24 ޖުލައި 2021 - 07:11

މުނާސަބަތުތަކަށް ޅެން ހަދަ އެވެ. ތަފާތު ހިޔާލުތަކަށް ވާހަކަ ލިޔެ އެވެ. އެކި މައްސަލަތަކުގެ ބަހުސްގައި ހިނގާ ގަލަމެކެވެ. އަހުމަދު ސައީދުގެ ހިތް ދޫވެފައިވަނީ ވެސް ދިވެހިބަހާއި ތާރީހަށެވެ. ހާއްސަކޮށް އޭނާގެ އުފަން ރަށް، ރ. މީދޫގެ ކަންކަން ހޯދައި ބަލައި ދިރާސާކުރުމަށެވެ.

ސްކޫލުގައި ކިޔެވި އިރު އަދަބީ ކަންކަމަށް ހާއްސަ ގަދަރެއް ދެވުމުން، އަހުމަދު ސައީދު، 35، މަސައްކަތްކުރީ ވެސް ދިވެހި ބަސް ކުރިއަރުވާށެވެ. ރަށުގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުން ގްރޭޑު 10 ނިންމާލުމަށް ފަހު ވެސް އެކި ކަންކަމާ ގުޅުވައިގެން ޅެންތައް ހަދައި ސޯޝަލް މީޑިއާގައި އާންމުކުރަމުން ދިޔަ އެވެ.

އެގޮތަށް މަސައްކަތްކުރަމުން ދާތީ، އާއިލާ އަދި ގާތް ރަހުމަތްތެރިންގެ އެދުމަކަށް ރަށުގެ ތާރީހު ދިރާސާކުރަން ރަސްމީކޮށް މީގެ ހަތް އަހަރު ކުރިން ފެށި އެވެ. އަމިއްލަ ވެބްސައިޓަކާއި ފޭސްބުކު ޕޭޖެއް ހަދައި އެ ޕްލެޓުފޯމުގައި ލިޔުންތައް ހިއްސާކުރަން ފެށި އެވެ. އާންމުން ދިން ހިތްވަރާއި ތައުރީފުން މަސައްކަތުގައި އިތުރަށް ޝައުގުވެރިވި އެވެ.

އަހުމަދު ސައީދު ތާރީހު ދިރާސާކުރަން ފެށީ، ރަށުގެ އިރުމަތީ އަވަށުގެ އިޖުތިމާއީ އަދި އުމްރާނީ ތަރައްގީގެ އެންމެ ބޮޑު ރޯލެއް އަދާކުރި އަދި އޭނާ ވެސް އެތައް ހިދުމަތެއް ކޮށްދީފައިވާ ޖަމިއްޔަތުއްސަލާހުގެ ހިންގާ ކޮމިޓީއާ ގުޅުނު ހިސާބުންނެވެ.
"އެ ދުވަސްވަރު ހިންގުނު ބައެއް ހަރަކާތްތަކާއި ބޭއްވުނު ޖަލްސާތަކުގައި އެކި ބޭފުޅުންނާއި އަދި ކަންކަމާ ބެހޭ ސްކްރިޕްޓް ލިޔެ ވީޑިޔޯއާ ފޮޓޯ ބޭނުންކޮށްގެން ރިޕޯޓްތައް ހަދަން ފެށުނު. އެގޮތުން އެންމެ ފުރަތަމަ ދިރާސާކޮށްގެން ރިޕޯޓެއް ލިޔެވުނީ ރަށުގެ މުދިމަކަށް އުޅުނު މޫސާ އަލީއާ ގުޅޭގޮތުން. އެ ރިޕޯޓު ލިޔެވުނީ ވަރަށް މަސައްކަތުން. ވަރަށް ގިނަ ވަގުތު އެކަމަށް ހޭދަކުރަން ޖެހުނު،" ރަށުގެ ސިއްހީ މަރުކަޒުގެ ރިސެޕްޝަނިސްޓުގެ ޒިންމާ އަދާކުރަމުން އަންނަ އަހުމަދު ސައީދު ބުންޏެވެ.
ރޯދަ މަހެއްގައި ބޭއްވި އެ ޖަލްސާގެ ޝަރަފުވެރި މެހެމާނަކަށް ވަޑައިގަތީ، މީދޫން ތައުލީމް ހާސިލްކުރެއްވި އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝިމް އަލީ އެވެ. އަހުމަދު ސައީދު ތައްޔާރުކުރި ވީޑިއޯ ރިޕޯޓު ރަނގަޅުވެގެން އެކަން މަރްހޫމް ޑރ. އަފްރާޝިމް ވެސް އެ ރޭ ފާހަގަކުރެއްވި އެވެ.
