ކެޔޮދޫ "އީދު ކުނބުސް" އެނގޭތަ؟
ކެޔޮދޫ "އީދު ކުނބުސް" އެނގޭތަ؟

ވޭހޭ ބޯ ވާރެ އާއި ޖެހެމުންދާ ގަދަ ވަޔާ ހެދި ހީވަނީ ބަދިގޭގެ ފުރާޅު އެއްލައިލަފާނެ ހެންނެވެ. އާމިރާ އަހުމަދު އޭނާގެ މަންމައާ އެކު އެހާ ދަން ގަޑިއެއްގައި ބަދިގޭގައި އިންނަން ޖެހުނީ، ބަދިގެތެރެ ފެންބޮޑުވެ، އުނދުނަށް "ކުނބުސް" ނުލެވި، ހަދާނެ ގޮތެއް ނެތިފަ އެވެ.

ކެޔޮދޫ "އީދު ކުނބުސް" އެނގޭތަ؟
ކެޔޮދޫ "އީދު ކުނބުސް" އެނގޭތަ؟

މިފަހަރު ކުނބުސް ފިހަން ޖެހުނީ ދުމަށިމަތީގައި ތެއްޔަށް އަޅިތައް އަޅައިގެންނެވެ.

ކެޔޮދޫ "އީދު ކުނބުސް" އެނގޭތަ؟
ކެޔޮދޫ "އީދު ކުނބުސް" އެނގޭތަ؟

އެއީ، މީގެ ފަންސާހަކަށް އަހަރު ކުރީގެ ހަނދާނެކެވެ. ކުނބުސް އެޅުމުގެ އެ ހަނދާންތައް، ވ. ކެޔޮދު އަށް އުފަން އާމިރާ ކިޔައިދިނީ އުފާވެރި ކަމާ އެކު އެވެ.

ކެޔޮދޫ "އީދު ކުނބުސް" އެނގޭތަ؟
ކެޔޮދޫ "އީދު ކުނބުސް" އެނގޭތަ؟

އޭނާ ބުނި ގޮތުގައި "ކުނބުސް" ނާޅައިފި ނަމަ ކެޔޮދޫގެ އެއްވެސް ގެއަކަށް އޭރަކު "އީދެއް ނާދެ" އެވެ. ކުނބުސް އަކީ ކޮންމެ އީދަކާ ދިމާކޮށް ކެޔޮދޫގައި އެންމެ މަގްބޫލު އަދި އެންމެ ތަފާތުކޮށް ހަދާ ފޮނި ބޯކިބާ އެވެ. މިއީ، އެ ހިސާބުގަނޑުގައި ވެސް ވަރަށް މަޝްހޫރު، ބޯކިބާގެ ތެރޭގައި ހިމެނޭ ބާވަތެކެވެ.

ކެޔޮދޫ "އީދު ކުނބުސް" އެނގޭތަ؟
ކެޔޮދޫ "އީދު ކުނބުސް" އެނގޭތަ؟

ކުނބުސް ހަދަނީ އާންމުކޮށް ރާއްޖޭގެ ކޮންމެ ރަށަކުން ވެސް ވަރަށް ފަސޭހައިން ލިބޭ އެއްޗިހިންނެވެ. މި ބޯކިބާ ހެދުމަށް އެންމެ ފުރަތަމަ ޖެހެނީ ހަނޑޫ ފެނުއަޅާށެވެ. އެއަށްފަހު އެ ހަނޑޫތައް މުގުރާނީ، ނުވަތަ ފުނޑާނީ އެވެ. އެއަށްފަހު ގަބުނި ގޭނުމަށް ފަހު އުނދުނަށް އުދާނީ އެވެ. އަދި ހަކުރާއި ދިޔާ ހަކުރު އަޅައިގެން އެއްކޮށް ކައްކާނީ އެވެ. ގޭނި ގަބުޅި ތަތްވަންދެން ހިލާނީ އެވެ. އަދި އޭގެ ތެރެއަށް މުގުރި ހަނޑޫ އަޅއިގެން ހިލާނީ އެވެ.

