިފި ނަމަ، ކުށްވެރިޔާ ފިލަން މަސައްކަތް ކޮށްފާނެކަމުގެ ބިރު އޮތެވެ. ސާޖަންޓު ތޮލާލު ބޭނުންވަނީ، ކުށްވެރިޔާ ފަހުން އިންކާރުކުރިޔަސް ތަހުގީގުގައި ކުށް ސާބިތުކުރެވޭ ވަރުގެ ހެއްކާ އެކުގައި ކުށްވެރިޔާ ހައްޔަރުކުރާށެވެ. ދުނިޔޭގެ އެހެން ގައުމުތަކާ އަޅައިބަލާ އިރު މާލެ ކުޑައެވެ. އެހެނަސް މީހުން ގެއްލުވައިލުމާއި، މީހުން މަރައިފައި ފިލައި ރައްކާވުމަކީ މާލޭގައި ހިނގާ ކަމެކެވެ. ގެއްލުވައިލާ މީހާގެ ހަށިގަނޑެއް ނުހޯދެއެވެ. ގާތިލު އަތަކުނުޖެހެއެވެ. އެތައް އަހަރެއްވެފައިވާ، އެ ފަދަ ވޭދަނަ އެބަހުއްޓެވެ.  

ރައްޔާގެ ގަބުރު ފެނުނު ފޮށި ގަތީ ޒުވާނެކެވެ. ފޮށްޓަށް ފައިސާދެއްކީ ކޭޝްކާޑުންނެވެ. ކާޑުގެ ވެރިފަރާތަކީ ހުސެއިން އުސައިދުއެވެ. ފޮށި ގަތްތާ މާ ގިނަ އިރެއް ނުވެ، ހަމަ އެ ކާޑު ބޭނުންކޮށްގެން އެސްޓީއޯ ސްޕަމާކެޓުން ރަބަރު އަންގި ޖޯޑަކާއި، ލައްފިލުވާ ފުޅިޔަކާއި، އެލުވާ ތަޅެއް ގަތްކަން ވެސް ފުލުހުންނަށް ފާހަގަވިއެވެ. ހަމަ އެހެންމެ "ގުޑްނައިޓު" ނަމަކަށް ކިޔާ ގެސްޓުހައުސްއަކުން ވެސް ހަމަ އެ ކާޑު ވަނީ ބޭނުންކޮށްފައެވެ. އެ ވަގުތު ވެސް ތޮލާލު ހިތަށްއެރިއެވެ. ހާދިސާ ހިނގީ އެ ގެސްޓުހައުސް ތެރޭގައި ނޫންބާއެވެ؟

ކޭޝްކާޑުގެ ވެރިފަރާތުގެ އައިޑީކާޑު ނަންބަރު ފުލުހުން ހޯދިއެވެ. އުސައިދަކީ މާލޭގެ ރަށްވެއްސެއް ނޫނެވެ. އައިޑީކާޑުގައި ޖަހައިފައިވާ ފޮޓޯއާއި، ފޮށި ގަތް ވަގުތު ނެގިފައިވާ މަންޒަރުތަކުން ފެނުނު މީހާޔާ އަޅައިކިޔައިލި އިރު އެއީ އެކަކެވެ. އެއްވެސް ޝައްކެއް ނެތެވެ. އެކަމަކު ރައްޔާ މަރައިލީ އުސައިދުކަން ސާބިތުކުރާނީ ކިހިނެއް ހެއްޔެވެ؟ ފޮށްޓާއި އެހެނިހެން ސާމާނު ގަތް މީހާއަކީ، ރައްޔާ މަރައިލި މީހާއަށް ވާކަށް ނުޖެހެއެވެ. މަރައިލީ އެހެން މީހަކު ކަމުގައި ވެދާނެއެވެ. އުސައިދުގެ ބަޔާނަށް އެކަނި ބަރޯސާވާކަށް ތޮލާލު ބޭނުމެއް ނޫނެވެ.

