15 ޖުލައި 2021 - 22:36

ރާއްޖޭގައި ވެކްސިން ޓޫރިޒަމް ތައާރަފުކުރުމުން ޓޫރިސްޓުންނަށް ކޮވިޑް-19ގެ ވެކްސިން ދޭނީ ވިޔަފާރިއެއް ގޮތަށް ނޫން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ބޯޑަރު އަލުން ހުޅުވިތާ އެއް އަހަރު ފާހަގަކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުސޫމް ވިދާޅުވީ ވެކްސިން ޓޫރިޒަމަކީ މި ދުވަސްކޮޅު ރާއްޖެ ޕްރޮމޯޓު ކުރަން ލިބުނު ބޮޑު ފުރުސަތެއް ކަމަށެވެ. އަދި ތާވަލުކޮށްފައި އޮތް މުއްދަތުގައި އެ ޕްރޮޖެކްޓު ފެށޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މައުސޫމް ވިދާޅުވި ގޮތުގައި ވެކްސިން ޓޫރިޒަމް ފަށާނީ މި އަހަރުގެ ހަތަރުވަނަ ކުއާާޓަރުގެ ތެރޭގަ އެވެ. އެހާތަނަށް ރާއްޖޭގެ އެންމެނަށް ވެކްސިން ޖަހައި ނިމޭނެ ކަމަށް އޭނާ ލަފާ ކުރެ އެެވެ.
"މިހާރުވެސް ވެކްސިންގެ ކަންތައް އެދަނީ މަޑުޖެހުމެއް ނެތި. އޮގަސްޓް މަސް ނިމޭއިރު ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ ބޮޑު ބަޔަކަަށް ވެކްސިން ޖަހައި ނިމޭނެ. އެހެންވެ އަޅުގަނޑުމެން ކުރިންވެސް ބުނިގޮތަށް ތިނެއް ނުވަތަ ހަތަރުވަނަ ކުއާޓާގެ ތެރޭގައި ވެކްސިން ޓޫރިޒަމް ފެށޭނެ،" މައުސޫމް ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނިގޮތުގައި މިހާތަނަށް ރިސޯޓް މުވައްޒަފުންގެ 80 ޕަސެންޓު ވަނީ ވެކްސިން ފުރިހަމަކޮށްފަ އެވެ. ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ 50 ޕަސެންޓަށް މިހާރު ވަނީ ފުރަތަމަ ޑޯޒު ޖަހައިފަ އެވެ.
މައުސޫމް ވިދާޅުވީ ރާއްޖޭގައި ވެކްސިން ޓޫރިޒަމް ފެށި ނަމަވެސް ވިޔަފާރިއެއް ގޮތަަށް އެކަން ނުކުރާނެ ކަމަށެވެ. ޓޫރިސްޓުންނަށް ވެކްސިން ދޭނީ ޝުކުރު އަދާ ކުރުމުގެ ގޮތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޕެންޝަނާސްއަކީ ރާއްޖެއަށް ވަރަށް މުހިންމު މާކެޓެއް. އެމީހުންނަށް ކޮވިޑްގެ ނުރައްކާ އެންމެ ބޮޑީ. އެހެންވެ އެ މީހުންނަށް އެ ފުރުސަތު ދިނުމަށާއި ކޮވިޑްގެ މި ދަނޑުވަޅު ރާއްޖެއަށް ދަތުރު ކުރި މީހުންނަށް ޝުކުރިއްްޔާ ބުނަން ކުރިއަށްގެންދާ ޕްރޮގްރާމެއް މިއީ،" މައުސޫމް ވިދާޅުވި އެވެ.
ރާއްޖޭގައި ވެކްސިން ޓޫރިޒަމް ފަށާ ވާހަކަ އިއުލާން ކުރުމުން ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ސަމާލުކަން ރާއްޖެއަށް ވަނީ ލިބިފަ އެވެ. މިއީ މިފަދަ ޕްރޮގްރާމެއް ފަށާކަން އިއުލާން ކުރި ފުރަތަމަ ފަހަރެވެ.