ކުނބުސް ހެދުމުގައި، ބައެއް އެހެން ރަށްރަށާ ހިލާފަށް ކެޔޮދޫ ރައްޔިތުން ގެންގުޅޭ އެންމެ ތަފާތު ކަމަކީ އުނދުނުގައި ހުންނަ ހުރިހާ އަޅިތަކެއް ނަގާފައި، ތެއްޔަށް އުނިފަތް އަތުރާފައި، ހިލި ހަނޑުލު ފުއްގަނޑު އެއަށް އެޅުމެވެ. ކެޔޮދޫގައި، މަތިމައްޗަށް ހޫނު އަޅިގަނޑު އަޅަ އެވެ. އަދި އެ އަޅާފައި އީދު ދުވަހުގެ ހެނދުނާ ޖެހެންދެން އޭތި ބާއްވަ އެވެ. ކުނބުސް އަށް އަޅާ ހޫނު އަޅިތައް ނަގާނީ ދަރުއުނދުގައި ކެއްކުމަށް ފަހު ބާކީވާ ބައެވެ. ކުނބުސް ނަގަންދެން، މިގޮތަށް ގޭގައި ހުންނަ ދަރު އުނދުނަށް އެއްވާ އަޅިތައް ކުނބުގެ މައްޗަށް އަޅާނެ އެވެ. ބައެއް މީހުން ތިން ހަތަރު ދުވަސް ކުރިން ކުނބުސް އަޅާފައި ބާއްވަ އެވެ.

އާމިރާ ބުނި ގޮތުގައި އާންމުގޮތެއްގައި ކުނބުސް އަޅަނީ އީދަށް ތިން ދުވަސްވަރު ކުރިންނެވެ. ބޮޑު އީދަށް ނަމަ ހައްޖު މަހުގެ އަށް ވަނަ ދުވަހު އަދި ކުޑަ އީދު ނަމަ ރޯދަ މަހުގެ 27 ނުވަތަ 28 ގައި ކުނބުސް އެޅުމުގެ ތައްޔާރީތައް ވާނެ އެވެ.

"އެންމެ ދުރު ހަނދާނަކަށް ވަނީ، ކުނބުސް އެޅުމަށް މަންމައާ އެކު އުނި ގަހު ފަތް ބިންނަން ދާ މަތިން. އޭރު ރަށު ވަލަށް ދާނީ. ކޮންމެ ގެއަކުން ވެސް ބަލާނީ އަވަހަށް ގޮސް ރީތި، ބޮޑެތި ފަތް ލިބޭތޯ،" އޭނާ ބުންޏެވެ.

ރަށުގައި ކުނބުސް އެޅުމުގެ ފޯރި ގަދަވެ ބައެއް ފަހަރު އެންމެ ފަހަށް ދާ މީހާ އަށް އުނިފަތް ނުލިބިގެން، ކައިރި ރަށްތަކުން އުނި ފަތް ގެނެސްގެން ވެސް މި ތައްޔާރުކުރެ އެވެ.

"އޭރު ވަލުގައި އަތިރިމައްޗާ ވާ ގޮތަށް ވަރަށް ބައިވަރު އުނި ގަސްތައް އޮންނާނެ. އެކަމަކު ވެސް ކުނބުސް އަޅަން ފަތްތައް ބިނދެ ބިނދެ، ގަހުގައި ހުންނާނީ ގޮފިތައް އެކަނި،" އޭނަ ބުންޏެވެ.

އެއް ކުނބުސް އެޅުމަށް ގާތްގަނޑަކަށް ފަންސާކަހަށް ބޭނުންވެ އެވެ. އާންމު ގޮތެއްގައި އެއް ގޭގައި ތިން ހަތަރު ކުނބުސް އަޅާނެ އެވެ. އެހެންވެ ދުއިސައްތައެއްހާ އުނި ފަތް ވެސް ހޯދަން ޖެހެ އެވެ.

ކުނބުސް އެޅުމުގައި އުނިފަތް ބޭނުން ކުރަނީ ކީއްވަގެން ކަމެއް އާމިރާއަކަށް ވެސް ނޭންގެ އެވެ. އެނާ ބުނާ ގޮތުން އެންމެ ކުރީއްސުރެ ވެސް ކުނބުސް އެޅުމަށް ބޭނުންކުރާ ފަތަކީ އުނި ފަތް ކަމަށް ވާތީ އެކަން އެގޮތަށް ދެމެމުން އަންނަނީ އެވެ.

