ބޭލް ހަތަރު މަސް ދުވަހަށް ކުޅުމާ ދުރަށް
ބޭލް ހަތަރު މަސް ދުވަހަށް ކުޅުމާ ދުރަށް

މެޑްރިޑް (ނޮވެމްބަރު 25) – ރެއާލް މެޑްރިޑުގެ ވޭލްސް ފޯވާޑް ގަރެތު ބޭލްގެ ކުޑަހުޅަށް ލިބިފައިވާ އަނިޔާ ރަނގަޅުކުރަން އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމަށާއި އެހެންވެ އޭނާ ހަތަރު މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް އެ ކްލަބުން ބުނެފި އެވެ.

ބޭލް އަށް އަނިޔާވީ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެރޭ ސްޕޯޓިން ލިސްބަން އަތުން 2-1 އިން ރެއާލް މޮޅުވި މެޗުގަ އެވެ. ދެ ވަނަ ހާފުގެ ކުރީކޮޅު އަނިޔާވުމާ އެކު އޭނާ ވަނީ ވަގުތުން ބަދަލުކޮށްފަ އެވެ. ރެއާލް މެޑްރިޑުން ބުނީ ބޭލްގެ ކަނާތު ފައިގެ ކުޑަހުޅުގެ ޓެންޑޮންއެއް ނައްޓައިގެން ގޮސްފައިވާ ކަމަށެވެ. އެއީ ފައި ކުޑަވާ އިނގިއްޔާއި ކުޑަހުޅު ގުޅުވައިދޭ ޓެންޑޮންއެކެވެ.

ބޭލްގެ އޮޕަރޭޝަން އަންގާރަ ދުވަހު ލަންޑަނުގައި ކުރުމަށް ހަމަޖެހިފައިވާއިރު އޭނާ އަށް ރިކަވާވެގެން އެންމެ އަވަހަށް ވެސް ކުޅުމުގެ ތެރެއަށް އާދެވޭނީ ބެލެވޭ ގޮތުގައި އަންނަ އަހަރުގެ މާޗު މަހުގެ ފަހުކޮޅެވެ.

އޭނާ އަށް މި މުއްދަތުގައި ރެއާލް މެޑްރިޑުގެ ވަރަށް ގިނަ މެޗުތަކެއް ގެއްލޭނެ އެވެ. ކުރިން ވެސް ބެލެވިފައި އޮތީ އަންނަ މަހުގެ 3 ވަނަ ދުވަހުގެރޭ ބާސެލޯނާއާ އަށް ދެކޮޅަށް ނުކުޅެވޭނެ ކަމަށެވެ.

މީގެ އިތުރުން ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ އަހަރުގެ މާޗު މަހު އަޔަލެންޑާ ދެކޮޅަށް ވޭލްސް ކުޅޭ މެޗު ވެސް ބޭލް އަށް ގެއްލުމުގެ ފުރުސަތު ބޮޑެވެ. ކޮލިފައިން ގްރޫޕުގެ ތިން ވަނައިގައި ވޭލްސް އޮތްއިރު، ބޭލް ނެތުމަކީ އެ ޓީމަށް ދިމާވާނެ ވަރަށް ބޮޑު މައްސަލައެކެވެ

ރެއާލް މެޑްރިޑާ އެކު ދާދި ފަހުން ކޮންޓްރެކްޓް އާކުރި ބޭލް ވަނީ އެ ކްލަބަށް މިދިޔަ ތިން އަހަރު ތެރޭ 139 މެޗުން 65 ގޯލް ޖަހައިދީފަ އެވެ. އެކަމަކު އަނިޔާގެ ސަބަބުން މުހިއްމު ބައެއް މެޗުތައް ވެސް ވަނީ ގެއްލިފަ އެވެ.