އައިޑީކާޑުގައި ޖަހައިފައިވާ ފޮޓޯގެ ކޮޕީއެއް ހައްދައިގެން ތޮލާލު ދިޔައީ "ގުޑްނައިޓު" ގެސްޓުހައުސްއަށެވެ. ގެސްޓުހައުސްގެ އިސްތިގުބާލުގައި އެ ވަގުތު އިން ކުއްޖާއަށް އުސައިދުގެ ފޮޓޯ ދެއްކުމުން އޭނައަށް އުސައިދު އެނގުނެވެ. އުސައިދު ހުރި ކޮޓަރީގެ ނަންބަރު ވެސް ބުނެދިނެވެ. އެކަމަކު އޭރު އުސައިދު ކޮޓަރި ދޫކޮށް ހިނގައްޖެއެވެ.

ފޮށި ގަތްތާ މާ ގިނަ އިރެއް ނުވެ، ފޮށި ހިފައިގެން އުސައިދު ގެސްޓުހައުސްއަށް އައިކަން، ސީސީޓީވީގެ މަންޒަރުތަކަށް ބެލުމުން އެނގެއެވެ. އޭގެ މާ ކުރިން އުސައިދުއާ އެކުގައި ރައްޔާ ވެސް އައެވެ. ރައްޔާ ގެސްޓުހައުސްއިން ދިޔަ ތަނެއް ނުފެނެއެވެ. ފުލުހުން ކޮޓަރިއަށް ވަން އިރު މުޅި ކޮޓަރިން ދުވަނީ ލައްފިލުވާބޭސް ވަހެވެ. އެ ވަސް ނުކެނޑިގެން އޭރު ވެސް ކޮޓަރީގެ ކުޑަދޮރުތައް ހުރީ ހުޅުވައިފައެވެ. ކޮޓަރީގެ ތަޅުންގަނޑަކު ލޭގެ ނިޝާނެއް، ހަމަލޮލަށް ފެންނާކަށް ނެތެވެ. ތަން އޮތީ ލައްފިލުވާއިން ދޮވެފައެވެ. ތޮލާލާ އެކުގައި އައި ފޮރެންސިކު ޓީމުގެ ލޮލުގައި އެހެން ކަމެއް އަޅައިގަތެވެ. އެއީ ގޮދަޑީގައި ހުރި ފަނޑު، މުށިކުލައަކަށްދާ ލައްތަކެވެ. ފުރަތަމަ ފެނިފައި ވެސް އެއީ ލޭކަން، ތަޖުރިބާކާރު ލޯތަކަށް އެނގުނެވެ.

"ސާންޕަލް ނަގާ!" އަނަސް އިރުޝާދުދިނެވެ. "އަހަންނަށް ޔަގީން ޓައިލްސްގަ ވެސް ލޭ ހުންނާނެ. ލުމިނޯލް ޓެސްޓެއް ހަދާ! މުޅި ތަން ވަރަށް ޑީޓެއިލްކޮށް ފޮޓޯނަގާތި!"

ޓީމުގެ މެންބަރުން ވަގުތުން ހަރަކާތްތެރިވިއެވެ. ލައްފިލުވާބޭހުން ލޭގެ ލައްތައް ވަރަށް ފަސޭހައިން ފިލުވައިލެވެއެވެ. ހާއްސަކޮށް ތަށިމުށި ކަހަލަ ހަރު އެއްޗެހީގައި ހުންނަ ލައްތައް، ހަމަލޮލަށް ނުފެންނަ ވަރު ކުރެވެއެވެ. އެކަމަކު ލުމިނޯލް ފަދަ ކެމިކަލެއް ބޭނުންކުރުމުން، ހިމަގުލޮބިންގައި ހުންނަ ދަގަނޑުގެ މާއްދާ ފާޅުވެއެވެ. ލައްފިލުވާއިން ދިހަ ފަހަރު ދޮވެފައި، އޭގެ މަތިން ދަވާދު ލިޔަސް، ލުމިނޯލަކަށް ނުފިލޭނެއެވެ. ލުމިނޯލް ހޭކުމަށް ފަހު ތަން އަނދިރިކޮށްލުމުން، ލޭގެ އެއްވެސް އަސަރެއް ހުރި ތަނެއް ނަމަ، އެ ތަނެއް ހުންނާނީ ރެދަންލައިފައި ހުންނަ ކަހަލަ ގޮތަކަށެވެ.

"ކްރައިމްސީނަކީ މީ!" ވަރަށް ޔަގީންކަމާ އެކުގައި އަނަސް ބުންޏެވެ. "މި ވަރުން ކޯޓުއަމުރެއް ހޯދޭނެ. އުސައިދު ހައްޔަރުކުރެވޭނެ."

