"އެލޯ ވެރާ ޖެލް" ހުންނަ އުފެއްދުންތައް މަދު
"އެލޯ ވެރާ ޖެލް" ހުންނަ އުފެއްދުންތައް މަދު

އެލޯ ވެރާ ޖެލް އަކީ އެލޯ ވެރާ ގަހުގެ ފަތުގެ ގުދުރަތީ ޖެލް އެކެވެ. ހަމުގެ އެކި ބަލިތަކަށް ހުރި ފަރުވާއެއް އަދި ހަންގަނޑު ރީތި ކޮށް އޮމާން ކޮށްދޭ ޖެލްއެކެވެ. އެކަމަކު ވަގުތު ނެތިގެން އުޅޭއިރު އުނގުޅާލަނީ ފިހާރަތަކުން ލިބެން ހުންނަ އެލޯ ވެރާ ޖެލް ބޭނުންކޮށްގެންނެވެ. އެކަމަކު އެކި ބްރޭންޑުތަކުން އުފައްދާ އެލޯ ވެރާ ޖެލް ފުޅީގައި ގިނައިން ހުންނަނީ އަސްލު އެލޯ ވެރާ ނޫން ކަމަށް ފަހުގެ ދިރާސާތަކުން ހާމަވެ އެވެ.

ބްލޫމްބާގް ނިއުސްގެ އިން ވަނީ އެލޯ ވެރާ ޖެލްގެ އުފެއްދުންތަކުގެ އަސްލަކީ ކޮބައިތޯ ބެލުމަށް ތަހުގީގީ ހޯދުންތަކެއް ހޯދައިފަ އެވެ. ޓާގެޓް، ވޯލްމާޓް ފަދަ މަގުބޫލު ފިހާރަތަކުން ވިއްކާ އެލޯ ވެރާ ޖެލް ފުޅިތައް ލެބޯޓަރީއެއްގައި ޓެސްޓުކުރުމުން، އެލޯ ބާބަޑެންސިސް (އެލޯ ފަތުގެ ޖޫސް) ނެތްކަން ހާމަވި އެވެ.

ލެބޯޓަރީގައި އެކި ވައްތަރުގެ އެލޯ ވެރާ ޖެލް ޕްރޮޑަކްޓްތައް ޓެސްޓު ކުރިކަމަށް ބްލޫމްބާގްއިން ބުނެފައިވެ އެވެ. އަސްލު އެލޯ ވެރާގެ އިތުރުން އެލޯ ވެރާގެ ބައި-ޕްރޮޑަކްޓެއް ކަމަށްވާ ލެކްޓިކް އެސިޑް ވެސް އެ ބްރޭންޑުތަކުގައި ނެތެވެ. އޭގައި ވަނީ ޓްރީތެނޮލަމައިން އާއި މަލްޓޮޑެކްސްޓްރިން ފަދަ ފިލާޒް އާއި އެޑިޓިވްސް އެވެ.

ހަންގަނޑު ރަނގަޅުކޮށްދީ، ފިނި ކޮށްދޭ އެންޓި ވައިރަލް ކޮމްޕައުންޑް އެސްމަންނާން އެއިން އެއްވެސް ޕްރޮޑަކްޓެއްގައި ނެތެވެ. އެސްމަންނާން ނުހުންނަ ކޮންމެ ފޯމިއުލާ އަކީ އަލްކޮހޮލް އާއި ފިނި ފެން އެއްކޮށްފައި ހުންނަ، ހަންގަނޑަށް އެއްވެސް ފައިދާ ނެތް ޕްރޮޑަކްޓެއް ކަމަށް ބްލޫމްބާގްގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ކޮންސެންޓްރޭޓަޑް އެލޯ ކޯ ފަދަ ބޮޑު ކުންފުނިތަކުން މި ރިޕޯޓަށް ފާޑު ކިޔާފައިވެ އެވެ. ޕްރޮޑަކްޓުތައް ޓެސްޓު ކުރަން ފޮނުވި ލެބޯރަޓަރީތަކުން ބޭނުންކުރީ ނިއުކްލިއާ މެގްނެޓިކް ރެސޮނަންސް މެތަޑެވެ. އެ ގޮތަކީ ފައިދާ ހުރި މައުލޫމާތެއް ދިރާސާ ކުރެވޭނެ ގޮތެއް ނޫން ކަމަށް އެ ކުންފުނިތަކުން ބުނެފައިވެ އެވެ. އަދި އެލޯ ވެރާ ޕްރޮޑަކްޓްތަކަށް އެލޯ ވެރާ އަޅާފައި ވަނީ ކިހާ ވަރަކަށްކަން ހާމަ ކުރެވޭނެ އެއްވެސް ގޮތެއް އަދި ހޯދިފައެއް ނެތް ކަމަށް ބުނެފައިވެ އެވެ.

ބްލޫމްބާގްއިން ބުނިގޮތުގައި އަސްލު އެލޯ ވެރާ ގަސް އިންދައިގެން އޭގެ ޖެލް ވިޔާފަރި ކުރުމަކީ ނުހަނު އުނދަގޫ އަދި އަގުބޮޑު ކަމެކެވެ. ވީމާ ފިހާރަތަކުން ލިބެން ހުންނަ އެލޯ ވެރާ ޖެލް ފުޅިއެއްގެ ބަދަލުގައި އަސްލު އެލޯ ވެރާ ގަހެއް ގެންގުޅުމަށް ހާޕާޒް ބަޒާރް މަޖައްލާއިން ނަސޭހަތްތެރިވެ އެވެ.