"ޖަލްސާ ނިންމާފައި ޖަމިއްޔާގެ ވެރިންގެ އަރިހު ޑރ. އަފްރާޝިމް އެއްސެވި މިރޭ އެ ގެނެސްދިން ރިޕޯޓު ލިޔުނިީ ކޮންކުއްޖެއްތޯ. އަޅުގަނޑުކަން އެނގިވަޑައިގަތުމުން، ގޮވާލައްވާފައި ވިދާޅުވި ވަރަށް ފުރިހަމަ ކަމަށް. ތައުރީފުގެ ބަސްތަކުން ވަރަށް ބޮޑަށް ހިތްވަރުދެއްވި،"
ތާރީހު ދިރާސާކުރުމުގައި އަހުމަދުގެ ޝައުގުވެރިކަން ބޮޑަށް ހުންނަނީ އެކި ފަންނުގެ އެކި ގިންތީގެ ހިދުމަތްތެރިންނާއި ހުނަރުވެރިންނާއި ޝަހުސިއްޔަތުންގެ ވަނަވަރު ހޯދައި ޝާއިއުކުރުމަށާއި އަދި ނެތެމުންދާ ބައެއް ކަންކަން ދިރާސާކުރުމަށެވެ. ނަމަވެސް ދުވަސްވީ ލިޔުންތައް ރައްކާކޮށްފައި ނެތުމަކީ މިކަމުގައި އޭނާއަށް ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ. އެހެންވެ، އެންމެ ބޭނުންވާ ސްޕީޑުގައި، ކިޔުންތެރިންނާ ހަމައަށް މައުލޫމާތު ނުގެނެސްދެވެ އެވެ.
"ކުރީގެ މައުލޫމާތު ދިރާސާކުރެވި ފެންނަން ނެތުމުން ދަތިތަކާ ކުރިމަތިވޭ. މިސާލަކަށް، މީގެ ސަތޭކަ އަހަރު ކުރީގެ ކަންކަން ވެސް ހޯދާ ސައްހަ ކުރެވޭނެގޮތެއް ނެތް. ރަށު ކައުންސިލްގައި ކުރީގެ މުހިއްމު ގިނަ މައުލޫމާތުތައް ހުރުން އެކަށީގެންވޭ. އެހެން ނަމަވެސް އެފަދަ ލިޔެކިއުންތަކުގައި ގިނަވާނީ އާއްމުކުރެވެން ނުހުންނަ މައުލޫމާތު،" ބައްޕަގެ ސަބަބުން ޅައުމުރުގައި އިޖުތިމާއީ ކަންކަމުގެ ތެރެއަށް ވަދެވުނު އަހުމަދު ސައީދު ބުންޏެވެ.
"ބުނި ބުނުމުގެ މައްޗަށް މި އޮންނަނީ. އެއަށް ބާރުދޭ ކިތާބީ ހެކިތަކެއް ނުހުރޭ. ފުދޭ ވަރަކަށް ފަހުގެ މައުލޫމާތު އަޅުގަނޑުމެންނަށް ވެސް މި އެނގެނީ، ދުނިޔޭގައި ތިބި އުމުރުން ދުވަސްވީ މީހުންގެ ފަރާތުން. އެގޮތަށް، 70 އަހަރުން މަތީގެ ބޭފުޅުންނަށް ވެސް އެނގޭ 40 އަހަރުގެ މީހުންނަށް އެނގޭ މައުލޫމާތު. ލިޔެކިޔުންތަކުން ފެންނާކަށް ނެތް މާގިނަ ހެކިތަކެއް. އެހެންވެ ތާރީހު ދިރާސާކުރަމުންދާއިރު އެންމެ ބޮޑަށް ފާހަގަވާ ކަމަކީ އެކަންތައް. މާ ބޮޑަށް ޔަގީންކުރެވޭނެ ކަމެއް ނެތް،"
އިޖުތިމާއީ އަދި އުމްރާނީ ތަރައްގީގެ އިތުރުން ކުޅިވަރުގެ ދާއިރާއިން ރަށުން ފާހަގަކޮށްލެވޭ މީހުންނާ ގުޅޭ ކޮންމެ ލިޔުމެއް ލިޔަން ވެސް އަހުމަދު ސައީދަށް ފަސޭހަ އެވެ. އަދި އެގޮތަށް ލިޔާއިރު އޭނާ ބަލާ މިންގަނޑުތަކެއް ހުރެ އެވެ. އެކަމަކު، ރަށުގައި ވެރިކަން ކުރެއްވި ބޭފުޅުންނާ ނައިބުންނާ ގުޅޭގޮތުން އަދި ވެސް އޭނާ ބޭނުންވާ މައުލޫމާތުތައް ނުލިބޭތީ އެ ބޭފުޅުންގެ ހިދުމަތްތައް ގެންނަން ވީ އުނދަގޫ ކަމަކަށެވެ.