"އަންގިޔާ، ބްލީޗްފުޅި ވެސް ފެނިއްޖެއްޔާ ދެން ނޯންނާނެ ސަލާމަތްވާނެ އެއް ގޮތެއް ވެސް،" ތޮލާލު ބުންޏެވެ. "އެއްވެސް އެއްޗެއް ފެނިއްޖެއްޔާ އަޕްޑޭޓެއް ދޭތި!"

ނަސީބަކުން، ގެސްޓުހައުސްގެ ފާހާނައިގައި ހުރި ކުނިވަށިގަނޑު ހުރީ ހުސްނުކޮށެވެ. އެ ކުނިވަށިގަނޑުގައި ޕްލާސްޓިކު ކޮތަޅެއް އޮތެވެ. އެ ކޮތަޅު ތެރޭގައި އެސްޓީއޯގެ ކޮތަޅެެއް އޮތެވެ. އެ ކޮތަޅު ތެރޭގައި ރަބަރު އަންގި ޖޯޑަކާއި، މެދަކާ ހަމައަށް ބޭސް ހުރި ލައްފިލުވާ ފުޅިއަކާއި، ފޮށި ގަތުމުން ދިން ބިލުކޮޅާއި، އެލުވާ ތަޅުގެ ހުސް ފޮށި ވެސް އޮތެވެ. އެއީ ތޮލާލު އުންމީދުކުރި ވަރަށް ވުރެ ވެސް ބޮޑު ކާމިޔާބެކެވެ.

އެއްކުރެވުނު މައުލޫމާތުގެ އަލީގައި، ރައްޔާގެ ގާތިލަކީ އުސައިދުކަން، ޝައްކެއް ނެތް މިންވަރަށް ތޮލާލަށް ކަށަވަރުވިއެވެ. އުސައިދުގެ ނަމާއި އައިޑީކާޑު ނަންބަރުގައި ރަޖިސްޓަރީކޮށްފައިވާ ފޯނު ނަންބަރެއް އޮތްތޯ ބެލި އިރު ދިރާގު ނަންބަރަކާއި އޫރީދޫ ނަންބަރެއް ވެސް އޮތެވެ. އެކަމަކު މައްސަލަ އެ ހިސާބުން ހައްލެއްނުވެއެވެ. އުސައިދު ކޮބައި ހެއްޔެވެ؟ އޭނަ ވީ ތަނެއް ނޭނގެއެވެ. ދެ ނަންބަރުގެ ފޯނު ވެސް އޮތީ ނިއްވައިލައިފައެވެ.

ފުލުހުން ދެން ހޯދީ އުސައިދުގެ ފޯނު ރިކޯޑުތަކެވެ. ގެސްޓުހައުސްއިން ނުކުތް ގޮތަށް، ދިރާގު ނަންބަރު ބޭނުންކޮށްގެން އުސައިދު ގުޅައިފައިވަނީ މޯލްޑިވިއަން އަށެވެ. އެ ތަނުން ޓިކެޓު ނަގައިގެން އޭނަ ފުރީ އޭނަގެ ރަށަށެވެ. ކުރި ކުށް ފަޅާނާރާނެކަމުގެ ޔަގީންކަމާ އެކުގައެވެ. އެހެނަސް، ދަތުރުމަތީގައި ވަރަށް މުހިންމު ހެތްކެއް، މުޅި ދުނިޔެއަށް އުސައިދު ހަދިޔާކުރިއެވެ.

