25 ނޮވެމްބަރ 2016 - 14:33

ގޮތް ނޭނގޭ ބައްޔެއްގެ ޝިކާރައަކަށްވެފައިވާ އިބްރާހިމް ޒާހިލް އަށް ބެންކޮކުގައި މިހާރު ފަރުވާ ދެމުން އަންނަ އިރު، އޭނާ އަށް ކާން ދިނުމަށް ގޮހޮރަށް ހޮޅިއެއް ލެއްވި ނަމަވެސް އެކަން ކާމިޔާބު ނުވި ކަމަށް އާއިލާ އިން ބުނެފި އެވެ.
ގިނަ ބައެއްގެ އެހީތެރިކަމާ އެކު ފައިސާ އެއްކޮށްގެން، ރާއްޖޭން ބޭރުގައި ފަރުވާ ދެމުން އަންނަ ހދ. ނެއްލައިދޫ އަށް އުފަން ޒާހިލް ބަލިވެ އުޅޭތާ އެތައް އަހަރެއް ވެއްޖެ އެވެ. އަދި ބަލިވެގެން ނުކެވޭތީ މީގެ ކުރިން ވެސް އޭނާ އަށް ކާން ދެމުން ދިޔައީ ހޮޅި ގުޅައިގެންނެވެ. އެކަމަކު ބަނޑުން ލޯވަޅެއް ތޮރުފައިގެން، ބޭރުން ހޮޅި ގުޅައިގެން އޭރު ޒާހިލް އަށް ދެވެނީ ހަމައެކަނި ދިޔާ އެއްޗެއްސެވެ.
ޒާހިލް އަށް އިތުރު ފަރުވާ ދެވެން އަންނަނީ އޭނާ އަށް ރަނގަޅު ކާއެއްޗެހި ކާންދެވިގެން ކަމުން، މިދިޔަ އާދިއްތަ ދުވަހު ވަނީ އޮޕަރޭޝަންކޮށްގެން، އޭނާގެ ގޮހޮރަށް އެތެރޭން ހޮޅިއެއް ގުޅައިފަ އެވެ. އެކަމަކު، އާއިލާ އިން ބުނި ގޮތުގައި އެ ގޮތަށް އޭނާ އަށް ކާކަށް ނުދެވުނެވެ.
"ފެން ފަދަ އެއްޗެހި ދިނީމަ ވެސް ހޮޅި ތެރޭން ނުދާތީ ބެލި އިރު، ދާންވާ ގޮތަކަށް ކާއެއްޗެހި ހޮޅިން ދަތުރެއް ނުކުރޭ. އެހެންވެ، ޑޮކްޓަރުން ލަފާ ދެނީ ފަރުވާ އަށް ދެން އޮޕަރޭޝަން ކުރުމަށް،" ޒާހިލްގެ ބޭބެ އަކު ބުންޏެވެ.
މިހާރު ޒާހިލް އަށް ކާންދެނީ ކުރިން ވެސް ކާންދެމުން އައި ގޮތަށް، ސިރިންޖަކުންނެވެ.
އޮޕަރޭޝަން ކުރުމަށް ޑޮކްޓަރުން ލަފާ ދިން ނަމަވެސް އެކަން ކުރަން އާއިލާ އިން އަދި މުޅިން ނުނިންމާތީ، އޮޕަރޭޝަނާ ބެހޭ މައުލޫމާތެއް އާއިލާއަކުން ނުދެ އެވެ. އެކަމަކު، ޒާހިލްގެ ހަށިގަނޑުގައި ކުރިން ހުރި އިންފެކްޝަންތައް ނައްތާލެވިފައިވާތީ، އޮޕަރޭޝަން ކުރުމަށް މާ ބޮޑު ހުރަހެއް އޮތް ކަމަކަށް އާއިލާއަކުން ނުދެކެ އެވެ.
ޒާހިލް މިހާރު ވެސް އޮތީ ހޮސްޕިޓަލުގެ އައިސީޔޫގަ އެވެ. އަދި އޭނާގެ ހާލު މާ ގޯސް ނޫން ކަމަށް އާއިލާ އިން ބުންޏެވެ.
"މިކޮޅަށް ގެނައިރެކޭ ހަމަ އެއްގޮތް. ހާލަތަށް ވަކި ބަދަލެއް ނާދޭ،" ޒާހިލްގެ ބޭބެ ބުންޏެވެ.
ޒާހިލް އަށް އެހީވުމަށް އެކި ފަރާތްތަކުން ހިންގި ހަރަކާތްތަކުގައި 1.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ލިބިފަ އެވެ. އެކަމަކު އޮޕަރޭޝަން ކުރުމަށް ފަހު، އޭނާ އެކޮޅުގައި ގިނަ ދުވަސްތަކެއް ވާންދެން މަޑުކުރަން ޖެހިދާނެ ކަމަށް ލަފާ ކުރެވޭތީ އިތުރު ފައިސާ ބޭނުންވާނެ ކަމަށް އާއިލާ އިން ބުންޏެވެ.