23 ޖުލައި 2021 - 08:06

ޒަމާނީ ފެންވަރަކަށް ހަދާފައިވާ މި ގެއިން ފެންނަން ހުރީ އަބްދުލްޣަައްފާރުގެ މަސައްކަތްތެރިކަމެވެ. ކުޑަދޮރުތަކުގެ ތޭރިތަކާއި ފެންޑާގެ ތަނބުތަކުގެ މަތީކޮޅުން ފުރާޅާ ގުޅޭ ހިސާބު ހުރީ ރީތިކޮށް ލަކުޑިން ލިޔެލައިފަ އެވެ. މި ގެއިން ފެންނަ ރީތި އެތައް މަސައްކަތަކަށް ބަލައިލީމާ ވެސް އޭނާގެ ކުޅަދާނަކަން އެނގެ އެވެ.

މާވަޑާން ކުރުމަށް ޓަކައި އޭނާ ފުރަތަމަ ފުރޯގައި ހިފީ އުމުރުން އެންމެ 15 ވަރަކަށް އަހަރުގަ އެވެ. ބައްޕައާ އެކު ނުކުމެ އަހަރެއްހާ ދުވަހު މަސައްކަތް ކޮށްލި އިރު، އޭނާ ހުރީ ރަނގަޅު މަސްދޯންޏެއް ބަނުމުގައި އިސް މާވަޑިއަކަށް މަސައްކަތް ކޮށްލެވޭ ވަރު ވެފަ އެވެ.

ކިއްސަރު ވަޑާމަށް މަޝްހޫރު ރ. އަތޮޅުގެ މާވަޑި އާއިިލާއަކަށް އުފަން އަބްދުލް ޣައްފާރު، ވަޑިއެއްގެ ގޮތުގައި މަޝްހޫރުވާން ފެށީ ނ. ކެނދިކުޅުދޫގައި އުޅޭ ދުރުތާ ތިމާގެ މީހަކަށް ބަނދެދިން 16 ރިޔަނުގެ މަސްދޯންޏެއް ދުއްވަން ފެށި ހިސާބުންނެވެ.
"އުމުރުން 14 ވަރަކަށް އަހަރުގައި އަޅުގަނޑު ފުރަތަމަ ވަޑާމަށް ގެންދިޔައީ ބައްޕަ. ބައްޕައަކީ މާވަޑިއަކަށް ވާތީ އަތްްދަށު ވަޑިއަކަށް ގެންދިޔައީ. އެކަމަކު ދެ ދޯންޏެއް ވަރު ބަނދެލި އިރު، އަތްދަށު މާވަޑިއަކަށް ވެވިއްޖެ،" ވަޑާމުގެ ދާއިރާ އަށް ވަދެވުނު ގޮތް ކިޔައިދެމުން ޣައްފާރު ބުންޏެވެ.
އޭނާ ބުނިގޮތުގައި އިސްމާވަޑިއެއްގެ ހައިސިއްޔަތުން މަސައްކަތް ޓެސްޓްކޮށްލުމުގެ ފުުރުސަތު ފުރަަތަމަ ލިބުނީ އުފަންރަށް، ރ. އުނގުލާ މާ ދުރުގައި ނ. ކެނދިކުޅުދޫގައި ތިބި ބައްޕަަގެ ތިމާގެ ބަޔަކު ކުރި އިތުބާރަކުންނެވެ. އޭނާ ބުނިގޮތުގައި އެމީހުން އުނގުލަށް އައީ ދޯންޏެއް ބަނުމަށް ޓަކައި ބައްޕަ ބަލަ އެވެ. އެކަމަކު ބައްޕަ އޭރު ހުރީ އެހެން ދޯންޏެއްގެ މަސައްކަތާ ހަވާލުވެގެންނެވެ.
"ދެން އަޅުގަނޑު ދައްކާފައި ބައްޕަ ބުނެފި، މިސޮރަަށް މިހާރު ދޯންޏެއް ބަންނަން އެނގޭނޭ. ކަމުދަންޏާ ގެންދާށޭ،" މާވަޑާމުގައި މަޝްހޫރު ނަމަކަށް ވުމަށް ފަހިވި ދޯނި ބަންނަން ހަވާލުވި ގޮތް ކިޔައިދެމުން ޣައްފާރު ބުންޏެވެ.