އުސައިދަކީ ދެއްކުންތެރިޔެކެވެ. ދައްކާނެ އެއްޗެއް ނެތަސްވެހެވެ. ކަޅުސައިތަށްޓަކާ އެކުގައި ބަޖިޔާއެއް ކެޔަސް، އޭގެ ފޮޓޯ ވެސް އެފްބީއަށް ލައެވެ. އިންސްޓަގްރާމަށް ވެސް ލައެވެ. ރައްޔާ މަރައިލައިފައި އުސައިދު ރަށަށް ދިޔަ މަގުމަތީގައި ވެސް އެފްބީއާއި އިންސްޓަގްރާމަށް ފޮޓޯ ލާފައި ހުރިކަން ސާޖަންޓު ތޮލާލަށް ފާހަގަވިއެވެ. އެ ފޮޓޯގައި އުސައިދު ލައިގެން ހުރީ، ފޮށި ގަންނަން ދިޔަ އިރު ލައިގެން ހުރި ގޮޅިޖެހި، އަތްދިގު ގަމީހެވެ. ފޮޓޯގައި އުސައިދު ހުރީ ވަރަށް ހިނިއައިސްފައެވެ. ކަމެއްވީހެން ވެސް ހީނުވެއެވެ. އެ ފޮޓޯ ޓެގުކޮށްފައިވަނީ އަނީ ކިޔާ އަންހެންކުއްޖަކަށެވެ. އަނީގެ އެފްބީއާއި އިންސްޓަގްރާމު އެކައުންޓު ބަލައިލުމުން އެ ދެ މީހުންގެ މެދުގައި ގާތް ގުޅުމެއް އޮންނަކަން އެނގޭހާވިއެވެ. އަނީއަކީ ވެސް އުސައިދު ރަށު ކުއްޖެކެވެ.

"މި އަންނަނީ ލޯބީ!" އެފްބީގައި އުސައިދު އެންމެ ފަހުން ބުނެފައިވަނީ އެހެންނެވެ.

އަނީގެ އެފްބީ އެކައުންޓު މެދުވެރިކޮށް ފުލުހުން އަނީޔާ ގުޅިއެވެ. އޭނަ އެ ވަގުތު ހުރީ މާލޭގައެވެ. އަނީއާ ސުވާލުކުރުމުން އޭނަ ހުރީ ފުލުހުންނަށް އެއްބާރުލުން ދޭ ގޮތަށެވެ. އުސައިދު ރަށަށް ފުރަމުން "މި އަންނަނީ" ޖަހައިފައި އޮތީ ކީއްވެގެން ހެއްޔެވެ؟ އެ ސުވާލު ފުލުހުން ކުރިއެވެ. އަނީ ބުނި ގޮތުގައި، ކުރިން ހަމަޖެހިފައި އޮތް ގޮތަށް ކަންތައް ދިޔަ ނަމަ، އުސައިދަށް ވުރެ ކުރިން އަނީ ހުންނާނީ ރަށުގައެވެ. އަނީގެ މަންމަ ކުއްލިއަކަށް ބަލިވެގެން މާލޭގައި މަޑުކުރަން ޖެހުނީއެވެ. އިތުރަށް، އަނީ ބުނި ގޮތުގައި ރަށުގައި އުސައިދު އުޅޭނީ އައިޑީކާޑުގައި އޮތް އެޑުރެހަކު ނޫނެވެ. އޭނަ އުޅޭނީ އޭނަގެ ބޭބެއެއްގެ ގޭގައެވެ. އެ ގެއަށް ކިޔާ ނަން ވެސް އަނީ ބުނެދިނެވެ.

ފުލުހުންގެ އެއް ޓީމު އަނީޔާ ސުވާލުތައް ކުރަމުން ގެންދިޔަ އިރު، ކޯޓު އަމުރެއް ހިފައިގެން އަނެއް ޓީމު ނައްޓައިލީ އުސައިދުގެ ރަށަށެވެ. އުސައިދު އުޅޭނެކަމަށް އަނީ ބުނި ގެއަށް ދިޔަ އިރު އުސައިދު ގޭގައި އުޅެއެވެ. ވަގުތުން އުސައިދު ހައްޔަރުކުރިއެވެ. އެކަމަކު އުސައިދުގެ އެއްވެސް އެހީތެރިކަމެއް ނުލިބުނެވެ. ރައްޔާގެ މަރާ އެއްވެސް ގޮތަކުން ގުޅުމެއްވާ ކަމަކަށް އުސައިދު އެއްބަހެއް ނުވިއެވެ. ގޭތެރެ ފާސްކުރި އިރު ލެޕްޓޮޕް ނޫން މުހިންމު އެއްޗެއް ނުފެނުނެވެ. ފުލުހުން އެ ލެޕްޓޮޕަކަށް މާ ބޮޑު ސަމާލުކަމެއް ނުދެއެވެ. ސަމާލުކަން އިތުރުވީ އުސައިދު ލެޕްޓޮޕް ފޮރުވަން އުޅޭހެން ހީވުމުންނެވެ. "ނޭނގި" ލެޕްޓޮޕް މަތީގައި އުސައިދަށް އެއްޗެހި ބެހެއްޓެން ފެށުމުންނެވެ. ލެޕްޓޮޕް ގެންދަން ފުލުހުން އުޅުމުން ފާޅުގައި އުސައިދު ހުރަސްއެޅިއެވެ. އެތައް ބަހަނާއެއް ދެއްކިއެވެ. އެ ހިސާބުން ފުލުހުންގެ ބެލުމުގެ ދަށަށް ލެޕްޓޮޕް ގެންދަން މަޖުބޫރުވީއެވެ.

