މާރުކޭޓުގެ ގޮޅިތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
މާރުކޭޓުގެ ގޮޅިތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

މާލޭގެ ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓުގެ ގޮޅިތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލުން ހިންގާ ދެ މާރުކޭޓުގެ ގޮޅިތަކުގެ މުއްދަތުގެ ހަމަވުމުން، އެ ތަންތަނަށް ކުރިމަތިލާން މިދިޔަ އާދިއްތަ ދުވަހު ހުޅުވާލައި، އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ދިނެވެ.

ނަމަވެސް ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ، ޓެކްސް ދެއްކި ކަމުގެ ލިޔުން ހޯދުމަށް އެކަށީގެންވާ މުއްދަތެއް ކުރިން ދީފައި ނުވާތީ، ގޮޅިތަކަށް ކުރިމަތިލާން އަންނަ މަހުގެ 17 ވަނަ ދުވަހާ ހަމައަށް މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.

މާރުކޭޓުން މި ފަހަރު ހުޅުވާލާފައިވަނީ 349 ގޮޅި ކުއްޔަށް ދޫކުރުމަށެވެ. އެއީ ލޯކަލް މާރުކޭޓުން 186 ގޮޅިއާ ދަތުރުވެރިންގެ މާރުކޭޓުން 163 ގޮޅި އެވެ. ލޯކަލް މާރުކޭޓުގެ ގޮޅިތަކުގެ ތެރޭގައި ހިމެނެނީ ތަރުކާރީއާ މޭވާ ވިއްކުމަށް ހާއްސަ 100 ގޮޅި، ވަޅޯމަސް ވިއްކުމަށް ހާއްސަ 32 ގޮޅި، ލުއިކާނާ އަދި ސޮފްޓް ޑްރިންކްސް ވިއްކުމަށް 35 ގޮޅި އަދި ގަޑިކަމަރު ވިއްކުމަށް 19 ގޮޅި އެވެ.

ދެ އަހަރަށް ދޫކުރާ ގޮޅިތަކުން ކުލީގެ ގޮތުގައި ނަގަން ނިންމާފައިވަނީ ގޮޅިއެއްގެ ބޮޑުމިނަށް ބަލައި، އަކަފޫޓަކަށް 31.25ރ. އެވެ. އެ ރޭޓުން އެންމެ ބޮޑު ގޮޅިއަށް ޖެހެނީ 2،000ރ. އެވެ.

އިއުލާނުގައި ބުނީ ކޮންމެ މީހަކަށް ވެސް ކުރިމަތިލެވޭނީ އެންމެ ގޮޅިއަކަށެވެ. ޕޮއިންޓް ދޭ އުސޫލަށް ބަލާއިރު މިހާރު ގޮޅި ލިބިފައިވާ މުއްދަތުގެ ތެރޭގައި އަމިއްލައަށް ގޮޅީގައި ހުރެގެން ގޮޅި ހިންގަމުން އަންނަ މީހެއް ނަމަ 30 ޕޮއިންޓް އަދި ސޭޓެއްގެ ގޮތުގައި ނުވަތަ އެހީތެރިއެއްގެ ގޮތުގައި ހުރެގެން ގޮޅި ހިންގަމުން އަންނަ މީހެއް ނަމަ އެ މީހަކަށް 15 ޕޮއިންޓް ދޭނެ އެވެ.

ޕޮއިންޓް ދިނުމުގައި އިތުރަށް ބަލަނީ، ގޮޅި ހިންގާތާ މިހާތަނަށް ވެފައިވާ މުއްދަތަށެވެ. އެއް އަހަރު ވެފައިވާ ނަމަ 15 ޕޮއިންޓު، ދެ އަހަރު ނަމަ 30 ޕޮއިންޓު އަދި ތިން އަހަރު ވެފައިވާ ނަމަ 45 ޕޮއިންޓެވެ.

އެއްވެސް ވަރަކަށް ބިދޭސީން ނުގެންގުޅެ ގޮޅި ހިންގާ މީހެއް ނަމަ 10 ޕޮއިންޓް ދޭނެ އެވެ. މިކަން ބަލާނީ ކައުންސިލްގައި ހުރި ރެކޯޑްތަކުން ކަމަށް ބުނެފައިވެ އެވެ.

ގުރުއަތުލާން ހަމަޖެހިފައިވަނީ ގޮޅިތަކުގައި ކުރުމަށް ކަނޑައެޅިފައިވާ ވިޔަފާރިތަކަށް ކެޓަގަރީކުރުމަށް ފަހު، އެ ކަޓަގަރީއަކަށް ކުރިމަތިލީ މީހުންގެ ތެރެއިން 50 ޕޮއިންޓުން މަތި ލިބޭ މީހުންގެ މެދުގަ އެވެ. އަދި ގުރުއަތުލާނީ، ގޮޅިތައް ބެހިފައިވާ ގޮތަށް، ކުރިމަތިލީ މީހުންގެ މެދުގައި ދެ މާރުކޭޓަށް ވަކިވަކިންނެވެ.