28 ޖުލައި 2021 - 12:29

ކޮލަމްބޯ (ޖުލައި 28) - ދުނިޔޭގެ އެންމެ ބޮޑު ސަފަޔާ ކްލަސްޓާ ސްރީ ލަންކާ އިން ފެނިއްޖެ އެވެ.
ސަފަޔާ ފެނިފައި ވަނީ ލަންކާގައި ޖަވާހިރުގެ މުއްސަނދިކަން ލިބިފައިވާ ރަތުނަޕޫރާގައި މީހެއްގެ ގޭގެ ހުސްކޮށް އޮތް ބައި ކޮންނަނިކޮށެވެ. ސަފަޔާ ފެނިފައި ވަނީ ޖަވާހިރުގެ ވިޔަފާރި ކުރާ މީހަކަށެވެ.
ތަޖްރިބާކާރުން ބުނަނީ މަޑު ނޫކައިގެ އެ ސަފަޔާގެ އަގު ބައިނަލްއަގުވާމީ ބާޒާރުގައި 100 މިލިއަން ޑޮލަރަށް އަރާނެ ކަމަށެވެ. ސަފަޔާގެ ބަރުދަނުގައި 510 ކިލޯ ނުވަތަ 2.5 މިލިއަން ކެރެޓް ހުއްޓެވެ.
"އެހާ ބޮޑު ސަފަޔާއެއް އަހަންނަށް ފެނިފައެއް ނުވޭ. މިއީ ލަފާކުރެވޭ ގޮތުން 400 އަހަރު ކުރިން އުފެދިފައިވާ އެއްޗެއް،" ޖެމޮލޮޖިސްޓެއް ކަމަށްވާ ޑރ. ގާމިނީ ޒޮއިސާ ވިދާޅުވި އެވެ.
ލަންކާގެ ނޭޝަނަލް ޖެމް އެންޑް ޖުވެލަރީ އޮތޯރިޓީގެ ޗެއާމަން ތިލަކް ވީރަސިންހަ ވިދާޅުވީ މިއީ ދުނިޔޭގެ އެންމެ ބޮޑު ސްޓާ ސަފަޔާ އަށް ވާނެ ކަމަށެވެ.
ލަންކާގެ ރަތުނަޕޫރާ މަޝްހޫރުވެފައި ވަނީ ވެސް ޖަވާހިރުގެ ވެރިރަށުގެ ގޮތުގަ އެވެ. ރަތުނަޕޫރާ އިން މީގެ ކުރިން ވެސް ވަނީ އަގުބޮޑު ޖަވާހިރުތައް ފެނިފަ އެވެ. ސްރީ ލަންކާއަކީ ސަފަޔާ އާއި އަގުބޮޑު އެހެން ޖަވާހިރުތައް އެންމެ ގިނައިން އެކްސްޕޯޓް ކުރާ ގައުމެވެ. ޖަވާހިރު އެކްސްޕޯޓްކޮށްގެން ލަންކާ އަށް މިދިޔަ އަހަރު ވަނީ ބައި ބިލިއަން ޑޮލަރު ލިބިފަ އެވެ.