ކުށްވެރިޔާ ހަނުހުއްޓަސް، ބަޔާން ފަހުން ބަދަލުކުރިޔަސް، ހެކި އަޑުވީއްލައި ވާހަކަދައްކައެވެ. ވަށިގާޑިޔާ ވޭދަނައިގައި ވެސް ހުރިހާ ވާހަކައެއް ދެއްކީ އުސައިދު އެއްލައިލި އަންގިޖޯޑާއި، އެ ސާމާނުތައް އަޅައިފައި ހުރި ކޮތަޅެވެ. އަންގީގެ ބޭރުން ނެގި ޑީއެންއޭ ސުންކުތަކުން ރައްޔާގެ ޑީއެންއޭ ސާބިތުވިއެވެ. އަންގީގެ އެތެރެއިން ނެގި ސުންކުން އުސައިދުގެ ޑީއެންއޭ ސާބިތުކުރެވުނެވެ. ހަމަ އެހެންމެ ރައްޔާއަށް ކޮށްފައިވާ ޖިންސީއަނިޔާ ތަހުލީލުކޮށް ނެގި ސުންކުން ވެސް އުސައިދުގެ ޑީއެންއޭ ސާބިތުވިއެވެ. ފުލުހުންގެ ނަޒަރުގައި ކުށްވެރިޔަކީ އުސައިދުކަން، ޝައްކެއް ނެތް މިންވަރަށް ކޯޓުގައި ސާބިތުކުރުމަކީ ދާދި ފަސޭހަކަމެކެވެ. އެހެން ވިޔަސް، ވޭދަނަ އިތުރަށް ވަރުގަދަކުރުމަށް ޓަކައި، އުސައިދުގެ ލެޕްޓޮޕުން އިތުރު ހެއްކެއް ފެނޭތޯ ފުލުހުން އަތްފުނާއެޅިއެވެ. ހެކި ގިނަވުމުން މައްސަލަ ސާބިތުކުރަން މަގު ކުރުވާތީއެވެ. އޭގެ އިތުރަށް، ލެޕްޓޮޕް ނުދޭން އުސައިދު މަސައްކަތްކުރީ ކީއްވެގެން ހެއްޔެވެ؟ އެ ސުވާލަށް އެކަށޭނަ ޖަވާބެއް ތޮލާލު ބޭނުމެވެ.

ފުލުހުންގެ ކޮންޕިއުޓަރ ފޮރެންސިކު ޔުނިޓުން އުސައިދުގެ ލެޕްޓޮޕާ ހަވާލުވީ ސާޖަންޓް އަންވަރެވެ. އަންވަރު ލެޕްޓޮޕް ހާވައިލުމާއެކު އިތުރު ހެކިތައް ފެންނަން ފެށިއެވެ. އުސައިދު ނެޓުން އެންމެ ގިނައިން ހޯދަން މަސައްކަތްކޮށްފައިވަނީ ރައްޔާގެ ޚަބަރެވެ. އެއްވެސް ނޫހެއްގައި ރައްޔާގެ ޚަބަރެއް އޮތް ނަމަ އެ ޚަބަރެއް އުސައިދު ވަނީ ބަލައިފައެވެ. އެއީ، ކުށް ކުރުމަށް ފަހު ކުށްވެރިޔާ ކުރާ ކަމެކެވެ. ތިމާއަށް ޝައްކުކުރެވޭ ކަހަލަ އެއްވެސް ހެއްކެއް ފުލުހުންނަށް ހޯދޭތޯ ބެލުމަށް ޓަކައެވެ. ރައްޔާ ނޫން އެހެން މީހެއްގެ ޚަބަރަކަށް އުސައިދުގެ ޝައުގުވެރިކަމެއް ނެތެވެ. އެންމެ މީހެއް ފިޔަވައެވެ.    

ނުނިމޭ