15 ޖުލައި 2021 - 15:47

އެމްއެމްޕީއާރުސީން "ތަސްވީރު" ގެ ނަމުގައި ބައިނަލްއަގްވާމީ ކުރެހުމުގެ މުބާރާތެއް މިއަދު ފަށައިފި އެވެ.
މޯލްޑިވްސް އާޓިސްޓް ކޮމިއުނިޓީއާ ގުޅިގެން ފެށި މި މުބާރާތުގައި ބޭރުގެ ކުރެހުންތެރިންގެ އިތުރުން ދިވެހިންނަށް ވެސް ބައިވެރިވެވޭނެ އެވެ. "ސެލެބްރޭޝަން އޮފް ނޭޗާ، ބިއުޓިފުލް އިކޯ ސިސްޓަމް" އެވެ.
"ސެލެބްރޭޝަން އޮފް ނޭޗާ، ބިއުޓިފުލް އިކޯ ސިސްޓަމް" މުބާރާތުގައި ކުރެހުންތެރިންނަށް ޑިޖިޓަލް ޕެއިންޓިން އާއި މިކްސްޑް މީޑިއާ އާޓައި ޕެއިންޓިން ވެސް ހުށަހެޅޭނެ އެވެ. މި އާޓުވޯކުތައް ހުށަހަޅަން ޖެހޭނީ އެކަމަށް ހާއްސަ ކޮށްގެން އެމްއެމްޕީއާރުސީން ހުޅުވާފައިވާ ވެބްސައިޓަށެވެ. މި ކުރެހުންތައް ހުށަހެޅޭނީ އަންނަ މަހުގެ 15ގެ ނިޔަލަށެވެ.
އެމްއެމްޕީއާރުސީން ބުނީ މި މުބާރާތުގައި ހުށަހަޅާ ކުރެހުންތަކުގެ ތެރެއިން އުފެއްދުންތެރިކަމާއި ކުރެހުމުގެ މީޑިއަމްގައި ފަންނުވެރިކަމާއި ކޮންސެޕްޓަށް ބަލައި ޖުމުލަ 12 ކުރެހުން ހޮވާނެ ކަމަށެވެ. އެއީ ހަ ދިވެހި ކުރެހުންތެރިންނާއި ބޭރުގެ ހަ ކުރެހުންތެރިންނެވެ. މި 12 ކުރެހުން ވިޒިޓް މޯލްޑިވްސްގެ އިންސްޓަގްރާމް ޕޭޖުގައި އާއްމުކުރާނެ އެވެ.
މިގޮތަށް އިންސްޓަގްރާމްގައި އާއްމުކުރާ ކުރެހުންތަކުގެ ތެރެއިން ލައިކްސް އާއި ފަނޑިޔާރުނގެ މާކްސް އަށް ބަލައި ހަތަރު ކުރެހުމެއް ހޮވާނެ އެވެ. އެއީ ދިވެހި ކުރެހުންތެރިންގެ ދެ ކުރެހުމާއި ބޭރު ކުރެހުންތެރިންގެ ދެ ކުރެހުމެވެ. މީގެ ތެރެއިން އެއްވަނައަށް ދާ ދެ ކުރެހުމަށް 3000 ޑޮލަރު (46،260ރ.) ހުށަހަޅާފައިވާއިރު ދެވަނައަށް ދާ ކުރެހުމަށް 2000 ޑޮލަރު (30،840ރ.) ވަނީ ހުށަހަޅައިފަ އެވެ.
މި މުބާރާތުގެ އިތުރުން ވިޒިޓް މޯލްޑިވްސްގެ އިންސްޓަގްރާމް ޕޭޖުގައި ލައިކް އެންޑް ޝެއާ ކޮންޓެސްޓެއް ވެސް ކުރިއަށްދާނެ އެވެ. މި ކޮންޓެސްޓުން ހޮވޭ މީހަކަށް ވިޒިޓް މޯލްޑިވްސްގެ އެގްޒެކެޓިވް ޕެކެއް ލިބޭނެ އެވެ.
އެމްއެމްޕީއާރުސީން ބުނީ ކުރެހުމުގެ މުބާރާތަކީ ރާއްޖެއަކީ މަގުބޫލު މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކޮށް ޑިޖިޓަލް ޕްލެޓްފޯމުތަކުގައި ވިޒިޓް މޯލްޑިވްސްގެ އެންގޭޖުމަންޓުތައް އިތުރު ކުރުމަށް ކުރިއަށްގެންދާ މުބާރާތެއް ކަމަށެވެ.