އެފަހަރު ބަނދެލި 16 ރިޔަނު މަސްދޯނިވީ ކަނޑަށް މޮޅު، ބަލައިލަން ވެސް ވަރަށް ރީތި ދޯންޏަކަށެވެ. އެއާ އެކު އުފެދުނު ޑިމާންޑަށް އޭނާ ފުރިހަމަ އަށް އިޖާބަދިނެވެ. އޭގެ ފަހުން ފަންސަވީހަކަށް އަހަރު މެދުނުކެނޑި މާވަޑާން ކުރި އިރު، އޭނާ އަށް އަތެއް މަދުވެފަ އެވެ. އެހާވަރަށް ވެސް މަސައްކަތް އޮތެވެ.
މާވަޑާމުގައި އޭނާ ހޭދަކުރި އެ ދިގު މުއްދަތުގައި ރާއްޖޭގެ މަސައްކަތްތެރިކަމާއި އޮޑިދޯނިފަހަރަށް ވެސް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފަ އެވެ. އޭގެ އެއް ކަމަކީ މަސައްކަތް ކުރަން ބޭނުންކުރި ސާމާނާއި އޮޑިދޯނިފަހަރުގެ ސައިޒެވެ.
"މިހާރު އެންމެ ކުދި މަސްދޯނިފަހަރުގެ ގޮތުގައި މިބަލާ 50 ފޫޓް ދޯނިފަހަރު ވެސް އޭރު، މަސްވެރިކަމަކަށް ނުބަންނާނެ،" އޮޑިދޯނިފަހަރަށް އައި ބަދަލު ކިޔައިދެމުން އޭނާ ބުންޏެވެ.
އެއަށް ވުރެ ވެސް ބޮޑަށް އޭނާ ހަނދާންކުރާ ކަމަކީ މާވަޑާން ކުރުމަށް ޓަކައި ކުރިން އުފުލި ބުރަ އެވެ. އޭރުގައި ހުރިހާ ކަމެއް ކުރަނީ އަމިއްލައަށް އުފައްދާ އާލާތްތައް ބޭނުންކޮށްގެނެވެ.
"ކޮށާނީ ފުރޮއިން، މަށާނީ އޮޑަލުން، ތޮރުފާނީ ފޮނުމަތުން. މިހެން ދިގުކުރަން ކިޔާނެކަމެއް ނެތް، ހުރިހާ ކަމެއް ވެސް ކުރާނީ އަޅުގަނޑުމެން އަމިއްލައަށް އުފައްދާ ތަކެތިން. ބޭރުން ނުގެންނާނެ ރޮންދާއެއްހާ ހިސާބު ވެސް،" ލެޕްޓޮޕެއް ހުޅުވާލައިގެން އިނދެ ޣައްފާރު ކިޔައިދިނެވެ.
މާވަޑިއެއްގެ ހައިސިއްޔަތުން އޭނާ ވަނީ އެތައް މަސްދޯންޏަަކާއި ނާލުބޯޓުފަހަރެއް ބަނދެފަ އެވެ. މި ޒަމާނުގައި މި ގެންގުޅޭ ބޮޑެތި ކަންނެލި އޮޑިފަހަރު ވެސް ބަނެވެ. އެކަމަކު އޭނާ ބުނިގޮތުގައި އެންމެ ގިނައިން ބަނދެވިފައި ހުންނާނީ ވަދުދޯނިތަކެވެ. އެއީ ރަށްރަށުގައި ވެސް ނިސްބަތުން ގިނަ ބާވަތަކަށް ވާތީ އެވެ.
ވަޑާން ހުއްޓައިލަން ނިންމި އެއް ސަބަބަކީ ޣައްފާރު ބުނިގޮތުގައި އެ ދާއިރާއިން އަރާނެ ތަރިއެއް އެރުމަށް ފަހު، އުމުރުން ދުވަސްވެ، މަސައްކަތުގެ ފެންވަރު ދަށަށް ނުދަނީސް، ޝަރަފުވެރިކަމާ އެކު އެ މަސައްކަތް ހުއްޓައިލަން ބޭނުންވި ބޭނުންވުމެވެ. ދެވަނަ ސަބަބަކީ އަނބިދަރިންނާ ދުރުގައި އަބަދު ރަށުން ބޭރުގައި މަސައްކަތްކުރަން ބޭނުން ނުވުމެވެ.
"އެ މަސައްކަތުން ކިތަންމެ ފައިސާއެއް ލިބުނަސް، އަނބިދަރިންނާ ދުރުގައި އަބަދު ރަށުން ބޭރުގައި އުޅެންޖެހުމަކީ އެއީ ދިރިއުޅުމެއް ނޫން، މި ވެސް ދާއިރާ ބަދަލުކޮށްލަން ނިންމި ސަބަބުތަކުގެ ތެރެއިން ކަމެއް،" އޭނާ ބުންޏެވެ.
މީގެ ކުރިން އޭނާ ބަދަލުވެފައި ވަނީ މަސައްކަތްތެރި ކަމުގެ އެއް ދާއިރާއިން އަނެއް ދާއިރާއަށެވެ. ފުރަތަމަ މަސައްކަތެއްގެ ގޮތުން ކުރީ ރާވެރިކަމެވެ. އެކަމުގައި ދެ އަަހަރު ދުވަސް ހޭދަކުރުމަށް ފަހު، މާލެއަށް ގޮސް ފޭބީ ވަޑާންގެ އަކަށެވެ. ތެދުއި ވަޑާމުގައި ވެސް އެހެންވީމާ އަހަރު ދުވަހުގެ ތަޖުރިބާ ލިބުނެވެ. މާވަޑާން ކުރަން ފެށީ އޭގެ ފަހުންނެވެ.
ރާވެރިކަމުން ތެދުއި ވަޑާމަށް އަދި އެ މަސައްކަތުން މާވަޑާންކުރަން ބަދަލުވުމަކީ އެހާ ނުގުޅޭ ބަދަލުތަކެއް ނޫނެވެ. އެކަމަކު މެދު އުމުރަށް ދަންދެން ވަޑާން ކޮށްފައި ކުއްލިއަކަށް އިމާމު ކޯސް ހަދައިލުމަކީ ފަސޭހަ ކަމެއް ނޫނެވެ.
"އެއް ދުވަހު ހުސައިން އިބްރާހީމަށް ގުޅާފައި ބުނަން ވެސް ބުނިން، ދެން މިކަން ހުއްޓައިލާށޭ މި ވިސްނަނީ ފާސްނުވެދާނެތީ އެބަ ކަންބޮޑުވޭ،" އިމާމު ކޯހުގެ ވަކި ހިސާބަކުން ކަންވީ ގޮތެއް ކިޔައިދެމުން ޣައްފާރު ބުންޏެވެ.
ހުސައިން އެ ދުވަހު ބުނީ "ދޫކޮށްނުލާށޭ، ތިޔަކަން ވެސް ވާނެޔޭ" އެވެ. އެއާ އެކު އާ ހިތްވަރެއްލައި ޣައްފާރު ކޯސް ނިންމާލީ އެއްވަނަ ދަަރަޖައިގަ އެވެ. އެކަމަކު އެއަށް ފަހު ވެސް އޭނާ ވަގުތުން ވަޒީފާ ހޯދަން ތެޅިފޮޅިއެއް ނުގަނެ އެވެ. އިމާމެއްގެ ވަޒީފާ އިއުލާނުކުރަންދެން ހަމަ އުޅުނީ ރަށު ތެރޭގެ އެހެން މަސަައްކަތްތަކުގަ އެވެ.
އޭގެ ކުޑަދުވަސްކޮޅެއް ފަހުން ހުސްވި އިމާމުކަން ލިބި، އޭނާއަކީ މިހާރު ހުޅުދުއްފާރުގެ ދެ މިސްކިތުގެ ތެރެއިން އެއް މިސްކިތުގެ އިމާމެވެ. އެކަމަކު އޭނާއަކީ ރާވެރިކަމާއި ތެދުއި ވަޑާމުގެ އިތުރުން ލިޔެލާޖަހަން ވެސް ދަންނަ މީހެކެވެ. ރާނާއި ސިމެންތިޖެހުމުގައި ވެސް އޭނާ އަކީ ކުޅަދާނަ މީހެކެވެ. މިއީ ހަމަ އެކަނި އިމާމެއް ނޫނެވެ. އިހު މީހުން ބުނާ ގޮތުން ނަަމަ ފަސްމީރު ކުރި ރުކެކެވެ.