"އެކަންކަން ސައްހަކުރެވޭނެ ލިޔެކިޔުންތައް ނެތީމާ، ބުނި ބުނުންތަކުގެ މައްޗަށް ލިޔަން އެހާ ބޮޑަށް ބޭނުންނުވޭ،" އަހުމަދު ސައީދު ބުންޏެވެ.
މި ހުރިހާ މައުލޫމާތެއް ހޯދަން ރަށުގެ އެކި ކޮޅުކޮޅަށް ދުވެ، މީހުންނާ ބައްދަލުކުރަނީ ލިބޭ ހުސްވަގުތުތަކުގަ އެވެ. މަސައްކަތުގައި އަހުމަދު ސައީދަށް އެހީތެރިވެ ޓީމެއް އޮތަސް، މިއީ، އޭނާ ދެކޭގޮތުގައި، އެކަކު ކުރާ ކަމަކަށް ވުރެ ބޮޑު މަސައްކަތެކެވެ. ރަސްމީކޮށް މިކަމުގެ ތެރެއަށް ވަންނާނެ ބަޔަކު ތިބިނަމަ އަހުމަދު ސައީދު ހުރީ މިހާރަށް ވުރެ ބޮޑަށް، ފުޅާކޮށް ތާރީހު ދިރާސާކުރުމުގެ ތެރެއަށް ވަންނާށެވެ.
"ހީވެދާނެ މިއީ ވަރަށް ފަސޭހަކަމެކޭ، ހާއްސަކޮށް ތާރީހު ދިރާސާކުރުން. އެކަމަކު މިއީ ވަރަށް ބުރަ ބޮޑު މަސައްކަތެއް. މަސްއޫލިއްޔަތެއް ނޫނީ ޒިންމާއެއް ގޮތަށް ވިސްނައިފިއްޔާ ވަރަށް ބޮޑު ކަމެއް މިއީ. އަސްލު މި ލިޔާ ލިޔުންތަކުގައި ދޮގު ހުރެގެން ނުވާނެ. އެހެންވީމަ، މި ލިޔާ ލިޔުންތަކަކީ ފަހުގެ ޖީލުތަކާ ހަމައަށް ގެނެސްދެވޭނެ އެއްޗެއް. އެކަމުގައި އަޅުގަނޑާ އެކު މަސައްކަތްކުރާނެ ޒުވާނުން ނެތީމާ އަސްލު ހިތްމަރުވާ ގޮތްވޭ. ވަރަށް ބޮޑަށް ދެރަވޭ،"
އަހްމަދު ސައީދު ބުނީ މި މަސައްކަތުގައި އޭނާގެ ތަސައްވަރުތަކެއް އެބަހުރި ކަމަށެވެ. އެކީގައި ބަޔަކު ބައިވެރިވެގެން މިކަން ކުރަން ތިބި ނަމަ ރަސްމީކޮށް މި މަސައްކަތް މިއަށްވުރެ ފުޅާކުރަން އޭނާ ބޭނުންވެ އެވެ.
"އަޅުގަނޑުގެ ތަސައްވުރެއް އެއީ، އަޅުގަނޑު އަތުން މި ރަށުގެ، ރަށު ލެވެލްގައި މައުލޫމާތުތައް އެކި ފަރާތްތަކަށް ފޯރުކޮށްދެވޭނެ ދުވަހެއް ފެހިގެން ދިއުން. މިސާލަކަށް ތަނެއް ހުޅުވައިގެން އެތަނުގައި ލިޔެކިޔުން ރައްކާކޮށްގެން ނަމަވެސް ސްކޫލު ކުދިންނަށް ނޫނީ ޓީޗަރުންނަށް ނޫނީ އެކި ފަރާތްތަކަށް ބޭނުންވާ މުހިއްމު މައުލޫމާތުތައް އެއް ފުރާޅެއްގެ ދަށުން ލިބޭނެ އިންތިޒާމެއް ހަމަޖެހިގެން ދިއުން. އެއީ ވަރަށް ބޭނުންވާ ދުވަހެއް،" ދައުލަތުގެ މީޑިއާގެ ރ. އަތޮޅު ބިއުރޯގައި ނޫސްވެރިއެއްގެ ގޮތުގައި އަދި ވީޓީވީގައި ޕާޓް-ޓައިމް ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތްކުރަން ވެސް ފުރުސަތު ލިބުނު އަހުމަދު ސައީދު ބުންޏެވެ.