އޭރު ކުނބުހަކީ އީދު ނަމާދަށް ފަހު އޮންނަ ސައިގައި ކެޔޮދޫގެ ރައްޔިތުން ކޮންމެހެން ވެސް ކާން ޖެހޭ އެއްޗެކެެވެ. މި ބޯކިބާ ނުބައި ނުވެ އެތައް ދުވަހަކު ބޭނުން ވެސް ކުރާ ކަމަށް ވެ އެވެ.

"އޭރު ކުނބުސް ނާޅާ އީދެއް ހަނދާނެއް ނުހުރޭ. ހަމަ ހުރިހާ ގެއަކުން ގަވައިދުން ކުރާ ކަމެއް އެއީ. އެ ތައްޔާރުކުރަން ބޭނުންވާ ހުރިހާ ސާމާނެއް ވެސް ރަށުން ލިބޭނެ. އާންމުކޮށް އީދަށް މަހެއްހާ ދުވަހަކަށް ވުމުން މި ތައްޔާރު ކުރަން ހުރިހާ ގެއަކުން ވެސް ދިޔާހަކުރު ފުޅިއެއް ރައްކާކުރާނެ،" އޭނާ ކިޔައިދިނެވެ.

މިހާރާ ހިލާފަށް މީގެ އަހަރުތަކެއް ކުރިން، ކުނބުސް ގެންދާނީ އީދު ނަމާދަށް ފަހު ސައިބޯން ރަށު ރައްޔިތުން އެއްވާ ސަރަހައްދަށެވެ. ރައްޔިތު އެންމެންހެން ބައިވެރިވާ އެ ސައި ކެޔޮދޫގައި އޮންނާނީ ބޮޑު މަގުގައި ފަން އަޅައިގެންނެވެ.

ޒަމާނަށް އައި ބަދަލާ އެކު މިހާރު ކުނބުސް އެޅުމަށް ވެސް ވަނީ ބޮޑެތި ތަފާތުތަކެއް އައިސްފަ އެވެ. ކެޔޮދު އަށް އުފަން ހައްވާ މުހައްމަދު، 57، ބުނީ އެންމެ ކުރީ ޒަމާނުގައި ކުނބުސް އަޅާ ގޮތަށް މިހާރު އެކަން ނުކުރާ ކަމަށެވެ. މިކަން އެންމެ ބޮޑަށް ބަދަލުވި އެއް ސަބަބަކީ، ދަރު އުނދުން ނުލިބުމެވެ.

"މިހާރު ހުރިހާ ގެއެއްގައި ހުންނާނީ ގޭސް އުނދުން. އަނެއްކޮޅުން ކުނބުސް އަޅަން ބޭނުންވާ އެންމެ މުހިއްމު އެއްޗަކީ ދިޔާހަކުރު. ދިޔާހަކުރު ވެސް މިހާރު ގަންނަން ޖެހޭނީ މާލެއިން އަގުބޮޑުކޮށް،" އޭނާ ބުންޏެވެ.

މިހާރު އީދާ ދިމާކޮށް އިހުގައި ކޮންމެ ގެއަކުން އަޅާ އުސޫލުން ރަށުގައި ކުނބުސް އަޅައެއް ނޫޅެ އެވެ.

"މިހާރު ހަމަ ބޯކިބާ އަޅާ ގޮތަށް ތަވާގައި ނޫނީ އަވަނުގައި ފިހާނީ. އެހެންވެ ކުރިން އެކަން ކުރުމުގައި އޮންނަ ފޯރި ވެސް ވަރަށް ކުޑަ،" އޭނާ ބުންޏެވެ.

މިހާރު ކެއުމުގައި ވެސް ދިވެހިން އޭރު ގެންގުޅުނު ވައްޓަފާޅި މިވަނީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. އެންމެ އިހުގައި އެކަން ކުރި ގޮތަށް ރަށުގައި އެކަން ނުކުރި ނަމަވެސް ކެޔޮދޫގައި ހަރު އުމުރުގެ އަންހެންވެރިން އަދިވެސް ވަރަށް ފޯރިއާ އެކު ކުނބުސް އަޅާ އުޅެ އެވެ.