ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 176 ކިލޯގެ މަސްތުވާތަކެތި ނައްތާލައިފި
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 176 ކިލޯގެ މަސްތުވާތަކެތި ނައްތާލައިފި

އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 176.55 ކިލޯގެ މަސްތުވާތަކެތި ނައްތާލައިފި އެވެ.

ދޫނިދޫގައި މިއަދު ނައްތާލާފައި ވަނީ 2006 ވަނަ އަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 1،000 ގްރާމް ކެނަބިސް، 2016 ވަނަ އަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 2،925.952 ގްރާމް ކޮކޭން، މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މަސްތުވާތަކެތީގެ ތެރެއިން ނައްތާނުލެވި ހުރި ތަކެތި އަދި މި އަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 7،1874.1000 ގްރާމް ހެރޮއިން ކަމަށް ފުލުހުން ބުންޏެވެ.

މިއަދު ނައްތާލި މަސްތުވާތަކެތީގެ ތެރޭގައި 5،418 ރަބަރު ޕެކެޓު، 3،312 ސެލޯފިންކޮޅު، ފިލްމު ހުސްކުރި 351 ދަޅު، 193 ބުލެޓު، 15 ބިޑި އަދި 1،460 ބޭސް ގުޅަ ހިމެނެ އެވެ. އަދި މަސްތުވާތަކެތި ބޭނުންކުރުމަށްޓަކައި ގެންގުޅޭ އާލާތް ހިމެނޭހެން އެހެނިހެން ތަކެތީގެ ތެރޭގައި ހިމެނޭ 3،746 އައިޓަމެއް ނައްތާލާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މީގެ ކުރިން ވެސް ފުލުހުން ވަނީ، އަތުލައިގެންފައި ހުރި ގިނަ އަދަދެއްގެ ބަނގުރަލާއި މަސްތުވާތަކެތި ނައްތާލައިފަ އެވެ.