މީދޫގެ ތާރީހަށް ހާއްސަ އޭނާގެ ޕޭޖުގައި ހުރިހާ މައުލޫމާތެއް އަދި ފޮޓޯއެއް ހާމަކުރަނީ އެ ހައްގުވެރިންގެ ހުއްދަ ހޯދައިގެންނެވެ. ލިއުންތައް ޝާއިއު ކުރުމުގައި ބަލަނީ އެންމެ ފަސޭހައިން ލިބެން ހުންނަ މައުލޫމާތުގެ ލިއުންތައް އަވަސްކޮށްލާށެވެ. މައުލޫމާތު ނޯޓު ކޮށްފައި ހުއްޓަސް ސައްހަކުރުމަށް ގިނަ ދުވަސް ނަގާ ލިއުންތައް އޭނާ ލަސްކޮށްލަނީ އެވެ.
"ކަމާ ގުޅުންހުރި މީހުންނާ ބައްދަލުކޮށް ސުވާލުކޮށްގެން ކަންކަން އޮޅުންފިލުވައި ނޯޓު ކުރަނިީ ފުރަތަމަ. ދެން އިތުރަށް ދިރާސާކުރުމަށް މުޅި ރަށުތެރޭ އަތްފުނާ އަޅަން. ބައެއް މައުލޫމާތު ހޯދުމަށް އެކި ރަށްރަށުގައި ތިބި މީހުންނަށް ގުޅަންވެސް ޖެހޭ،"
ތާރީހީ ލިޔުންތަކުގެ އިތުރުން އަހުމަދު ސައީދުގެ ހިދުމަތް ރާއްޖޭގެ އެކި ސްކޫލުތަކާއި ސަރުކާރުގެ މުއައްސަސާ އަދި އިދާރާތަކަށް ލިބިފައި ވެ އެވެ. ސޯޝަލް މީޑިއާގައި އަމިއްލަ ޅެންތައް ހިއްސާކުރަން ފެށި ހިސާބުން، އެފަދަ ޅެންތައް ހަދައިދިނުމަށް ރ. އަތޮޅުގެ އެކި ސްކޫލުތަކާއި މާލޭގެ ސްކޫލުތަކުގެ އިތުރުން އެމްއެންޑީއެފުން އެދިގެން އެ އިދާރާއަށް ވެސް ހިލޭ ސާބަހަށް ޅެން ހަދައިދިނެވެ.
"އަޅުގަނޑު ކައިރީގައި އެހީއަކަށް އެދެފި ކޮންމެ މީހަކަށް އިޖުތިމާއީ ރޮނގުން ވިޔަސް އެއްބާރުލުން ދެން. އަދަބީގޮތުން ވެސް އަޅުގަނޑަށް ކޮންމެ ކަހަލަ ހުށަހެޅުމެއް އަޔަސް، އެގޮތަށް މާލޭގެ ސްކޫލުތަކުން ވެސް އަންނާނެ އަދި ރާއްޖޭގެ އެކި ސްކޫލުތަކުން ވެސް އާދޭ ހުށަހެޅުން. އެމްއެންޑީއެފް ތަންތަނަށް ވެސް ލަވަ ހަދައިދެން،" ހިލޭ ސާބަަހަށް ކޮށްދޭ މަސައްކަތްތަކާ ގުޅޭގޮތުން އަހުމަދު ސައީދު ބުންޏެވެ.
ހިލޭ ސާބަހަށް މަސައްކަތް ކޮށްދިނަސް ދިވެހި ބަހާއި ތާރީހުގެ ތެރެއިން އިތުރު ކަންކަން ދަސްކޮށް، އެ ރޮނގުން ކުރިއަށްދާން އަހުމަދު ސައީދު ބޭނުންވެ އެވެ. އެކަމުގައި އޭނާ މިހާރު އެންމެ ބޭނުންވަނީ ވެސް ގައުމީ ފެންވަރުގައި ބާއްވާ އެފަދަ މުބާރާތެއްގައި މީދޫ ތަމްސީލުކުރާނެ ފުރުސަތެކެވެ.