ބާސެލޯނާ ބަރޯސާވަނީ ހަމައެކަނި އަހަންނަކަށް ނޫން: މެސީ
ބާސެލޯނާ ބަރޯސާވަނީ ހަމައެކަނި އަހަންނަކަށް ނޫން: މެސީ

ބާސެލޯނާ (ނޮވެމްބަރު 25) - ބާސެލޯނާ އަކީ ދުނިޔޭގެ އެންމެ ވަރުގަދަ ޓީމު ކަމަށާއި އެ ޓީމު ބަރޯސާވަނީ އެންމެ ކުޅުންތެރިޔަކަށް ނޫން ކަމަށް ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ބުނެފި އެވެ.

ބާސެލޯނާއާ އެކު މެސީ ހަދާފައިވާ އެއްބަސްވުން އާ ކުރުމުގެ މަޝްވަރާތައް ކުރިއަށްދާއިރު އަދިވެސް އެކަމަށް އަލިމަގެއް ނުފެނެ އެވެ. މެސީ ބޭނުންވާ ޝަރުތެއް ހިމަނާފައި ނުވާތީ އޭނާ ވަނީ އެއްބަސްވުމުގެ ވާހަކަތައް މަޑުޖައްސާލައިފަ އެވެ.

ރިޕޯޓްތައް ބުނާގޮތުގައި މެސީ ބޭނުންވަނީ ފަސް އަހަރަށް އެއްބަސްވުން އާ ކުރާއިރު، އެ އެއްބަސްވުމުގެ ފުރަތަމަ ތިން އަހަރު ނިމުމުން ފަހު ދެން އޮތް ދެ އަހަރު ތެރޭ ޔޫރަޕުން ބޭރު ކްލަބަކަށް އޭނާ ބަދަލުވާން ބޭނުންވެއްޖެނަމަ އެ ފުރުސަތު އޭނާ އަށް ލިބޭ ގޮތަށް އެއްބަސްވުމުގައި ހިމެނުމަށެވެ. މެސީ ވަނީ ކެރިއަރު ނިންމާލުމުގެ ކުރިން އޭނާގެ ކުރީގެ ކްލަބް ނެވެލް އޯލްޑް ބޯއީސް އަށް ކުޅެން ބޭނުން ކަމަށް ބުނެފަ އެވެ.

"ބާސެލޯނާ އަކީ ދުނިޔޭގެ އެންމެ ވަރުގަދަ ކްލަބް. އަހަރެން ވަރަށް ކަންބޮޑުވޭ ބާސެލޯނާ އަކީ ހަމައެކަނި އަހަންނަށް ބަރޯސާވާ ޓީމެކޭ ބުނުމުން. ޓީމުގެ ކޮންމެ ކުޅުންތެރިޔަކު ވެސް މުހިއްމު. އަހަރެންނަށް ނުކުޅެވޭ ދުވަހެއްގައި އެހެން ކުޅުންތެރިން ޓީމު މޮޅުކޮށްދޭން އެހީވެދޭ،" މެސީ ބުންޏެވެ.

ބުދަ ދުވަހުގެރޭ ޗެމްޕިއަންސް ލީގުގައި ސެލްޓިކް ކޮޅަށް ބާސެލޯނާ އަށް ދެ ލަނޑު ވެސް ޖަހައިދިނީ މެސީ އެވެ. މި ލަނޑުތަކާ އެކު އޭނާ ވަނީ ބައިނަލްއަގްވާމީ މުބާރާތްތަކުގައި ކްލަބަކަށް 100 ގޯލް ޖަހައިދިން ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ.

މެސީ ގަންނަން އިންގްލެންޑްގެ މެންޗެސްޓާ ސިޓީން ދުނިޔޭގެ ރެކޯޑް އަގެއް ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ.